ލޯންޗުން ފައިބައގެން އެ ދިޔަ ބާރު ހިނގުމުގައި ގޮސް އަހަރެން ހުއްޓުނީ އެ ރަށު އިރުމަތީ ފަރާތު އަތިރިމަތީގަ އެވެ. ފަސް އަހަރު ފަހުން މާ ސިންގާ ކަނޑެއް ހުރަސްކޮށް ހަތަރު ގަޑިއިރުގެ ދަތުރަކަށް ފަހު މިތަނަށް މި އާދެވުނު ސަބަބު ބުނެދޭކަށް ފަސޭހައެއް ނޫނެވެ.
ކޮންމެ ސަބަބަކާ ލައިގެން ނަމަވެސް ވަގުތު ޖެހުނުއިރު އަހަރެން މި ހުރީ މީގެ ފަސް އަހަރު ކުރިން ހުއްޓި ހުރި ފިޔަވަޅުގެ މަތީގަ އެވެ. އެ ދުވަސް ފަދައިން މިއަދު ވެސް މޫދުގެ ލޮނުގަނޑު ހީވަނީ ކޮންމެވެސް ކަމަކާ ރުޅިގަދަވެގެން ވަރުގަދަ ތޫފާނެއް އުފައްދަން އުޅޭހެންނެވެ. އެ ލޮނުގަނޑެކޭ އެއްފަދައިން އަހަރެންގެ ހިތާއި ސިކުނޑީގައި ހިނގަމުން މިދާ ތޫފާން އެނގޭނީ ހަމައެކަނި އަހަރެންނަށެވެ. ހިތުގައި ފޮރުވިފައިވާ ސިއްރުތަކާއި ވަންހަނާވެފައިވާ ހިތާމަތައް އެނގޭނީ ހުދު އަހަންނަށް އެކަންޏެވެ.
އަހަރުތަކެއް ކުރިން ހިނގާދިޔަ ކަންތައްތަކަށް ފަހު އަހަރެންގެ މުޅި ދުނިޔެވަނީ ހަމަހިމޭންވެފަ އެވެ. މިތާ ހުރެ އިންތިޒާރު މިކުރެވެނީ ކޮން ކަމަކަށް ކަމެއް ބުނަން ދަތިވިޔަސް، އެނގޭ ކަމަކީ މީގެ އަހަރުތަކެއް ކުރިން ހަމަ މިތާ މިގޮތަށް ހުރެ އިންތިޒާރު ކުރެވުނު ކަމެވެ. ޖެހެމުން ދިޔަ ބާރު ވައިރޯޅި އާއި ރާޅުގެ އަޑަށް ސަމާލުކަންދެމުން އަހަރެން ލޯމަރާލީ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިއްބައިދެވޭތޯ އެވެ. ލޯމަރާލުމާ އެކު އަހަރެންގެ ސިކުނޑި ހަނދާންތަކުގެ ތެރެއިން ފީނަން ފަށައިފި އެވެ.
މާލޭގައި އަހަރުތަކެއް ކިޔެވުމަށް ހޭދަކުރުމަށްފަ ހު، ރަށަށް ބަދަލުވީ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ޑިގްރީ ނިންމައި ރަށު ކައުންސިލުން ދާއިމީ ވަޒީފާ ވެސް ހަމަޖެހިގެންނެވެ. އަހަރެންގެ ހުރިހާ ވެސް މީހަކީ އަހަރެންގެ މަންމަ އާއި ބޮޑުބެ އެވެ. އުމުރުން ދިހަ އަހަރުގައި ބައްޕަ ނިޔާވުމަށް ފަހު އަހަރެންގެ ޒިންމާ، ބޮޑުބެ ނެގީ އަމިއްލަ ދަރިއެއް ފަދައިންނެވެ.
ކިޔެވުން ނިންމާ ރަށަށް އަންނަން ނިންމީ މަންމަގެ ގާތުގައި ހުންނަން ބޭނުންވުމުގެ އިތުރަށް ރަށުގެ ހަމަހިމޭން ކަމަށް ޖެހިފައިވާ ލޯތްބެއްގެ ސަބަބުންނެވެ. އަހަންނަކީ ހަނދާން ހުންނަން ފެށީއްސުރެ ވެސް އެކަނިވެރިކަމަށް ލޯބިކުރާ މީހަކީމެވެ.
އިރުއޮއްސޭ މަންޒަރު ބަލަން ދިޔުމާއި އަތިރިމަތީ އެކަނިން ވަގުތު ހޭދަކުރުމަކީ އަހަރެން އެންމެ ކުރާހިތުން ކޮށް އުޅުނު ކަންކަމެވެ. މީހުންނާ އެކީ ވަގުތު ހޭދަކުރުމާއި ރައްޓެހިން ހޯދާ އެ މީހުންނާ އެކީ ސަކަރާތުގައި ވަގުތު ހޭދަކުރުމަކީ އެއް އިރެއްގައި ވެސް ގަޔާވި ކަންކަމެއް ނޫނެވެ. ނަމާދާއި ޤުރްއާން ކިޔެވުން އަދި ޒިކުރުތައް ކިޔުމާއި މިފަދަ ދީނީ ކަންތައްތަކަކީ މަދުފަހަރަކު ނޫނީ ކޮށް އުޅުނު ކަންކަމެއް ނޫނެވެ.
އެހެނަސް ޒަމާނަށް އައި ތަރައްގީއާ އެކު ސޯޝަލް މީޑިޔާ ފަދަ ތަންތަނުން ނަމާދުގެ މުހިއްމުކަމާއި ދީނީ މައުލޫމާތު ފެންނަށް ފެށުމުގެ ސަބަބުން މިހާރު ބަރާބަރަށް ނަމާދު ކުރަން ވަރަށް މަސައްކަތް ކުރަމެވެ. ރަށަށް އައީ އިތުރަށް މިކަންކަން ބަދަލުކޮށް ނަމާދާ އެކު ޤުރްއާން ކިޔެވުމާއި ޒިކުރުތައް ކިޔެވުން ވެސް އާދައެއްކަމުގައި ހަދަން އަޒުމް ކަނޑައަޅައިގެންނެވެ. އެހެންކަމުން ރަށަށް އާދެވުމާ އެކު އެންމެ ގަވައިދުން ކުރަންފެށުނު ކަންކަމަކީ ވެސް އެއީ އެވެ.
އަމިއްލަ ފައިމައްޗަށް ތެދުވެ، މަންމަ އަށް ހޭދަކުރުމަކީ އަބަދުވެސް ދެކެވުނު ހުވަފެނެކެވެ. މިއަދު ﷲ ގެ އިރާދަފުޅާ އެކު އެ ހުވަފެނުގައި ކުލަވެސް ޖެހުނީ އެވެ. ރަށަށް ބަދަލުވެ ގިނަ ދުވަސްތަކެއް ނުވެ އަހަރެންގެ ހިތްހަމަޖެހުމާއި އުފާވެރިކަން މާޔޫސްކަމަށް ބަދަލުވާން ފެށި އެވެ.
ކުރިން މަދު ފަހަރަކު ނޫނީ ބަލިވެ ނޫޅުނު ނަމަވެސް މި ފަހުން ކުދިކުދި ބަލިތަކުގައި އުޅުން އާއްމު ކަމަކަށް ވި އެވެ. އަބަދުވެސް އުޅެންޖެހެނީ ބޮލުގައި ނޫނީ ގައިގެ ކޮންމެވެސް ތަނެއްގައި ރިއްސާތީ އެވެ. ބޭހުގެ އެހީގައި، ކަމަކަށް ނަހަދާ ކުރިޔަށް ދާން ކުރި މަސައްކަތް ބޭކާރުވީ ބަނޑަށް ވާން ފެށި އުނދަގޫ ތަކެއްގެ ސަބަބަންނެވެ. ކިތަންމެ ބަލައިގެން އުޅުނު ނަމަވެސް އަހަރެން ބަނޑުން ގޭހުގެ އުނދަގޫތަކެއް ނުފިލި އެވެ. މަންމަ އެދުނީ ރަނގަޅު ފަންޑިތަވެރިއަކަށް ދައްކައި ވާގޮތެއް ބެލުމަށެވެ. ނަމަވެސް އެކަމަ ދެކޮޅު ހަދާ، އަހަރެން ބޭނުންވީ ސިއްހީ މާހިރުންގެ ލަފާ ހޯދާށެވެ. އެހެންކަމުން ބޮޑުބެ އަހަރެން ގޮވައިގެން އިންޑިޔާ އަށް ގޮސް ފަރުވާ ހޯދަދެވޭތޯ މަސައްކަތްކުރި އެވެ. އެތައް ޑޮކްޓަރަކަށް ދެއްކި ނަމަވެސް އެންމެންގެ ވެސް ޖަވާބަކަށްވީ އެކައްޗެކެވެ. އެންމެން ވެސް އެއްވެސް މައްސަލައެއް ނުފެންނަ ކަމުގައި ބުންޏެވެ.
އެނބުރި ރާއްޖެ އައީ މާޔޫސްކަމުގައި ކަރު އެލުވާލައިގެންނެވެ. މިގޮތުގައި އަހަރެއްހާ ދުވަސް ފާއިތުވީ ފަހުން އަނެއްކާ އެހެންޏާ ދިމާނުވާ ފަދަ އާދަޔާ ހިލާފު ކަންތައްތަކެއް ކުރިމަތިވާންފެށި އެވެ. ނިދީގައި އަތްފައި ބަންދުވާން ފެށީ އެވެ. ފުރަތަމަ މަދު ރެއަކު ވީނަމަވެސް، ފަހުން މިވެސް އާއްމު ކަމަކަށްވި އެވެ. އަތްފައި ބަންދުވުމަކީ ކުރިން އަޑުއިވިފައިވާ ކަމެއް ކަމުގައި ވިޔަސް ކިހާ ބިރުވެރި ކަމެއްކަން އެނގުނީ ތަޖުރިބާ ކުރެވުނީމަ އެވެ.
ކޮންމެ ރެއަކު ވެސް ހޭލެވޭނީ ކޮންމެވެސް ކަހަލަ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ކޮންމެ ރެއަކު ވެސް ބިރުން ހޭލެވޭއިރު އަހަރެންނަށް އެއްވެސް ހަރަކާތެއް ނުކުރެވޭނެ އެވެ. އެ ކޮންމެ ރެއަކު ވެސް ކައިރީގައި އިތުރު މީހަކު އޮންނަ އިހުސާސެއް އަހަންނަށް ކުރެވެ އެވެ. ހިތަށް އައިހާ ހެޔޮ އެއްޗެއް ކިޔަވާ އިރުގަނޑަކުން ތެދުވެވޭއިރު އަހަރެން އޮންނަނީ ވަރުބަލިވެގެން މާނޭވާ ލެވިލެވި އެވެ.
ކުރިން ވެސް އަހަރެންނަކީ ނިދީގައި އެކި ކަހަލަ އުނދަގޫތަކެއްވާ މީހެކެވެ. ބައެއް ރޭރޭ ހީވާނީ މުޅިން ވެސް ހުވަފެންތަކެއްގައި އުޅެފައި ހޭލެވޭހެންނެވެ. ނަމަވެސް ފެނުން އެއްވެސް އެއްޗެއް ހަނދާނަކަށް ނާދެ އެވެ. ބައެއް ރޭރޭ ނިދިން ހޭލެވެނީ ރޮމުންނެވެ. ނަމަވެސް ރޮވުނީ ކީއްވެގެން ކަމެއް އަހަންނަށް ބުނާކަން ނޭނގެ އެވެ. މިކަހަލަ އެތައް ކަމަކާ ކުރިމަތިލާން ޖެހި ނިންޖަށް ބުރޫއަރާ ވަޒީފާ އަށް ބަރާބަރަށް ދާން އުނދަގޫވެ އަހަރެންގެ ދިރިއުޅުމުގެ ކަންކަން އެފުށް މިފުށަށް ޖެހެމުން ދިޔަ އެވެ. ދެން ވެސް މަންމަގެ ނަސޭހަތަކަށްވީ ފަންޑިތަވެރިއަކަށް ދައްކައިގެން ކޮންކަހަލަ ކަމެއްތޯ ބެލުމަށެވެ. ހާލަތު އިތުރަށް ގޯސްވާން ފެށުމުން ހަތިޔާރު ބަހައްޓައި މަންމަ ބުނިގޮތް ހަދަން ތައްޔާރުވީ އިތުރަށް ކުރެވޭނެ އެއްވެސް ކަމެއް ނެތުމުންނެވެ.
ވަގުތުން ދަތުރަށް ތައްޔާރުވެ ށ. ފުނަދޫ އަށް ދާން ދަތުރުފެށީ ފަންޑިތަވެރިކަމަށް މަޝްހޫރު "ގާދިރުބެ" ނަމަކަށް ކިޔާ މީހަކު އެ ރަށުގައި ހުރި ކަމުގެ ހަބަރު ލިބިގެންނެވެ. އެ ރަށަށް ގޮސް މާގިނަ އިރުތަކެއް ނުވެ ގާދިރުބެ އަހަރުމެން ގާތަށް އައެވެ.
ގާދިރުބެ ފުރަތަމަ ބޭނުންވީ ފަންޑިތަވެރިކަމާ ގުޅުން ހުރި ކަމެއްތޯ ބަލާށެވެ. އެހެންކަމުން އަހަރެން އެނދުގައި ބޭއްވުމަށް ފަހު ކަރާ ހިސާބަށް ހުދު ފޮތިގަނޑަކުން ނިވާކޮށް، އެކަމަށް ހާއްސަ ޤުރްއާންގެ އާޔަތްތަކެއް ކިޔަން ފެށި އެވެ. ގާދިރުބެގެ ކިޔެވުން ހަލުވި ކޮށްލުމާ އެކު، އަހަންނަށް އުނދަގޫތަކެއް ވާން ފެށި އެވެ. މޭފިތި ނޭވާ ހާސްވާން ފެށުމުން އަހަންނަށް ވަގުތުން ފުންމައިގެން ތެދުވެވުނެވެ. މި ހިސާބުން ގޯހެއް އުޅޭކަން ދެނެގަނެ ކަމުގެ އަސްލު ދެނެގަންނަން އަދި ބޭނުންވާ ކަމަށް ބުނެ އަހަރެން އަނެއްކާ ވެސް ބޭއްވި އެވެ.
ގާދިރުބެ، އެސްފީނާ ހަސަދައިގެ އާޔަތްތަކުން ކިޔެވުން ފެށި އެވެ. މި ފަހަރު އަހަންނަށް އެއްވެސް ކަހަލަ ތަފާތެއް ނައެވެ. އެގޮތަށް ދިހަވަރަކަށް މިނެޓް ކިޔެވުމަށް ފަހު، ގާދިރުބެ ދެން ފެށީ ސިހުރުގެ އާޔަތްތަކެވެ. ދެން ވެސް އިތުރު އެއްވެސް ތަފާތެއް ނުފެނުނެވެ. ދިހަވަރަކަށް މިނެޓް ކިޔެވުމުން ވެސް އެއްވެސް އަލާމާތެއް ނުފެނުމުން، ކިޔަވަމުން ދިޔަ އާޔަތްތައް އަނެއްކާވެސް ބަދަލުކޮށްލި އެވެ.
ބިރުން ތުރުތުރުއަޅާ ހާލު ގާދިރުބެއަށް އިތުބާރު ކުރަމުން އަހަރެން ލޯމަރާ ބާރު ކޮށްލީމެވެ. ގާދިރުބެ ކިޔެވުމުގެ އަޑު ބާރުކޮށް ހަލުވިކޮށްލުމާ އެކު، އަހަރެން ހަށިގަނޑަށް ލޮޅުމެއް އައެވެ. ދެން ހީވީ އަހަރެންގެ ކަރުވަށައި އެއްޗެއް އޮޅިގެންހެންނެވެ. އަހަރެން ގަތް ބިރާ އެކު ދެލޯ ހުޅުވައި ބޮޑުކޮށްލީމެވެ. އަހަރެންގެ ހަށިގަނޑުގެ އެތަން މިތަނުން އެއްޗެއް ދުވާކަމުގެ އިހުސާސް ކުރެވި ބަލަބަލާ ހުއްޓާ އަހަރެންގެ ބަނޑު ފުއްޕަން ފެށި އެވެ. ގަތް ބިރާ އެކު، ބިރުން ހަޅޭއްލަވައިގެންފައި ފުންމައިގެން ތެދުވެވުނެވެ. މިއީ ފަންޑިތަވެރިކަމުގެ ކަމެއްކަން އަހަންނަށް ވެސް ގަބޫލުކުރެވުނެވެ. ކިޔެވުން މަޑުކުރުމަށް ފަހު، ޔާސީން ސޫރަތް ޖަހައި އަހަންނަށް ވީ އުނދަގޫތައް ލުއިކުރުވި އެވެ.
އަހަރެން ހަމައަކަށް އެޅުމުން ގާދިރުބެ އެވީ އެއްޗެއް ކިޔައި ދޭންފެށި އެވެ. އަހަންނަށް ކުރިމަތި ވެފައިވަނީ މައްސުގެ އުނދަގޫތަކެކެވެ. މައްސަކީ ޖިންނި އަވަލުމަށް ކިޔާ އަނެއް ނަމެވެ. އެއީ އިންސާނެއްގެ ހަށިގަނޑުގެ އެތެރެއިން އަދި ބޭރުން ޖިންނި ބީހުމެވެ. ބައެއް ފަހަރު ނޭނގުމުގެ ތެރޭގައި އިންސާނަކަށް ކުރެވޭ ގޯނާއެއްގެ ސަބަބުން އަދި ބައެއް ފަހަރު އިންސާނަކު ދެކެ ޖިންނިއެއް ލޯބިވެ ޝަހުވާނީ ގޮތުން އަޅައިގަނެގެން ވެސް އަވަލަވަ އެވެ. ވީ އެއްޗެއް ރަނގަޅަށް ސާފުވުމުން، ޖެހިގެން އަންނަ ރޭ ފަރުވާފަށަން ތައްޔާރު ވުމަށް ބުނެ ގާދިރުބެ ގެއަށް ދިޔަ އެވެ. އެރޭ ރަނގަޅަކަށް އަހަންނަކަށް ނުނިދެ އެވެ. ހިތާއި ސިކުނޑި ހޭލައްވާފައިވަނީ ޖަވާބު ބޭނުންނާ އެތައް ސުވާލަކުންނެވެ.
ފަރުވާގެ ވަގުތު ފެށި އެ ބުނި ގަޑި ޖެހުން އިރު ގާދިރުބެ އިނީ ކަމަށް ތައްޔާރުވެގެންނެވެ. ގާދިރުބެ ކިޔެވުމުގެ ކުރިން އެކަމާ ގުޅުން ހުރި އިރުޝާދުތައް ވަރަށް ރަނގަޅަށް ދެމުން މަސައްކަތައިގެން ފަށައިގަތެވެ.
ޖެހިޖެހިގެން ދެ ރޭ ކިޔެވުން ކުރިޔަށް ގެންދިއިރު ވެސް އަހަނަންނަށް ކަމެއް ސާފުވާވަރެއް ނުވި އެވެ. ތިންވަނަ ރޭ ގާދިރުބެ ކުރިމަތިލީ ކަމަށް ތައްޔާރުވެ ފިސާރި ކެރިގެންނެވެ. އިވެމުން ދިޔަ ކިޔެވެލީގެ އަޑުއަހަން އިރުކޮޅަކު އޮއްވައި އަޑުތައް ބައްވެ، ފަނޑުވާން ފެށި އެވެ. އަހަރެން އޮތީ ލޯމަރައިގެން ކަމުގަވީ ނަމަވެސް އަހަރެންގެ ލޮލަށް އައްޔެއް ފެންނަން ފެށި އެވެ. އަލިގަދަވަމުން ގޮސް ފެންނަ އެއްޗެއް ސާފުވީއިރު އަހަރެން ދުވަމުން ދިޔައީ ބޯ ވިނަތަކެއްގެ ތެރެއިންނެވެ. އިރުކޮޅަކު ދުވެވުނުފަހުން އަހަންނަށް ގޮސް ނުކުމެވުނީ ބާވެ ވީރާނާވެފައިވާ ގަނޑުވަރެއްގެ ކުރިމައްޗަށެވެ. ބަލާ ބެލުމަށް ހީވަނީ އެތަން ބޭނުން ނުކުރާތާ މިހާރު އެތައް ސަތޭކަ އަހަރެއް ވެދާނެ ހެންނެވެ. އެތާ މިހާރު ފާރުތައް ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނެތެވެ. ފާރުތައް ވެސް ވަނީ ބާވެ ތަންގަނޑުގަނޑުން ވެއްޓިފަ އެވެ. އެ ފާރުތަކުގައި ގާތްގަނޑަކަށް ފަނަރަވަރަކަށް ފޫޓު ހުންނާނެ އެވެ. އަހަރެން އެ ގަނޑުވަރަށް ވަމުނަށް ހިނގަމުން ދިޔައީމެވެ.
ގަނޑުވަރާ ކައިރިވަމުން ދިޔަވަރަކަށް މީ އަހަރެން ދެކެފަރިތަ ތަނެއްގެ އިހުސާސް ކުރެވެމުން ދިޔަ އެވެ. އެތަނަށް ވަދެވަދެ ހުއްޓާ އަހަންނަށް އަނެއްކާ ވެސް ޤުރްއާންގެ އަޑު ސާފުވާން ފަށައިފި އެވެ. ވާ އެއްޗެއް ވިސްނާނުލެވި އުޅެނިކޮށް އަހަރެންނަށް ލޯ ހުޅުވާލެވުނެވެ. އެއާ އެކު އަހަންނަށް އޮވެވުނީ އަހަރެން އޮށޯވެ އެއޮތް ތަނުގަ އެވެ. އެއީ އެހެން ބާރަކާ އެކު އަހަރެންގެ ސިކުނޑިއަށް ދެއްކި މަންޒަރެއްކަން އަހަންނަށް ވިސްނުނީ ދެނެވެ. ވީ އެއްޗެއް އިތުރަށް ބަލާނީ ޖެހިގެން އަންނަ ރޭކަމުގައި ބުނެ އެ ރެއަށް ގާދިރުބެގެ ކިޔެވެލި ނިންމާލި އެވެ.
ހިތުގައި އެތަކެއް ސުވާލު އުފެދުނެވެ. އެ ރޭ ނިދަން އުޅެ އުޅެ އަހަންނަށް ނިދޭ ގޮތް ނުވެ، އިރު އެރީ ވެސް އެކަމާ ފިކުރުކުރެވެން އޮއްވަ އެވެ. ދެވަނަ ރޭ ވެސް ހަމަ ކުރީ ރެއެކޭ އެއްގޮތަށް ކިޔެވެލި ކިޔަވަން ފަށައިފި އެވެ. އަހަރެން ލޯ މަރާލީ އިތުރުށް ފޮރުވިފައިވާ ކަންކަން ސާފުވެ އެނގިގެންދާނެ ކަމުގެ ފޮނި އުއްމީދާއެކުގަ އެވެ.
ކިޔެވެލި ފެށިތާ މާ ގިނަ އިރެއް ނުވެ އަހަރެން މި ހުރީ ހަމަ އެ ގަނޑުވަރުގެ ކުރިމަތީގަ އެވެ. އަހަރެން ހިތާހިތުން، ފޮރުވިގެން އުޅެނީ ކޮންމެ މީހަކު ކަމުގައި ވިޔަސް އަހަރެންގެ ކުރިމައްޗަށް އައުމަށް އެދެމުން ދިޔައީމެވެ. އިތުރު މީހެއްވާ ކަމުގެ އިހުސާސް ކުރެވުމުން ބިރުން ހުރެ އަހަރެން އެނބުރި ފަހަތް ބަލާލީމެވެ. ގަނޑުވަރުގެ މައި ފާރުގެ ބިތްދޮށުން، އެ އުސް ފާރުގެ މަތިން އަހަންނާ ދިމާއަށް ބަލަހައްޓައިގެން އެ ހުރީ އަހަރެން ދުވަހަކު ވެސް ނުދެކޭ ފަދަ ރީތި ފިރެހެނެކެވެ.
އެއީ އިންސާނެއް ނޫންކަން އަންގައި ދެނީ އޭނާގެ އިސްކޮޅެވެ. ގަނޑުވަރެކޭ އެއްފަދައިން އެސޫރަ އަކީ އަހަންނަށް އަލަށް ފެނުން ސޫރައެއް ނޫން ކަމުގައި ހިތާއި ސިކުނޑި ބުނަން ފަށައިފި އެވެ. އެއީ އެތައް ފަހަރަކު ފެނި ދަންނަ ސޫރައެއް ކަމުގައި ހިތްބުނަމުން ދިޔައިރު، ކުރީގައި ސިކުނޑީގައި ނެތް އެތައް ކަމެއް ހަނދާން ކުރުވަން ފަށައިފި އެވެ. އަދި ކުރިން އަހަރެންނަށް ނޭނގި ނިދާފައިވާ އެތައް އިހުސާސްތަކެއް ހޭލަން ފަށައިފި އެވެ. އަހަރެންގެ ސިކުނޑި، އޭގެ އެތައް ފުނަކަށް ފީނައި އެތައް ހަނދާންތަކެއް ތިލަ ކޮށްފި އެވެ.
ކުރިމަތީ އެހުރީ އެތައް އަހަރެއް އަދި އެކުގައި އެތައް ވަގުތެއް ހޭދަކޮށްފައިވާ އަހަރެންގެ ލޯބިވެރިޔާ އެވެ. އަހަރެންގެ ހިތުގެ ބައިވެރިޔާ އެވެ. މިވަރު ބޮޑުކަމެއް އަހަންނަށް ސިއްރުވެފައިމިވީ ކީއްވެބާ އެވެ؟ އެކަނިވެރި ކަމަށް އަހަރެން ޖެހިފާވާ ކަމަށް ފެންނަ ލޯބީގެ ސިއްރަކީ މިއެވެ. މީހުންނާ އެކަހެރިވެ ތަންތާ އެކަނިން އިންނަން ބޭނުންވީ ސަބަބަކީ މިއީ އެވެ. އެއީ މިއަދަކު އަލަށް އަހަންނަށް ފެންނަ ސޫރައެއް ނޫންކަން އަހަންނަށް ޔަގީންވެ އެވެ. އަހަރެންގެ އެ ސޫރައާ ގުޅުން އުފެދުނީ އިއްޔެއަކު ނުވަތަ މިއަދަކު ނޫނެވެ. މީގެ އެތައް އަހަރުތަކެއް ކުރިންނެވެ. އެ ސޫރައަކީ އަހަރެންގެ ހިތުގައި ރަސްކަން ކުރަމުންދާ ފަރާތެވެ.
ނަމަވެސް އެ ހުރިހާ ހަނދާނެއް ވަނީ އިތުރު ބާރެއްގެ އެހީއާ އެކު ފަރުދާއެއްގެ ފުރަގަހުގައި ފޮރުވިފަ އެވެ. ހުރިހާ ކަމެއް ސިފަވުމުން އެ ހުރިހާ ހަނދާނެއް ހިނދުކޮޅެއްގެ ތެރޭގައި އަނބުރާ އައިސްފި އެވެ. އަހަރެން ބޭނުންވީ ވަގުތުން އޭނާ ގާތަށް ދާށެވެ. ކުރަން ބޭނުންވާ އެތައް ސުވާލެއް އެބަހުއްޓެވެ. އަހަރެން ހަލުވި ފިޔަވަޅުތަކުގައި އޭނާ ގާތަށް ގޮސް ސީދާ އޭނާގެ ލޮލަށް އަހަރެންގެ ލޯ އަމާޒުކުރީމެވެ. އެ ލޯ ވަނީ އަހަރެންގެ ލޮލެކޭ ވެސް އެއްފަދައިން މިލާފަ އެވެ. އެ ލޮލުގައިވާ ފޮރުވިފައިވާ އެތައް ހިތާމަތަކެއް އެބަހުއްޓެވެ. ވީ ކިހިނެއްބާ އެވެ؟ އަހަރެންގެ ޒަމީރު އަހަންނަށް ހަނދާން ކޮށްދިނެވެ. އެތައް ދުވަހަކަށް ފަހު ބޮޑު ގޯހެއް މި ހެދެނީ ނޭނގި ނަމަވެސް އަހަންނަށެވެ. އަހަންނަށް ނޭނގި ނަމަވެސް މި މަސައްކަތް ފެށުނީ މި ހުރިހާ ކަމަކާ ދުރަށް ދާށެވެ. މިކުރަމުންދާ މަސައްކަތް ކާމިޔާބުވެއްޖެ ނަމަ، ތާއަބަދަށް މިހުރިހާ ކަމެއް ނިމޭނެ އެވެ. އެގޮތެއް އަހަރެން މިހާރު ބޭނުމެއް ނޫނެވެ. އަހަރެންގެ ހިތުގެ ބައިވެރިޔާއަކީ ކާކުކަން އެނގި، ވެވޭ ލޯބި މިހާރު އެނގި އެނގި ހުރެ އެގޮތަށް ކަންތައްކުރަން އަހަރެންގެ ހިތެއް ނުރުހެ އެވެ. އަނެއް ކޮޅުން އަހަރެންގެ ސިއްހަތެވެ. އަހަރެން ނަމާދުކޮށް ޤުރްއާން ކިޔަވައި އަދި ޒިކުރުތައް ކިޔުން އެއީ ރޫހާނީ ބާރަކަށް އަހަރެންގެ ދުނިޔެއަށް އައުމަށް އެޅޭ ހުރަހަކެވެ. އަހަރެންގެ ބައިވެރިޔާ ކިތަންމެ ބޭނުން ނޫން ކަމުގަވިޔަސް އޭގެ އުނދަގޫތަކެއް އަހަންނަށް ފޯރާނެ އެވެ. އިތުރު ބާރަކަށް އަހަރެންގެ ހަށިގަނޑަށް ވަދެ ނުކުމެ، އަހަރެންގެ ސިކުނޑިއާ ކުޅެން ފުރުސަތުދެވޭ ނަމަ، ދުވަހެއް ދުވަހަކުން ހަލާކުގެ ތެރެއަށް މިލެވެނީ އަހަރެންގެ އަމިއްލަ ނަފްސެވެ.
ހަދާނެ ގޮތެއް ނިންމަން އަހަންނަށް ވަރަށް އުނދަގޫވި އެވެ. އެތައް ވަގުތަކު އެހެން ހުރެ އަހަރެން ގޮތް ނިންމީމެވެ. ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް އަހަންނަށް މިހާ ހިސާބަށް އައިސް މި ހުރިހާ ކަމެއް ދުލެއް ނުކޮށްލެވޭނެ އެވެ. މިވާ އުނދަގޫތަކާ ނުލާ މި ދިރިއުޅުން ކުރިޔަށް ގެންދާނެ މަގެއް އަހަރެން ހޯދާނަމެވެ. އަހަރެންގެ ބައިވެރިޔާގެ ގާތު އެތައް ވައުދެއް ވަމުން، އަލުން ބައްދަލުވާނެ ކަމުގެ އުއްމީދާ އެކު އަހަރެންގެ ލޯ ހުޅުވާލެވުނެވެ.
އޭރު އަހަންނަށް ވަނީ ރޮވިފަ އެވެ. އަދި ހަމަ ހެއަށް އައުމާ އެކު ވެސް ހުރިހާ ކަމެއް ހަނދާން ހުރީތީ އެތައް އިރަކު އަހަންނަށް ރޮވުނެވެ. އަހަރެންނެކޭ އެއްގޮތަށް ގާދިރުބެ ވެސް އަހަރެންގެ ފޮރުވިފައިވާ ހުރިހާ ކަމެއް ދެނެގަނެ މަންމަމެންނަށް އެކަން އަންގައިފި އެވެ. ފަރުވާކުރަން ދެކޮޅު ހަދާ، ރަށަށް ދާން މަންމަމެން ގާތު އަހަރެން އާދޭސްކުރީމެވެ. އަދި ސަބަބެއްގެ ގޮތުގައި، ރީތި ގޮތުގައި އޭނާ ދުރަށްދާން އަހަރެންގެ ގާތު އެއްބަސްވެފައިވާ ކަމަށް ބުނެ ދޮގު ހަދާ، އަހަރެންގެ ސަބަބުން އެއްވެސް ފަރާތަކަށް އަނިޔާތަކެއް ލިބުމަށް ބޭނުން ނުވާ ކަމުގައި ބުނީމެވެ. މަންމަމެން އިތުރަށް ޖަވާބެއް ނުދީ ގާދިރުބެއާ އެކު ބޭރަށް ނުކުމެ ވާހަކަ ދެކެވި އެނބުރި އައީ ވިއްސަކަށް މިނެޓް ފަހުންނެވެ. އަދި އައިސް އަހަރެން ބޭނުންވާ ގޮތަށް ފަރުވާ ހުއްޓާލަނީ ކަމުގައި ބުނެ ބަދަލެއްގެ ގޮތުން އަހަރެން ވެސް މަންމަމެން ބުނާ ގޮތަށް ކަންތައް ކުރަން އެދުނެވެ. މަންމަމެން ބޭނުންވީ ފަންޑިތައިގެ ބާރުން އޭނާއަށް ގެއްލުމެއް ނުދިނަސް، ހަށިގަނޑަށް މިވާ އުނދަގޫތަކަށް ހައްލެއް ހޯދުމުގެ ގޮތުން މަންމަމެން ބުނާ ގޮތަކަށް ކަންތައް ކުރުމަށެވެ.
ޖެހިގެން އައިރޭ މަސައްކަތް ފެށީ އެކަމަށެވެ. ގާދިރުބެގެ އިރުޝާދާ އެއްގޮތަށް، އިރު އޮއްސުމުގެ ކުރިޔަށް ހުވަނދުވާ ހޯދައިގެން ގެނެސް އެ މާތައް ފޮޅުމުގެ ކުރިން ފެނަށް އެޅިއެވެ. އެރޭ ގާދިރުބެ ކިޔެވީ އެ ފެނަށެވެ. އެރޭ ނިދުމުގެ ކުރިން އެ ފެނުން ފެންވެރުމަށް އެދުމުން، އެދުނު ގޮތަށް އަހަރެން ކަންތައް ކުރީމެވެ. އަދި އަހަރެން ފެންވެރުމުން، ބޮޑުބެ އޭގައިވާ މާތައް ހުދު ފޮތިކޮޅަކަށް އަޅާ، ރީތިކޮށް ފަށްޖަހާ ގާދިރުބެ ބުނި އެއްޗެއް ކިޔަވާ ހުދު ބަރަންޏަކުން ތިން ތަނުން އެ ފޮތިކޮޅު އައްސާލި އެވެ.
އެ ރޭ ފަތިހު މަންމަ އާއި ބޮޑުބެ އަހަރެން ގޮވައިގެން އެ ރަށު އިރުއަރާފަރާތު އަތިރިމައްޗަށް ދިޔަ އެވެ. ބޮޑުބެ މަޑުކުރީ ޖަހަމުން ދިޔަ ރާޅުތަކުގެ ތެރޭގަ އެވެ. މަންމައާ އެކު އަހަރެން މަޑުކުރީ ހިކިފަސް ހިސާބުގަ އެވެ. ބޮޑުބެ އިންތިޒާރު ކުރަމުން ދިޔައީ ލޮނުގަނޑުގެ މަތިން އިރުފެނިލާނެ ވަގުތަށެވެ. އަހަރެން އިންތިޒާރުކުރަމުން ދިޔައީ މިކަން ނިމި މި އުނދަގޫތަކުން މިންޖުވެ އަހަރެންގެ ބައިވެރިޔާއާ އެކު ފަސޭހަ ދުވަސްތަކެއް ފެށޭނެ ވަގުތަކަށެވެ.
އިރު ލޮލަށްފެނި، ވަގުތު ހަމަ ޖެހުމާ އެކު، ރާޅުތަކުގެ ތެރޭ އެ ފޮތިކޮޅު ވަޅުލައިފި އެވެ. ފޮތިކޮޅު ވަޅުލުމާ އެކު އަހަރެންގެ ހަށިގަނޑުން އެއްޗެއް ދެމިގެން ކަހަލަ އިހުސާސެއް އަހަންނަށް ކުރެވުނެވެ. ހަމައެއާ އެކު ދުވަހަކު ވެސް އިހުސާސްވެފައި ނުވާ ފަދަ ފަޅުކަމަކާއި އެކަނިވެރިކަމެއް ވެސް އިހުސާސްވި އެވެ. އެ ދުވަހުގެ މެންދުރަށް އިރު އަރަމުން އައިއިރު އަހަރެންގެ ހަށިގަނޑުގެ އުނދަގޫތައް ވެސް މަޑުމަޑުން ފުހެވެމުން ދިޔައެވެ. މީ އަހަރެން ހިތްހަމަ ޖެހެންވީ ވަގުތެވެ. ނަމަވެސް އެ އިހުސާސްވަމުން ދިޔަ ފަޅުކަމާއި އެކަނިވެރިކަން އެކަމަކަށް ތަނެއް ނުދިނެވެ.
އެނބުރި ރަށަށް އައިސް ވޭތުވެ ދިޔަ ކޮންމެ ދުވަހެއް ފާއިތުވަމުން ދިޔައީ އިންތިޒާރުގަ އެވެ. އަތިރިމަތީގަޔާއި ކޮޓަރީގައި އެތައް ވަގުތައް އެ ސޫރައިގެ އިޝާރާތަކަށް ގޮވާ އިންތިޒާރު ކުރެވުނެވެ. ހުވަފެނުން ވެސް ފެނި ދިމާވޭތޯ ހިތުން އެދެމުން ދިޔައީމެވެ.
ނަމަވެސް އޭގެ ފަހުން މަހެއްވީ އިރު ވެސް އެއްވެސް ހިލަމެއް ނުވި އެވެ. ކޮންމެވެސް އިތުރު ހަގީގަތެއް ވާކަމުގައި ގަބޫލުކުރެވުމުން، މަންމަމެންނަށް ނޭނގި ގާދިރުބެ އަށް ގުޅައި އައި ބަދަލާގުޅޭ ގޮތުން ސުވާލުކުރީމެވެ. ބަލި އުނދަގޫތައް ނުވި ނަމަވެސް އޭނާ ދުނިޔޭގައިވާ ނަމަ އެއްވެސް އިޝާރާތެއް ނުވަނީ ކީއްވެތޯ ސުވާލުކުރީމެވެ. ގާދިރުބެގެ ޖަވާބާ އެކު އަހަރެންގެ ހަށިގަނޑުން ވާގިދާގޮތްވެ ހުރިތަނަށް ތިރިވެވުނެވެ. ކަމުގެ ހަގީގަތް މި އެނގުނީ އަދިކިރިޔާއެވެ.
އެ ހެދި ފަންޑިތައަކީ އަހަރެންގެ ހިތް އެކަމަށް ބޭނުންވެފައިވާލެއް ބޮޑުކަމާ އެކު، އޭނައަށް ގެއްލުމެއް ދޭން އަހަރެން ފާޅުގައި ދެކޮޅު ހެދުމުން، އަހަރެން މިކަމުން މިންޖު ކުރަން އެންމެން ރޭވިގެން ހެދި ފަންޑިތައެކެވެ. އަހަންނަށް ނޭނގި އަހަރެންގެ ބޭނުން ހިފައި، އަހަރެންގެ ނަމުގައި، އަހަރެން ހިތުގެ ތާއަބަދުގެ ބައިވެރިޔާގެ ދުވަސް ދުއްވާލީ އެވެ. މި ދުނިޔޭން އޭނާގެ ވަސް ވެސް ފުހެލީ އެވެ. އެ ދުވަހު އަހަންނަށް މިވަރުގެ ފަޅުކަމަކާއި އެކަނިވެރިކަމެއް އިހުސާސް އެ ވީ މިހެންވެގެންނެވެ.
ކިހާ ބޮޑު އޮޅުވާލުމެއް ހެއްޔެވެ؟ އަހަރެން އޭނާއަށް ވައުދުވީމެވެ. އަލުން ބައްދަލުވާނެ ކަމުގެ ވައުދެވެ. އަނިޔާއެއް ދެރައެއް ނުދޭނެކަމުގެ ވައުދެވެ. އަހަރެންގެ ހުރިހާ ވައުދަކާ ހިލާފު ވެވުނީ އެވެ. ކުރެވުނުހާ އުއްމީދެއް ގެއްލިދިޔައީ އެވެ. އެ ދުވަހަށް ފަހު އަހަރެންގެ ދުނިޔެ ހަމަހިމޭންވި އެވެ. މީހުންނާ ވާހަކަ ދައްކާ އުޅެން ފޫހިވި އެވެ. ވަޒީފާ ދޫކޮށްލައި މީހުންނާ މުޅިން އެކަހެރިވީމެވެ. އަހަރެންނަށް އައި ބަދަލުން މަންމަމެން ދެރަވެ ހިތާމަކުރިއެވެ. އެހެން ކަންތައް ކުރުމުގެ ކުރިން އަހަރެންގެ ރުހުން ހޯދަންޖެހޭނެ ކަމުގައި ގަބޫލުކޮށް، އަހަރެން ކިބައިން މަންމަމެން މައާފަށް އެދުނެވެ. އަހަރެން މަންމަމެންނަށް މައާފު ވެސް ދިނީމެވެ. ނަމަވެސް ބަދަލުވެގެން ދިޔަ ހުރިހާ ކަމެއް އެކަމުން އިޔާދަވާނެ ހެއްޔެވެ؟ ގެއްލިގެން އެ ދިޔަ އަހަރެންގެ ނަފްސު އަހަންނަށް އަލުން ހޯދިދާނެ ހެއްޔެވެ؟ ފަޅުވެގެން، ހަމަހިމޭންވެގެން މިދިޔަ އަހަރެންގެ ދުނިޔެއަށް އިތުރު ދިރުމެއް ގެނެވިދާނެ ހެއްޔެވެ؟
ހިފެހެއްޓުމެއް ނެތި އޮހެމުން ދިޔަ ކަރުނަތަކުގެ ތެރެއިން އަހަރެން ލޯ ހުޅުވާލީމެވެ. އަހަރެން ހުއްޓި މި ހުރީ އޭގެ ފަސް އަހަރު ފަހުން އެ ދުވަހު ހަމަ ހުއްޓި ހުރި ފިޔަވަޅުމަތީގަ އެވެ. ފަސް އަހަރު ފާއިތުވެގެން ދިޔައިރު ވެސް އަހަރެން މި ހުރީ އެކަމުން އަރައިނުގަނެވި، އެ ވަގުތުތަކުގެ ތެރޭގައި ހުއްޓި ކުރިޔަށް ނުދެވިފަ އެވެ. މިތަނުގެ ތެތްވެލިގަނޑުގެ ދަށުގައި އަހަރެންގެ އެތައް އުއްމީދެއްވީ ފަސްއެޅި ފޮރުވިފަ އެވެ. މިއީ އަހަރެންނަށް ނޭނގި އަހަރެންގެ ލޯ ކުރިމަތީ، އަހަރެންގެ ހުރިހާ ހުވަފެންތަކެއް ކަފުންކޮށް ވަޅުލި ތަނެވެ. މިއީ އަހަރެންގެ އުފާވެރިކަން ނިމިދިޔަ ތަނެވެ. މިއީ އަހަރެންގެ ހިތުގައި މި ހިނގާ ފަޅުކަމާއި އެކަނިވެރިކަމުގެ ފެށުމެވެ. މިއީ އަހަރެންގެ ހަމަހިމޭން ދުނިޔޭގެ ފެށުމެވެ. (ނިމުނީ)
ނޯޓް: މިއީ މި ރޯދަ މަހު "މިހާރު" އިން ބާއްވާ ކުރުވާހަކަ މުބާރާތަށް ހޮވިފައިވާ ވާހަކައެކެވެ.