މީރު އައިލެންޑު ރިސޯޓާއި ޝެރަޓަން ފުލްމޫން ރިސޯޓުން ޓެސްޓުކުރި 14 މީހަކު، ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ކުރި ޓްވީޓުގައި ބުނީ، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން މީރު އައިލެންޑު ރިސޯޓުން ނެގި 12 ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ. އެހެންވެ ރިސޯޓް މޮނިޓަކުރުން ވެސް ހުއްޓާލާފައިވާ ކަމަށް ވެސް ބުންޏެވެ.

ޝެރަޓަން އައިލެންޑް ރިސޯޓުން ނެގީ ދެ މީހެއްގެ ސާމްޕަލެވެ. އެ ދެ މީހުން ވެސް ކޮވިޑް-19 އަށް ނެގެޓިވްވެފައިވާތީ މޮނިޓަރިންގެ ހާލަތުން ރަށް ނަގާފައިވާ ކަމަށް ބުންޏެވެ.

މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 އަށް ރާއްޖެއިން ވެސް 13 މީހަކު ޕޮޒިޓިވްވެފައި ވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ.

މީރު އައިލެންޑް ރިސޯޓު.--
މީރު އައިލެންޑް ރިސޯޓު.--

މި ބަލި މިހާތަނަށް ރާއްޖެއިން ފެނުނީ ރިސޯޓުތަކުންނެވެ. މީހުން ދިރިއުޅޭ ރަށަކުން ނުފެނެ އެވެ. ނަމަވެސް ކައުންސިލްތަކުން ވެސް އަންނަނީ ރަށްރަށަށް ޒިޔާރަތްކުރާ މީހުންގެ މައުލޫމާތުތައް ސާފުކޮށް ކޮވިޑް-19 ގެ އަލާމާތްތައް ފެނޭތޯ ބަލަމުންނެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ މުޅި ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރާއްޖޭން ބޭރުން އަންނަ މީހުން މޮނިޓަކުރުން ވަރުގަދަކޮށްފަ އެވެ.