ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ޖަލަށްލި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުއާ، ޝީރީނާ އެކުގައި އެންމެ ފަހުން އުޅުނު ވަގުތު ކަން ހިނގި ގޮތާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ ޝަރީއަތުގައި އޭނާއާ މިއަދު ސުވާލުތައް އަމާޒުކޮށްފި އެވެ.
މީގެ 11 އަހަރު ކުރިން ޖެނުއަރީ، 2010 ގައި މާލޭގައި ގެއްލިގެން ހޯދަމުން ދަނިކޮށް ޝީރީންގެ މަރުވެފައި އޮތް ހަށިގަނޑު ފެނުނީ ހަދަމުން ދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރެއިން، ކުނިވެފައި އޮއްވަ އެވެ. ޝީރީންގެ މަރާލި ކަމަށް ތުހުމަތުކޮށް، ނަޖާހުގެ މައްޗަށް ކުރި ދައުވާ ދަށު ކޯޓުން ސާބިތުވެފައި ނުވިޔަސް، ހައި ކޯޓުން މިދިޔަ އަހަރު ވަނީ އޭނާގެ މައްޗަށް އެ މައްސަލާގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
މަންޒަރު ފެނުނު ހެއްކަކު ނެތި، ހަމައެކަނި ގުޅުވާލެވޭ ހެއްކާއި ގަރީނާތަކަށް ބިނާކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މަރެއް ސާބިތުކުރި އެ މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރިޔަސް، ހައި ކޯޓުން ނިންމާފައި އޮތީ ނަޖާހުގެ މައްޗަށް ސާބިތުވަނީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށް ކަމަށެވެ. އޭނާ 12 އަހަރަށް ޖަލަށްލާން ހުކުމްކުރި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ވަނީ ޝަރީއަތް ފަށައިފަ އެވެ.
ދައުލަތުން ތުހުމަތުކުރަނީ ޝީރީނާއި ނަޖާހު އެކުގައި އުޅުނު ކޮޓަރި ތެރޭގައި ދެ މީހުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ޝީރީން މަރާލުމަށް ފަހު ލަގެޖް ފޮއްޓަކަށް އޭނާގެ ހަށިގަނޑު ލައިގެން ގޮސް ހަދަމުންދާ އިމާރާތެއްގެ ތެރެއަށް ނަޖާހު އެއްލާލީ ކަމަށެވެ. ޝީރީން ގެއްލުނު ފަހުން ލަގެޖް ބަރުފޮށްޓެއް ހިފައިގެން ނަޖާހު އެ ކޮޓަރިން ނިކުތް ތަނާއި އަދިި އޭނާގެ ހަށިގަނޑު ފެނުނު އިމާރާތާ ކައިރިއަށް ޓެކްސީއެއްގައި ނަޖާހު އެ ފޮށި ހިފައިގެން ދިޔަ ކަމަށް ހެކިވެރިން ބުނެފައިވެ އެވެ. އެ ފޮށިން ޝީރީންގެ ޑީއެންއޭ ލިބިފައިވިޔަސް، ޝީރީން މަރާލި ތަން ފެނުނު އެއްވެސް ހެކިވެރިއަކު ނެތެވެ.
"ނިދާފައި ހޭލިއިރު ޝީރީނެއް ނެތް"
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ނަޖާހުއާ ސުވާލުތައް އަމާޒު ކުރުމުގެ ކުރިން، ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ސުއޫދު ވިދާޅުވީ ޖަވާބު ދިނުމާއި ނުދިނުމުގެ އިހްތިޔާރު ނަޖާހަށް އޮންނާނެ ކަމަށެވެ. އެކަމަކު ޖަވާބު ނުދީފި ނަމަ، ނަޖާހުގެ ހަނު ހުރުން މާނަ ކުރެވޭނީ ނަޖާހުއާ ދެކޮޅަށް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރުން ފުރަތަމަ އެންގެވީ ޝީރީން އެންމެ ފަހުން ދިރިހުއްޓާ ފެނުނު ރޭ، އޭނާ އާއި ނަޖާހުއާ ދެ މީހުން އެކުގައި އުޅުނު ކޮޓަރިއަށް ވަތް ފަހުން ކަން ހިނގި ގޮތް ކިޔައި ދިނުމަށެވެ. މާފުށީ ޖަލުގައި ހުރެގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިިވި، ނަޖާހު ބުނީ އެރޭ ކޮޓަރީގައި ޝީރީނާ އެކު ކޮޓަރީގައި އޮއްވާ ނިދިފައި ހޭލެވުނުއިރު ޝީރީން އެތަނުގައި ނެތް ކަމަށާއި އޭގެފަހުން ޚަބަރެއް ނުވާ ކަމަށެވެ. ޝީރީން ގެއްލިގެން އެކަން ފުލުހުންނަށާއި އާއިލާއަށް ރިޕޯޓްކުރީ ވެސް އަމިއްލައަށް ކަމަށް ނަޖާހު ބުންޏެވެ.
"މަރިޔަމް ޝީރީން އޮތީ އެރޭ އާ އަހަރު ފެށޭތީވެ 12 ޖަހާއިރު ކޮޮންމެވެސް ތަނަކަށް ދާން ބުނެފައި. ދެން އަޅުގަނޑަށް ނިދިފައި ހޭލެވުނީ ދަންވަރު 3 ޖެހިއިރު. އަޅުގަނޑު ހޭލި އިރަކު ޝީރީން ގެއަކު ނޫޅޭ. އޭގެފަހުން ގެއަކަށް ނާދޭ. ޖެހިގެން އައި ދުވަހު ވެސް ނާދޭ." ޝީރީން ގެއްލުނު ވާހަކަ ނަޖާހު ކިޔައި ދިނީ މިގޮތަށެވެ.
ނަޖާހު ބުނި ގޮތުގައި އޭގެ ތިން ދުވަސް ފަހުން ފޮއްޓެއް ހިިފައިގެން އެ ކޮޓަރިން ނިކުމެގެން ދިޔައީ އެގެއިން ނިކުންނަން އޭނާއަށް އެންގުމުން އަންނައުނު ގެންދިއުމަށެވެ. އޭނާ ބުނިގޮތުގައި ފޮށި ހިފައިގެން ދިޔައީ އޭނާ ވަޒީފާ އަދާކުރާ ތަނުގައި އުޅުނު މީހުން ތިބި ތަނަކަށެވެ.
"އެލްސިއޯން ބޭކަރީ ބިއްދޮށުގައި ހުރި ގެއަކަށް ދިޔައީ. އަޅުގަނޑު އަންނައުނު އަޅައިގެން ދިޔައީ މަރިޔަމް ޝީރީންގެ ފޮށްޓަކަށް،" ނަޖާހު ބުންޏެވެ.
ޝީރީންގެ ގެއްލުމުގެ ކުރިން އެރޭ އިރާކޮޅު، އޭނާގެ އާއިލީ މީހުން އުޅޭ ގެއެއްގައި ޝީރީނާއި އޭނާގެ ދަރިފުޅު ތިބުމަށް ފަހު ނަޖާހުއާ އެކު ނިކުމެގެން ދިޔައީ ދަރިފުޅު އާއިލާ މީހުންގެ ގޭގައި ބެހެއްޓުމަށް ފަހު އެވެ. ދަރިފުޅު އެ ގޭގައި ބެހެއްޓީ ކީއްވެގެންތޯ ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވުމުން ނަޖާހު ބުނީ އެއީ ޝީރީންގެ އަމިއްލަ ނިންމުމެއް ކަމަށެވެ.
"އޭނާ 12 ޖަހާއިރު ތަނަކަށް ދާން ނިންމާފައި އޮތީމަ އޭނާ އެކަނި ދާންވެގެން އޭނާ ނިންމި ނިންމުމެއް،" ނަޖާހު ބުންޏެވެ.
"ފުޅިއެއް ތަޅައިގެން ދިޔައީ ފެން ބޯން އުޅެނިކޮށް"
ޝީރީން ގެއްލުނު ފަހުން، ޝީރީންގެ ދަރިފުޅު ހުރި ގެއަށް ގޮސް އެ ކުއްޖާގެ އަންނައުނު އެގޭގެ މީހުންނާ ހަވާލުކުރީ ނަޖާހު އެވެ. އަދި އެ ކުއްޖާ ރަނގަޅަށް ބެލުމަށާއި އޭނާއަށް ޚަރަދު ކުރާނެ ކަމަށް ނަޖާހު ބުނީ ކީއްވެގެންތޯ ފަނޑިޔާރު ސުއޫދު އެއްސެވުމުން ނަޖާހު ބުނީ ޚަރަދު ކުރާނެ ވާހަކަ ބުނެފައި ނުވާނެ ކަމަށެވެ. އެކަމަކު އެ ކުއްޖާގެ އަންނައުނު ނެތުމުން އަންނައުނު ހަވާލު ކޮށްފައިވާނެ ކަމަށް ނަޖާހު ބުންޏެވެ.
އެ ރޭ ނަޖާހު ކޮޓަރީގައި އެކުގައި އުޅުނު ވަގުތު އެ ކޮޮޓަރި ތެރެއިން އެއްޗެއް ތަޅައިިގެންދިޔަ އަޑު ގޭގެ އެހެން ކޮޓަރިއެއް ގައި ހުރި މީހަކަށް އިވިފައިވެ އެވެ. އެރޭ ތަޅައިގެން ދިޔައީ ބިއްލޫރި ފުޅިއެއް ކަމަށް އޭނާ ގާތު ޖެހިގެން އައިި ދުވަހު ނަޖާހު ވެސް ބުނެފައިވެ އެވެ. އެ ފުޅި ތަޅައިގެން ދިޔައީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވުމުން ނަޖާހު ބުނީ ފެން ބުއިމަށް ކޮޓަރީއަށް އެ ފުޅި ގެންދިޔަތަނާ ވެއްޓި ތެޅުނީ ކަމަށެވެ.
"ބެޑްގައި އޮއްވެފައި ފެން ބޯން ހަދައިގެން ގޮސް ކައްސާލައިގެން ވެއްޓުނީ،" ނަޖާހު ބުންޏެވެ.
ޝީރީން އެހެން މީހަކާ ރައްޓެހިވެގެން އުޅޭތޯ، ޖެހިގެން އައި ދުވަހު އެ ގޭގައި އުޅުނު އެހެން މީހެއްގެ ކައިރީގައި އެހީ ކީއްވެގެންތޯ ސުވާލު ކުރުމުން ނަޖާހު ބުނީ އެގޮތަށް އަހާފައި ނުވާނެ ކަމަށެވެ.
ފަނޑިޔާރުންގެ ބެންޗުން ސުވާލުތައް ދައުލަތަށް އަމާޒުވީ ޖަވާބުދާރީވާން ފުރުސަތު ދިނުމެއް ނެތި، އިސްތިއުނާފީ ކޯޓަކަށް ދައުވާއެއްގެ ސިފަ ބަދަލު ކުރެވޭނެ ގާނޫނީ ހަމައެއް އޮތްތޯ ވިދާޅުވެ އެވެ. އަދި ގާނޫނީ ގޮތުގެ އިތުރަށް ޝަރުއީ މިންގަނޑަކުން އެކަން ކުރެވޭނެ ހަމައެއް އޮތްތޯ ދެން އޮންނަ އަޑުއެހުމެއްގައި ސާފުކޮށް ދިނުމަށް ބެންޗުން ދައުލަތަށް އެންގެވި އެވެ. އަދި ގާނޫނަކާ ހަވާލާ ދިނުމެއް ނެތި އެ މައްސަލާގައި ދަށު ކޯޓުގައި ދައުވާކުރި ސަބަބު ސާފުކޮށް ދޭން ބެންޗުން އެންގެވި އެވެ.
މަރުގެ ސަބަބު ނުހޯދޭ، މަރެއް ސާބިތެއް ނުކުރެވޭނެ
ނަޖާހުގެ ވަކީލް އަހުމަދު ޒަނީން ވިދާޅުވީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށް ނަޖާހުގެ މައްޗަށް ސާބިތުވާ ކަމަށް ނިންމީ ނަޖާހަށް އެ ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމެއް ނެތި ކަމަށާއި އިސްތިއުނާފް މަރުހަލާގައި ދައުވާގެ ސިފަ ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށުގައި ފުރިހަމަ ވާންޖެހޭ އެއްވެސް ޝަރުތެއް އެ މައްސަލާގައި ފުރިހަމަނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ޝީރީން މަރުވި ގޮތް ނުހޯދޭއިރު، އޭނާ މަރާލީ ކަމަށް ނިންމޭނެ ގޮތެއް ނޯންނާނެ ކަމަށް ޒަނީން ވިދާޅުވި އެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ ޝީރީންގެ ޕޯސްޓްމޯޓަމް ހަދާފައި ނެތުމުން އޭނާ މަރުވުމަށް މެދުވެރިިވި ސަބަބު ނުހޯދޭ ކަމަށް ޑޮކްޓަރުން ބުނެފައިވާތީ އެކަމަށެވެ.
ޒަނީން ވިދާޅުވި ގޮތުގައި ޝީރީންގެ ހަށިގަނޑުގައި އެއްވެސް އަނިޔާއެއް ފެންނަން ނެތީސް އަދި އޭނާއަށް ނަޖާހު އަނިޔާކުރި ތަން ފެނުނު ހެއްކަކު ނެތީސް، ގަރީނާތަކެއްގެ މައްޗަށް ބިނާކޮށް އެ މަރާ ނަޖާހުއާ ނުގުޅުވޭނެ އެވެ. އަދި ޝީރީންގެ ހަށިގަނޑު އުފުލި ކަމަށް ބުނާ ފޮއްޓަކީ ޝީރީންގެ އަންނައުނު އަޅާ ފޮށި ކަމަށްވާތީ އެ ފޮށީގައި އޭނާގެ ޑީއެންއޭ ހުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ޒަނީން ވިދާޅުވި އެވެ.
ދައުލަތުން ބުނީ ނަޖާހުގެ މައްޗަށް އުފުލި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކަމަށް ވިޔަސް، ގަސްދަކާ ނުލައި ކުރި ކަމަކުން މީހަކު މަރުވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ހައި ކޯޓުން ކަނޑައެޅީ ޖިނާއީ އިޖްރައާތުގެ ގާނޫނަށް ރިއާޔަތްކޮށް ކަމަށެވެ. އެ ގާނޫނު އޮތްގޮތުން އަސްލު ދައުވާ ސާބިތު ނުވެ، އެކަމަކު އެހެން ދައުވާއެއް ސާބިތުވާ މިންވަރުގެ ހެކި ހުރެއްޖެ ނަމަ އެ ކުށަކުން އެ މީހަކު ކުށްވެރިވާ ކަމަށް ނިންމިދާނެ ކަމަށް ދައުލަތުން ބުންޏެވެ.
މީގެ އިތުރުން ނަޖާހުގެ އަމަލުތައް ހުރިގޮތުން ޝީރީނާ ދެމެދު ދެކޮޅުވެރިކަން ހުރި ކަން އަދި އޭނާއަށް ކުރިން އަނިޔާ ކޮށްފައި ހުރިކަން ހެކިތަކުން ސާބިތުވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެންމެ ފަހުން އޭނާ ދިރިހުއްޓާ ފެނުނު ވަގުތާއި އޭނާގެ ހަށިގަނޑު ފެނުމާ ދެމެދު ހިނގައިދިޔަ ކަންކަމަށް ބަލާއިރު ވެސް، ނަޖާހުގެ މައްޗަށް އެ ކުށް ސާބިތުވާނެ ކަމަށާއި ހައި ކޯޓުން ހުކުމްކުރީ ދަށު ކޯޓަށް ވެސް ހުށަހެޅުނު ހެކިތަކަށް ރިއާޔަތްކޮށް ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ، ދައުލަތުން އެދުނީ ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށް ދިނުމަށެވެ.
ފަނޑިޔާރު ސުއޫދު ރިޔާސަތު ބަލަހައްޓަވާ އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.