އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އަދި ރިޔާސީ އިންތިހާބަށް އަމިއްލަގޮތުން ކުރިމަތިލެއްވި ހުސެން ނަސީރުގެ ރަނިންމޭޓް، ނަސްރުﷲ މުސްތަފާގެ ވަކީލުކަމުގެ ހުއްދަ މިއަދު ސަސްޕެންޑްކޮށްފި އެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓުން ބުނިގޮތުގައި ނަސްރުﷲގެ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓީ، އޭނާގެ މައްޗަށް ތުހުމަތުކޮށް، އުފުލާފައިވާ ޖިނާއީ ދައުވާތަކާ ގުޅޭގޮތުން ވަކި ގޮތެއް ކަނޑައަޅަންދެން، ވަކީލުންނާ ބެހޭ ގަވައިދުގެ ދަށުންނެވެ.
އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި އަނބިދަރިންނަށް އަޅާނުލުމުގެ ދައުވާ ނަސްރުﷲގެ މައްޗަށް ކުރެ އެވެ.
އަދި މިދިޔަ އަހަރު ހަތަރު މީހަކު ހައްޖަށް ގެންދިޔަ މައްސަލާގައި އެނގި ހުރެ ސައްހަ ނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ވެސް ނަސްރުﷲ ގެ މައްޗަށް ކުރެ އެވެ. އެކަމަކު، އެ ދައުވާތަކަށް ވެސް އޭނާ ވަނީ އިންކާރުކޮށްފަ އެވެ. ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ހުސައިން ނަސީރު ހުށަހެޅުއްވި ކެންޑިޑެސީ، އިލެކްޝަންސް ކޮމިޝަނުން ގަބޫލެއް ނުކުރި އެވެ. ކެންޑިޑެސީ ބަލައިނުގަތް ސަބަބުތަކުގެ ތެރޭގައި ވެސް ނަސްރުﷲގެ ކުށުގެ ރެކޯޑް އޮތުން ހިމެނެ އެވެ. އެ މައްސަލައިގައި ހުސެން ކޯޓަށް ވަޑައިގެން ނަމަވެސް، ހައިކޯޓުން މައްސަލަ ބަލައެއް ނުގަތެވެ.