ރާއްޖޭގައި ހޮންޑާ ސައިކަލުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ޝީޝާ އިން އެކުންފުނީގެ މުވައްޒަފުންނަށް މިއަހަރުގެ ރޯދަ އެލަވެންސް ނުދޭން ނިންމައި މުސާރަތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މުވައްޒަފުންނަށް އަންގައިފި އެވެ.
ޝީޝާ އިން މިމަހުގެ 19 ވަނަ ދުވަހު މުވައްޒަފުންނަށް ފޮނުވި މެމޯގައި ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާ ހެދި މުވައްޒަފުންގެ މުސާރަ އަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 21 އިން ފެށިގެން ބައެއް މުވައްޒަފުންގެ މުސާރަ ވަނީ ކުޑަކޮށްފަ އެވެ.
މީގެ އިތުރުން އެ ދުވަހުން ފެށިގެން އެ ކުންފުނީގެ ޑިޕާޓްމަންޓުތަކާއި ޝޯރޫމްތަކުގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށް ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭ ގޮތަށް ޗުއްޓީ އަށް ފޮނުވާނެ ކަމަށް ވެސް އެ މެމޯގައި ވަނީ ބުނެފަ އެވެ.
ޝީޝާއިން ބުނީ މިގޮތަށް ހަދަނީ އެ ކުންފުނީގެ ވިޔަފާރި ދަށްވުމުގެ ސަަބަބުން ކަމަށެވެ. އަދި މިއީ ކުންފުނީގެ މެނޭޖުމަންޓަށް އުނދަގޫ ނިންމުމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެ ކުންފުނީގެ ވިޔަފާރި ދަށްވުމާ ގުޅިގެން ހުރިހާ ޝޯރޫމެއް ވެސް މިހާރު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފަ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރޯދަ އެލަވަންސްގެ ގޮތުގައި 3،000ރ. ރޯދަ މަސް ފެށުމުގެ ކުރިން ދޭންޖެހެ އެވެ.
ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ބޮޑު ހީނަރުކަމެއް އައިސްފައި ވާތީ އެތައް ބައެއްގެ ވަޒީފާ ގެއްލޭނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. އަދި މިހާރު ވެސް ބައެއް ކުންފުނިތަކުން ދަނީ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނޯ ޕޭ އަށް ވެސް ފޮނުވަމުންނެވެ.