ޝީޝާ ކުންފުނީގެ މުވައްޒަފުންނަށް ރޯދަ އެލަވަންސް ނުދޭން ނިންމުމަށް ފަހު އެކަން ބަދަލުކޮށް ރޯދަ އެލަވަންސް ދޭން ނިންމައިފި އެވެ.
ރާއްޖޭގައި ހޮންޑާ ސައިކަލުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ޝީޝާ، ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19ގެ ސަބަބުން ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިތަކާ ހެދި ރޯދަ އެލަވަންސް ނުދޭން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންވެ މުވައްޒަފުންނާއި އާއްމުންގެ ކިބައިން އެ ކުންފުނިން ވަނީ މާފަށް އެދިފަ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް، ރޯދަ މަސް ފެށުމުގެ ކުރިން 3،000ރ. ގެ އެލަވަންސެއް ދޭން ޖެހޭނެ އެވެ.
"މުވައްޒަފުންގެ މަސްހަލަތު އަޅުގަނޑުމެންނަށް ވަރަށް މުހިއްމެވެ. އެހެންކަމުން އަޅުގަނޑުމެން ހުރިހާ މުވައްޒަފުންނަށް (މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ދީފައިވާ މުވައްޒަފުން ވެސް ހިމެނޭގޮތަށް) ކުރިން ވެސް ހަމަޖެހިފައިވާ ފަދައިން މިދިޔަ މަހުގެ ފުރިހަމަ މުސާރައިގެ އިތުރުން ރޯދަ އިނާޔަތުގެ ގޮތުގައި 3،000ރ. ލިބޭނެކަމުގެ ޔަގީންކަން އަޅުގަނޑުމެން އަރުވަމެވެ،" ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ހަސަން މަނިކު ނެރުއްވި ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނީ ރޯދަ އިނާޔަތް ނުދޭން ކުރިން ނިންމާފައި އޮތް އިރު ވެސް، މިދިޔަ މަހުގެ މަސައްކަތު ގަޑިތައް ވަރަށް ބޮޑަށް މަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަހުގެ މުސާރަ ހުރިހާ މުވައްޒަފުންނަށް އެއްކޮށް ލިބޭނެ ކަމަށް ކޮންމެ މުވައްޒަފަކަށް ވަކިވަކިން ފޮނުވި ސިޓީގައި ބުނެފައިވާނެކަން ފާހަގަކުރި އެވެ. އަދި ބިދޭސީ މުވައްޒަފުން މަގުމަތިވިޔަ ނުދިނުމަށްޓަކައި އަދި އާއްމު ހާލަތަށް ރުޖޫއަވަންދެން ނުވަތަ އެމީހުން ގައުމަށް އެނބުރި ދެވެންދެން ބިދޭސީންގެ ކެއުމާއި ހުރުމާއި ކަރަންޓާއި ފެނުގެ ހަރަދު ދޭން ހަމަޖައްސާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"މާޗު 21، 2020 އިން ފެށިގެން މި ކުންފުނީގެ މަސައްކަތުގެ ގަޑިތައް ވަނީ ވަރަށް ބޮޑުތަނުން ކުޑަކުރެވިފަ އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ މުވައްޒަފުން މި މުއްދަތުގެ ތެރޭގައި އަދާކުރަންޖެހޭ އެއްވެސް މަސްއޫލިއްޔަތެއް ނޯންނާނެ އެވެ. އަދި ލޮކްޑައުން ކުރުމާ ގުޅިގެން ވިޔަފާރިއަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް މަޖުބޫރުވެފައި މި ވަނީ މިފަދަ މުވައްޒަފުން މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވުމަށެވެ،" ބަޔާނުގައި ބުންޏެވެ.
އާއްމު ހާލަތަށް ބަދަލުވުމާއެކު، ކުރީގެ މަގާމަށް ރުޖޫއަވުމުގެ އިހުތިޔާރު އެ މުވައްޒަފުންނަށް ދީ، ކޮންމެ މުވައްޒަފެއްގެ ހިދުމަތުގެ މުއްދަތާ ގުޅުވައިގެން ކޮމްޕެންސޭޝަން ޕެކޭޖެއް ވެސް ދީފައިވާނެ ކަމަށް ބުންޏެވެ. ނަމަވެސް މި ވަގުތު ގޭގައި ތިބެގެން މަސައްކަތް ކުރާ މުވައްޒަފުންގެ އުޖޫރަ ވެސް ކުޑަކޮށްފައިވާ ކަމަށް ބުންޏެވެ.