މިލާން (އޮގަސްޓް 6) - މިދިޔަ 30 އަހަރު އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ކްލަބް އޭސީ މިލާން ހިންގެވި އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ އެ ކްލަބް ޗައިނާ ބަޔަކަށް ވިއްކާލަން ނިންމަވައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބާލުސްކޯނީގެ އަމިއްލަ ވިޔަފާރި ކުންފުނި ފިނިވެސްޓުން ޗައިނާގެ ސަރުކާރާ ގުޅުން އޮންނަ ކަމަށް ބެލެވޭ ވިޔަފާރި ކޮންސޯޓިއަމަކަށް މިލާން ވިއްކާލަން އެއްބަސްވީ 740 މިލިއަން ޔޫރޯ އަށެވެ. އަދި ޕްރިލިމިނަރީ އެއްބަސްވުންތަކުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ. މީގެ އިތުރުން ކްލަބުގެ 220 މިލިއަން ޔޫރޯގެ ދަރަންޏާ ހަވާލުވެ އަދި ތިން އަހަރު ތެރޭ އެ ކްލަބަށް 350 މިލިއަން ޔޫރޯ އިންވެސްޓްކުރުމަށް ޗައިނާގެ ސިނޯ-ޔޫރަޕް ސްޕޯޓްސް އިންވެސްޓްމަންޓުން ވަނީ އެއްބަސްވެފަ އެވެ.
ބެންކްރަޕްޓް ވެފައި އޮތް މިލާން 1986 ވަނަ އަހަރު ބައްލަވައިގަތުމަށް ފަހު ބާލުސްކޯނީ ވަނީ އެ ކްލަބް ޔޫރަޕުގެ ފުޓްބޯޅައިގެ ގަދަބާރަކަށް ހައްދަވައިފަ އެވެ. ބާލުސްކޯނީގެ ދައުރުގައި މިލާނުން ޔޫރަޕުގެ ޗެމްޕިއަންކަން ފަސް ފަހަރު އަދި އިޓަލީގެ ޗެމްޕިއަންކަން 8 ފަހަރު ހޯދި އެވެ. މީގެ އިތުރުން ދުނިޔޭގެ ކްލަބް ޗެމްޕިއަންކަން ތިން ފަހަރު ހޯދިއިރު އެ ކްލަބަށް ނިސްބަތްވި ހަތް ކުޅުންތެރިޔަކު ވަނީ ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް އެ މުއްދަތުގައި ހޯދައިފަ އެވެ.
އިޓަލީގެ އެންމެ ނުފޫޒު ގަދަ މަހުޖަނުންގެ ތެރޭގައި ހިމެނިވަޑައިގަތް ނަމަވެސް ފަހަކަށް އައިސް ބާލުސްކޯނީ ވަނީ ކްލަބަށް ބޮޑު ހޭދަކުރެއްވުން ހުއްޓާލައްވައިފަ އެވެ. އެއާ އެކު މިލާން ވަނީ ޔޫރަޕުގެ އިތުރުން އިޓަލީގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. މިދިޔަ ސީޒަނުގެ އިޓާލިއަން ލީގު ހަތް ވަނައިގައި މިލާން ނިންމާލި އިރު ޗެމްޕިއަންސް ލީގުގައި މިދިޔަ ދެ ސީޒަން ނުކުޅެ އެވެ.
"މިއީ ހިތްދަތި އެކަމަކު ކޮންމެހެން ނިންމަން ޖެހުނު މުހިއްމު ނިންމުމެއް. އަހަރެން މިލާން ވިއްކާލީ ލޯތްބާ އެކު. އަހަރެން ޗައިނީސް އިންވެސްޓަރުން ގާތު އެދިފައިވާނީ ކްލަބަށް އިންވެސްޓްކުރުމަށް،" ބާލުސްކޯނީ ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފުޓްބޯޅައާ ދުރުވުމަށް ފަހު ބާލުސްކޯނީ ދެން އަލުން މަސައްކަތް ފަށްޓަވާނީ ހީނަރުވެފައިވާ އޭނާގެ ސިޔާސީ ކެރިއަރު އަލުން ކޮޅަށް ޖެހުމަށެވެ. އިޓަލީގެ ބޮޑުވަޒީރުކަން ހަތަރު ފަހަރު ކުރެއްވި ބާލުސްކޯނީގެ މައްޗަށް ވަނީ ކޮރަޕްޝަނާއި އެނޫން ވެސް ތަފާތު ބޮޑެތި ތުހުމަތުތައް ކުރެވިފަ އެވެ.
ޗައިނާގެ ކުންފުނިތަކުން އަންނަނީ ދުނިޔޭގެ ފުޓްބޯޅައިގައި އަތްގަދަކުރަމުންނެވެ. އެގޮތުން ޗައިނާގެ ކުންފުނިތަކުން ވަނީ މިލާނުގެ ވާދަވެރި އިންޓަގެ އިތުރުން އިނގިރޭސި ވިލާތުގެ ވެސްޓް ބްރޮމް އާއި ވުލްވްސް އަދި އެސްޓަން ވިލާ ގަނެފަ އެވެ.
މީގެ އިތުރުން ޗައިނާގެ ކްލަބްތަކުން އަންނަނީ ބޮޑު އަގުގައި މަޝްހޫރު ކުޅުންތެރިން ގަންނަމުންނެވެ. އޭގެ ތެރޭގައި އާޖެންޓީނާގެ އެޒެކިއުލް ލަވޭޒީ އާއި އިޓަލީގެ ގްރެޒިއާނޯ ޕެއްލޭ އާއި ކޮލަމްބިއާގެ ޖެކްސަން މާޓިނޭޒާއި ބްރެޒިލްގެ ހަލްކް އާއި އެލެކްސް ޓަކްޒެއިރާ ފަދަ ކުޅުންތެރިން ހިމެނެ އެވެ. މީގެ ތެރެއިން ޕެއްލޭ އަކީ މިވަގުތު ދުނިޔޭގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ އެވެ. އޭގެ ކުރިން އައިވަރީ ކޯސްޓުގެ ޑިޑިއާ ޑްރޮގްބާ އާއި ފްރާންސުގެ ނިކޮލަސް އަނެލްކާ ފަދަ ކުޅުންތެރިން ވެސް ވަނީ ޗައިނާ ލީގުގައި ކުޅެފަ އެވެ.