ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވާނެ ބޭފުޅަކު ނެތުމުން މިނިވަން މުއައްސަސާތަކުގެ މެމްބަރުން އެ މަގާމުތަކުން ވަކިވެގެން ސިޔާސީ ޕޯޑިއަމްތަކަށް އެރުމަކީ ލަދުވެތި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް ޝިފާގު މުފީދު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރުމުން ޕީޕީއެމްގެ ރޭގެ ޖަލްސާގައި ސަރުކާރަށް ތާއީދުކޮށް ވާހަކަ ދައްކަވާފައިވާތީ އެކަމަށް ފާޑު ވިދާޅުވެ، އަމީތު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މެމްބަރުން އެ މަގާމުތަކުން ވަކިވެގެން އެގޮތަށް އަމަލު ކުރުމަކީ މިނިވަން މުއައްސަސާތަކުގެ މަސައްކަތްތަކާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށެވެ. މިނިވަން މުއައްސަސާތަކަކީ ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރަންޖެހޭ ބަޔަކަށްވާއިރު ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޗްއާރުސީއެމްގެ ނައިބު ރައީސް ކަމުގައި ހުންނަވާފައި ވަކިވެގެން އަނެއް ދުވަހު ސިޔާސީ ޕޯޑިއަމަށް އަރާފައި މި ވިދާޅުވަނީ މި ސަރުކާރުގައި ކޮރަޕްޝަނެއް ނެތޭ. މިހެން އަމަލު ކުރީމަ އެ ބޭފުޅުން އެ މުއައްސަސާތަކުގައި ތިއްބަވައިގެން ކުރި މަސައްކަތާ މެދު އެބަ ސުވާލު އުފެދޭ. އަދި އެތަން ތަނުގައި މިހާރު ތިއްބެވި މެމްބަރުންގެ މަސައްކަތްތަކާ މެދު ވެސް ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭނެ،" އަމީތު "މިހާރު" އަށް ވިދާޅުވި އެވެ.

"ސިޔާސީ ޕޯޑިއަމަށް އަރާނެ ބޭފުޅަކު ނެތިގެން މިނިވަން މުއައްސަސާތަކުގެ ބޭފުޅުން އެތަންތަނުން ގެންގޮސްގެން ޕޯޑިއަމަށް އެރުވުމަކީ ވަރަށް ލަދުވެތި ކަމެއް. މިނިވަން މުއައްސަސާތަކާ މެދު އިތުބާރު އެބަ އޮންނަންޖެހޭ،" އަމީތު ވިދާޅުވި އެވެ.

ކުރިން ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު މިހާރު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައިވާ އަމީތު ވިދާޅުވި ގޮތުގައި އެކަން އެގޮތަށް ދިމާވަނީ މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމުގައި މަޖިލީހުން ސިޔާސީ ވިސްނުމަށް ބަލާތީ އެވެ. އެ ވިސްނުން ދޫކޮށް، މިނިވަން މުއައްސަސާތަކާ މެދު އިތުބާރު ލިބޭ ގޮތް ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ ހުރިހާ ކޮމެޓީތަކެއްގެ މެޖޯރިޓީ މި އޮތީ ޕީޕީއެމްގައި. ތި ބޭފުޅުން ބައްލަވާ މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރާއިރު ކޮމެޓީން އިންޓަވިއު ކޮށްފައި އެންމެ މަތިން މާކްސް ލިބޭ މީހުން ނުނަގާ އެއަށް ވުރެ މަދުން މާކްސް ލިބޭ މީހުންނަށް އެބަހުރި މަޖިލީހުން ރުހުން ދީފައި. ސިޔާސީ ވިސްނުމުގެ ރޫހުގައި ރުހުން ދޭތީ މިކަންކަން މި ދިމާވަނީ،" އަމީތު ވިދާޅުވި އެވެ.

ޝިފާގު: އެޗްއާރުސީއެމުން އިސްތިއުފާ ދެއްވުމުން އޭނާ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވަނީ އައްޔަން ކުރައްވާފައި
ޝިފާގު: އެޗްއާރުސީއެމުން އިސްތިއުފާ ދެއްވުމުން އޭނާ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވަނީ އައްޔަން ކުރައްވާފައި

މަޖިލީހުގެ މިދިޔަ ދައުރުގައި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ކަން ކުރެއްވި ޝިފާގު އެޗްއާރުސީއެމް އިން އިސްތިއުފާ ދެއްވިތާ ހަފުތާއެއް ނުވަނީސް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އޭނާ ވަނީ އައްޔަންކޮށްފަ އެވެ. ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާގު ވިދާޅުވީ ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރައްވަނީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އަދި އެޗްއާރުސީއެމް އަށް ރައީސް ޔާމީން އެއްވެސް ނުފޫޒެއް ނުފޯރުއްވާ ކަމަށާއި ރައީސް ޔާމީން އެދިވަޑައިގަތީ އިންސާފުން ކަންކަން ކުރައްވަން ކަމަށް ޝިފާގު ވިދާޅުވި އެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރުމުގެ ކުރިން ޝިފާގު ހުންނެވީ ޕީޕީއެމްގަ އެވެ. ޕީޕީއެމާ ގުޅިވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ އެމްޑީޕީގަ އެވެ،