މިލާން (ސެޕްޓެމްބަރު 18) – އޭސީ މިލާނުގެ ކުރީގެ ވެރިޔާ އަދި އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ އަލުން ފުޓްބޯޅައިގެ ތެރެއަށް ވަންނަވަން އުޅުއްވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެގޮތުން އިޓަލީގެ ތިން ވަނަ ޑިވިޝަނުގައި ވާދަކުރާ މޮންޒާގެ 95 ޕަސެންޓް ހިއްސާ ބައްލައިގަންނަވަން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ކްލަބް ހިންގުން ހަވާލުކުރާނީ މިލާން ވެސް ހިންގި، އެޑްރިއާނޯ ގަލިއާނީއާ ކަމަށާއި އަމާޒަކީ އެ ކްލަބް އިޓާލިއަން ލީގަށް ގެނައުން ކަމަށްވެ އެވެ. މީގެ 105 އަހަރު ކުރިން އުފެދުނު މޮންޒާ ދުވަހަކު ވެސް އިޓަލީގެ މަތީ ފަޑީގައި ވާދަކޮށްފައެއް ނުވެ އެވެ.

ބާލުސްކޯނީ ދިރިއުޅުއްވަނީ މޮންޒާއާ ދާދި ގާތުގައި އޮންނަ އަރްކޯރޭގަ އެވެ. އަދި ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ނުފޫޒު ގަދަ އެއް ސްޕޯޓިން ޑިރެކްޓަރުގެ ގޮތުގައި ކުރިން ހުރި ގަލިއާނީ އުފަންވީ މޮންޒާގަ އެވެ.

ބެންކްރަޕްޓް ވެފައި އޮތް މިލާން 1986 ވަނަ އަހަރު ބައްލަވައިގަތުމަށް ފަހު ބާލުސްކޯނީ ވަނީ އެ ކްލަބް ޔޫރަޕުގެ ފުޓްބޯޅައިގެ ގަދަބާރަކަށް ހައްދަވައިފަ އެވެ. ބާލުސްކޯނީގެ ދައުރުގައި މިލާނުން ޔޫރަޕުގެ ޗެމްޕިއަންކަން ފަސް ފަހަރު އަދި އިޓަލީގެ ޗެމްޕިއަންކަން 8 ފަހަރު ހޯދި އެވެ. މީގެ އިތުރުން ދުނިޔޭގެ ކްލަބް ޗެމްޕިއަންކަން ތިން ފަހަރު ހޯދިއިރު އެ ކްލަބަށް ނިސްބަތްވި ހަތް ކުޅުންތެރިޔަކު ވަނީ ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް އެ މުއްދަތުގައި ހޯދައިފަ އެވެ.

އިޓަލީގެ އެންމެ ނުފޫޒު ގަދަ މަހުޖަނުންގެ ތެރޭގައި ހިމެނިވަޑައިގަތް ނަމަވެސް ފަހު ދުވަސްކޮޅު އޭނާ ވަނީ ކްލަބަށް ބޮޑު ހޭދަކުރެއްވުން ހުއްޓާލައްވައިފަ އެވެ. އަދި ޗައިނާގެ ބަޔަކަށް މީގެ ދެ އަހަރު ކުރިން މިލާން ވިއްކަވާލެއްވުމަށް ފަހު ބާލުސްކޯނީ ހުންނެވީ ފުޓްބޯޅައާ ދުރުގަ އެވެ. ގަލިއާނީ ވަނީ ސިޔާސީ ދާއިރާ އަށެވެ.