ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީގެ އާ ފިލްމު "ނިކައްމާ"ގެ ޓްރެއިލާ ނެރެފި އެވެ.

ޝިލްޕާއާ އެކު އެ ފިލްމުގައި ލީޑު ތަރިއެެއްގެ ރޯލުން ދެން ފެންނާނީ "މީނާކްޝީ ސުންދަރޭޝްވަރު" ފިލްމުގައި ފެނުނު އަބީމަންޔޫ ދަސާނީ އެވެ.

ޓްރެއިލާގައި ފެންްނަ ގޮތުން، ސިޑްގެ ރޯލު ކުޅޭ އަބީމަންޔޫ އަކީ ވަރަށް ކަންނެތް ފިރިހެނެކެވެ. އެއްވެސް ވަޒީފާއެއް އަދާނުކޮށް، މުޅި ހަފުތާ އެކީގައި މަޖާނެގުމުގައި އުޅޭ ވަރަށް ޒިންމާދާރުކަން ކުޑަ މީހެއްގެ ރޯލުން އޭނާ ފެނުނަސް، ޝިލްޕާ އަންނަ ހިސާބުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން އަންނަ ގޮތް ޓްރެއިލާ އިން ފެނެ އެވެ.

އެ ފިލްމަކީ އެކްޝަން ކޮމެޑީއެކެވެ. ސާބިރު ޚާން ޑައިރެކްޓްކުރާ އެ ފިލްމަކީ ސޮނީ ޕިކްޗާސް އިންޓަނޭޝަނަލް ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެ ފިލްމު ރިލީޒްކުރާ ގޮތަށް އޮތީ އަންނަ މަހު 17 ގަ އެވެެ.

އެ ފިލްމަކީ 2019 ގައި އިއުލާންކުރި ފިލްމެކެވެ. އެކަމަކު ކޮވިޑްގެ ބަލިމަޑުކަމާ ހެދި، ފިލްމު ވަރަށް ބޮޑަށް ލަސްވީ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމަކީ 2017 ގައި ނެރުނު ތެލުގޫ ފިލްމު "މިޑްލް ކްލާސް އަބޭ" ގެ ރިމޭކެކެވެ.