އަދާލަތު ޕާޓީގެ މެމްބަރުކަމުން، ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީގެ މެމްބަރުކަމުން ވަކިވިކަން ޔަގީންކޮށްދިނަސް އެކަމާ ގުޅޭގޮތުން ޝިދާތާ އިތުރު އެއްޗެއް ވިދާޅެއް ނުވެ އެވެ. ސިޔާސީ ދާއިރާ އަދި ފެށުނީ ކަމަށް ވިދާޅުވެ، އޭނާ "މިހާރު" އަށް ވިދާޅުވީ އެކަމާ ގުޅޭ އިތުރު ތަފްސީލު މާދަމާ ހިއްސާކުރައްވާނެ ކަމަށެވެ.

މީގެ 11 ވަރަކަށް އަހަރު ކުރިން ގުޅިވަޑައިގަތް ޕާޓީން ވަކިވެވަޑައިގެންނެވިއިރު ޝިދާތާ ހުންނެވީ އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސަކަށެވެ. ނަމަވެސް، ފެބްރުއަރީ 6، 2021 ގައި މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެެއްވި ފަހުން ޕާޓީގެ މަސައްކަތްތަކުގައި އޭނާ އުޅުއްވީ ވަރަށް ދުރުކޮށެވެ.

މި ސަރުކާރު ކޯލިޝަންގެ އެންމެ ފުރަތަމަ ޖެންޑާ މިނިސްޓަރަކަށް ހުންނެވުމަށްފަހު އެ މަގާމުން ޝިދާތާ ވަކިވެވަޑައިގަތީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރުވި އަހުމަދު ހިޝާނަށް އޭރު ކުރި ޖިންސީ ތުހުމަތުތައް ޖެންޑާ މިނިސްޓްރީއަށް އެނގޭއިރު ވެސް އެކަމުގައި އިހުމާލުވިކަމަށް ތުހުމަތުކޮށް އަމާޒުވި ފާޑުކިޔުންތަކާ އެކުގަ އެވެ.

އެހެންވެ، އޭނާ މަގާމުން ވަކިކުރަން ސޯޝަލް މީޑިއާގައި އޭރު ވަރުގަދަ ކެމްޕެއިނެއް ފެށި އެވެ.

އެ އިސްތިއުފާއާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އޭރު ވިދާޅުވީ ޝިދާތާއަކީ ސިޔާސީ ތާރީހުގައި އުފެދުނު ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ. ޕާޓީއަށާއި ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި ވެވަޑައިގެންނެވި ގުރުބާން މިނެކިރޭވަރަށް ވުރެ ބޮޑު ކަމަށް އިމްރާން އޭރު ވިދާޅުވި އެވެ.

"އަދި އެއީ ގެއްލިގެންދާނެ ކަމެއް ވެސް ނޫން އިންޝާﷲ،" ޓްވީޓުގައި ވެ އެވެ.

"މާތްﷲގެ ވާގިފުޅާ އެކު ޝިދާތާގެ ތަރި ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން ގާތް ވެސް ނުވޭ. ސިޔާސީ ހަރަކާތުގައި ޝިދާތާއަކީ އަދާލަތު ޕާޓީގެ އެއް މުގޫ."

މަގާމުން ވަކިވެވަޑައިގެންނެވިތާ އެއް އަހަރު ފުރުމާ ގުޅިގެން ޝިދާތާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭރުގެ އިދިކޮޅު ލީޑަރުންގެ ހައްގުގައި ކުރެއްވި މަސައްކަތްތަކާ އެކު ވެސް ސަރުކާރުން އޭނާ މަގުމަތިކޮށްލުމަކީ މި ކޯލިޝަންގެ ލީޑަރުން ލަދުފުޅު ގަންނަންޖެހޭ ކަމެއް ކަމަށެވެ.

މި ސަރުކާރު އައީ އޭރުގެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ގާއިމްކުރަން ކަމަށް ވިޔަސް، ސަރުކާރުގެ އެންމެ ބޮޑު ބޭއިންސާފަކާއި ހިތްދަތިކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ވެސް އޭނާއަށް ކަމަށް ޝިދާތާގެ ޕޯސްޓުގައި ވިދާޅުވި އެވެ.