އަދާލަތު ޕާޓީގެ މެމްބަރުކަމުން އިއްޔެ އިސްތިއުފާ ދެއްވި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާ މިއަދު ގުޅިވަޑައިގެންފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ އުފައްދަވާ އެމްއެންޕީއާ ގުޅިވަޑައިގަތްކަން ހާމަކޮށް ޝިދާތާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއަދު އާދެވިފައިވާ ހިސާބުން ސިޔާސީ އިތުރު ހަރުފަތަކާ ހަމައަށް ދިއުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެހެންވެ މިވަގުތުގެ ހާލަތަށް ބަލައި ސިޔާސީ ގޮތުން އިތުރަށް ފުޅާ މަސައްކަތްތަކެއް ކުރުމަށް އާ މިސްރާބަކުން ހިނގަންޖެހޭކަމަށް ބެލެވޭތީ އެ ޕާޓީއާ ގުޅިވަޑައިގަތީ ކަމަށް ޝިދާތާ ވިދާޅުވި އެވެ.
ޝިދާތާ ވަނީ ސިޔާސީ ހަޔާތުގައި އަލަށް ފަށަން ތައްޔާރުވެފައިވާ ދަތުރުން ރައްޔިތުންގެ ހައްގުގައި ފުޅާ ދާއިރާއެއްގެ އިތުރު މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ރައްޔިތުން އެދޭފަދަ މިސްރާބަށް ގައުމުގެ ކަންކަން ގެންދިއުމަށް ކުރެވޭ މަސައްކަތަކަށް ވެސް ބޮޅެއް އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ޝިދާތާ ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތީ އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވަ އެވެ. ބަޔާނުގައި އޭނާ ވަނީ މިހާތަނަށް ލިބުނު ގިނަ ތަޖުރިބާތައް ލިބުނީ އެ ޕާޓީގައި ހުންނަވައިގެން ކަމުން ސިޔާސީ ސަޚުސިއްޔަތު ބިނާ ކުރުމުގައި އަދާލަތު ޕާޓީ އަދާކުރި ދައުރު ހަނދާނުން ފޮހެވިގެން ނުދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ލިބުނު ހުރިހާ ފުރުސަތުތަކަށް އަދި ޕާޓީގެ މެމްބަރުންނާއި ލީޑާޝިޕުން އޭނާއަށް ކުރެއްވި އިތުބާރާއި ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރެއްވި އެވެ.
ޝިދާތާ ވިދާޅުވި ގޮތުގައި މީގެ 11 ވަރަކަށް އަހަރު ކުރިން ގުޅިވަޑައިގަތް އަދާލަތު ޕާޓީން ވަކިވެވަޑައިގެން އެހެން ޕާޓީއަކަށް ގުޅިވަޑައިގަތުމަށް ނިންމެވި ނަމަވެސް އެއްވެސް ފަރާތަކަށް ހިތްބުރަކަމެއް ނެތެވެ.
"އަޅުގަނޑު މިފަދަ ނިންމުމަކާއި ހަމަޔަށް އައުމުގައި އެއްވެސް ފަރާތަކައް އެއްވެސް ހިތްބުރަކަމެއް ނެތެވެ. ސިޔާސީ ގޮތުން ކަޑައްތުކުރި ގޮންޖެހުންތަކާއި ހިތްނުތަނަވަސްކަން އެއީ އަޅުގަނޑަށް ލިބުނު މުހިންމު ތަޖުރިބާއެކެވެ. އަދި ސިޔާސީ ގޮތުން އާ ހިތްވަރެއް ލިބުން ނޫންކަމެއް އެއަކު ނެތެވެ." މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވަކިވަޑައިގެން އެމްއެންޕީއަށް ގުޅިވަޑައިގަތުމަށް ނިންމަވާ ނެރުއްވި ބަޔާނުގައި ޝިދާތާ ވިދާޅުވި އެވެ.
އަދާލަތު ޕާޓީން ވަކިވެވަޑައިގެންނެވިއިރު ޝިދާތާ ހުންނެވީ އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސަކަށެވެ. ނަމަވެސް، ފެބްރުއަރީ 6، 2021 ގައި ޖެންޑާ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެެއްވި ފަހުން ޕާޓީގެ މަސައްކަތްތަކުގައި އޭނާ އުޅުއްވީ ވަރަށް ދުރުކޮށެވެ.
މި ސަރުކާރު ކޯލިޝަންގެ އެންމެ ފުރަތަމަ ޖެންޑާ މިނިސްޓަރަކަށް ހުންނެވުމަށްފަހު އެ މަގާމުން ޝިދާތާ ވަކިވެވަޑައިގަތީ މިނިސްޓްރީގެ އިހުމާލުގެ މައްސަލަތައް ފެންމަތިކޮށް މަގާމުން އިސްތިއުފާ ދެއްވުމަށް އޭނާއަށް ފިއްތުންތައް ކުރިމަތިކުރުމުންނެވެ. ޝިދާތާ އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ވެސް ހުށަހަޅާފައި ވަނިކޮށެވެ.
އެކަމަކު މަގާމުން އިސްތިއުފާ ދެއްވިތާ އެއް އަހަރު ފުރުމާ ގުޅިގެން ޝިދާތާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭރުގެ އިދިކޮޅު ލީޑަރުންގެ ހައްގުގައި ކުރެއްވި މަސައްކަތްތަކާ އެކު ވެސް ސަރުކާރުން އޭނާ މަގުމަތިކޮށްލުމަކީ މި ކޯލިޝަންގެ ލީޑަރުން ލަދުފުޅު ގަންނަންޖެހޭ ކަމެއް ކަމަށެވެ.
މި ސަރުކާރު އައީ އޭރުގެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ގާއިމްކުރަން ކަމަށް ވިޔަސް، ސަރުކާރުގެ އެންމެ ބޮޑު ބޭއިންސާފަކާއި ހިތްދަތިކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ވެސް އޭނާއަށް ކަމަށް ޝިދާތާގެ ޕޯސްޓުގައިވެ އެވެ.