އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ހުށަހެޅުއްވި ހުސައިން ނަސީރުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

ހައި ކޯޓުގެ ރެޖިސްޓްރާގެ ނިންމުމުގައި ބުނެފައި ވަނީ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމި ނިންމުމަކީ އިންތިހާބީ ޝަކުވާއެއް ނޫންކަން، ގާނޫނުތަކާއި ގަވައިދުތަކަށް ބެލުމުން އެނގޭ ކަމަށެވެ. އެހެންވެ އިންތިހާބީ ޝަކުވާއެއްގެ ގޮތުގައި މި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމީ އެވެ.

ރެޖިސްޓްރާގެ ނިންމުން ރިވިއުކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަދި އޮންނާނެ އެވެ.

ހުސައިންގެ ކެންޑިޑެސީ ފޯމު ބާތިލްކުރީ އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހަމަކުރަންޖެހޭ 1،500 މީހުންގެ ސޮއިގައި މައްސަލަތަކެއް ހުރުމުންނާއި އޭނާގެ ރަނިންމޭޓަކަށް ހުށަހެޅުއްވި ޝައިހް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑުގެ އިތުރުން ހުސައިންގެ ދާއިމީ އެޑްރެސްގައި މައްސަލަތަކެއް ހުރުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރާ މައްސަލަތައް ރަނގަޅު ކުރުމަށް ފަހު، ފޯމު އަލުން ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް އަމުރުކޮށް ދިނުމަށެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު ބުނާ ގޮތުން އިންތިޚާބަކަށް ކުރިމަތިލާން މީހަކު ހުށަހަޅާ ހުށަހެޅުމެއް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާ ހާލަތުގައި، އެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ސުޕްރީމް ކޯޓަށް ނުވަތަ ހައި ކޯޓަށެވެ. ސުޕްރީމް ކޯޓަށް ހުށަހެޅޭނީ އެ މީހަކު އިންތިޚާބުގައި ވާދަކުރަން ޝަރުތު ހަމަނުވާ ކަމަށް ބުނެ ކޮމިޝަނުން ނިންމާ ނިންމުންތަކެވެ. އަދި އެ ނޫން ކަންކަމާ ގުޅޭގޮތުން ކޮމިޝަނުން ނިންމާ ނިންމުންތައް ހުށަހަޅަން ޖެހޭނީ ހައި ކޯޓަށެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ކުރިމަތިލައްވާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ވާދަކުރައްވާނެ ކަމަށް ކުރިން އިއުލާނުކުރެއްވި ނަމަވެސް އެ ބޭފުޅުން ފަހުން ނިންމެވީ ވާދަ ނުކުރެއްވުމަށެވެ.