އެންޓީގާގައި މިހާރު ކުރިއަށް ގެންދާ ހަތަރު ވަނަ ސިޑްސް ކޮންފަރެންސްގައި ރާއްޖެއިން ބޭނުންވި ކަންކަން ހާސިލްވި ކަމަށް ސަރުކާރުން ބުނެފި އެވެ.
ކުދި ގައުމުތަކުގެ މެދުގައި ކޮންމެ 10 އަހަރަކުން ބާއްވާ އެ ކޮންފަރެންސް އަށް ރާއްޖެއިން ވަޑައިގަތް ވަފުދުގެ އެންމެ އިސްވެރިއެއް ގޮތުގައި، ބައްދަލުވުންތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އެ ދަތުރުފުޅާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސިޑްސް ކޮންފަރަންސް މިހާތަނަށް އައިއިރު ވަރަށް ކާމިޔާބު ކަމަށެވެ.
ސިޑްސްގެ މެއިން އައުޓްކަމް ޑޮކިއުމަންޓް އެއްބަސްވުމަކަށް ވެގެން އަންނަ އިރު ރާއްޖެއިން ވަކާލާތު ކުރި ހުރިހާ ކަމެއް ވެސް އެންޑޯޒް ކުރެވިގެން ދާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ހީނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި ބައިނަލްއަގުވާމީ ފަންޑިން ލިބުމާއި މިހާރަށް ވުރެ ބޮޑަށް ކުދި ޖަޒީރާ ގައުމުތަކަށް މާލީ އެހީތެރިކަން ދިނުމުގައި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވިސްނަން ޖެހޭ ކަންކަން ރާއްޖެއިން ހުށަހަޅާފައިވާ ކަމަށާއި އެ ކަންކަން ވެސް އެންޑޯޒް ކުރެވޭނެ ކަމަށް ހީނާ ވިދާޅުވި އެވެ.
"ރާއްޖެއިން ހާސިލް ކުރަން ބޭނުންވި މުހިންމު ކަންކަން ހާސިލް ކުރެވިއްޖެ،" ހީނާ ވިދާޅުވި އެވެ.
ރާއްޖޭގެ ފަރާތުން ރައީސް މިހާތަނަށް ހަތް ސްޓޭޓްމަންޓެއް ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުތަކުގައި މާލީ އެހީތެރިކަމުގެ ދޮރުތައް ހުޅުވާލުމާއި ތިމާވެށީގެ ކަންކަމުގައި ވިލުވެރި މުޖްތަމައުއެއް ބިނާ ކުރުމަށް ބާރު އަޅުއްވައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ސިޑްސް ގައުމުތަކުގެ ވިޔަފާރިތަކުން ގުޅިގެން އެންމެން ޝާމިލްވާ ގޮތަށް މަސައްކަތް ކުރުމުގެ މުހިންމު ކަމަށް ވެސް ރައީސްގެ ވާހަކަފުޅުތަކުގައި އަލިއަޅުވާލާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
ރައީސް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި އެކި ބައްދަލުވުންތަކުގައި ސިޑްސް ކޮންފަރެންސް އިން ނެރެވޭނެ ނަތީޖާ އާއި ދައުރުގެ މައްޗަށް އަދި ދައުލަތްތަކުގެ ވަސީލަތްތަކާއި އަމިއްލަ ފޯރުންތެރިކަން އިތުރުކުރުމުގެ މައްޗަށް ރައީސް މަޝްވަރާ ކުރެއްވި އެވެ. އަދި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީ އާއި ކުރިއެރުމަށް ކޮންމެހެން ބޭނުންޖެހިފައިވާ ފައިނޭންސް ހޯދުމުގެ މަގުފަހިކޮށްދެވޭނެ ތިން ހައްލެއް ވެސް ރައީސް މުއިއްޒު ހުށަހެޅުއްވި އެވެ.
ފުރަތަމަ ކަމަކަށް އެ މަނިކުފާނު ހުށަހެޅުއްވީ ބައިނަލްއަގުވާމީ ފައިނޭންސް ނިޒާމު އެތުރިފައިވާ ގޮތް ބަދަލުކުރުމަށެވެ. ރައީސްގެ ދެވަނަ ހުށަހެޅުމަކީ ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުން އެމްޑީބީތަކާއި ޕްރައިވެޓް ސެކްޓަރާ ގުޅިގެން ސިޑްސްއަށް ފައިނޭންސް ލިބޭ މިންވަރު އިތުރުކުރުމެވެ.
ފަހު ހައްލަކަށް އެ މަނިކުފާނު ހުށަހެޅުއްވީ ކުދި ޖަޒީރާ ގައުމުތަކުން މިހާރަށް ވުރެ ވިސްނުން ފުޅާކުރުމަށެވެ.