ސުޕްރީމް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހަކަށް ގަޑިޖެހިގެން ހާޒިރުވުމުން އެ ކޯޓުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ޖޫރިމަނާކޮށް އެ ފައިސާ ދެއްކުމުން ނޫނީ ޝަރީއަތަށް ހާޒިރު ނުވޭވެނެ ކަމަށް އަންގައިފި އެވެ.

ޕީޖީ އޮފީސް ޖޫރިމަނާކުރީ 2010 ވަނަ އަހަރު މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ޖަލަށް ލާފައިވާ އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހް 12 އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުމަކަށް ގަޑިއަށް ހާޒިރު ނުވުމުންނެވެ.

"ވަގުތަކީ ރަނަށް ވުރެ ވެސް އަގު ބޮޑު އެއްޗެއް. އެހެންވެ ގަޑިއަށް ސަމާލުކަން ދެއްވުން އެދެން. ޝަރީއަތް ވަގުތުން ފެށޭނީ ހުރިހާ ފަރާތްތަކުން ގަޑިއަށް އިހްތިރާމްކޮށްގެން،" ޝަރީއަތް ފައްޓަވަމުން، މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި އެވެ.

ހެނދުނު 9:00 ގައި އޮންލައިންކޮށް ފަށަން އޮތް އަޑުއެހުމަށް އެ ގަޑިއަށް ޕީޖީ އޮފީހުން އޮންލައިން ނުވުމުން ޝަރީއަތް ފެށުނީ 12 މިނެޓް ފަހުންނެވެ،

މިކަމާ ގުޅިގެން ޕީޖީ އޮފީސް ޖޫރިމަނާކުރިކަން އެންގެވުމުގެ ކުރިން ފަނޑިޔާރު ސުއޫދު ވިދާޅުވީ ޗިޓެއް އަދި އަމުރެއްގައި ވަކި ގަޑިއެއް ކަނޑައަޅާފައިވާ ނަމަ އެއަށް ތަބާވާންޖެހޭނެ ކަމަށާއި އެއީ ވެސް ކޯޓުގެ އަމުރެއް ކަމަށެވެ. އަދި ކޯޓުގެ ކޮންމެ އަމުރަކީ ހުރިހާ ރައްޔިތުން އަދި ކޮންމެ މުއައްސަސާއަކުން ވެސް އިހްތިރާމްކުރަން ޖެހޭނެ އެއްޗެއްކަން ހަނދާންކޮށްދެއްވި އެވެ.

"އެހެންކަމަށްވާތީވެ ސުޕްރީމް ކޯޓުގެ ގަވައިދުގެ 88 ވަނަ މާއްދާގެ ށ.ގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، 250ރ. އިން ޖޫރިމަނާކުރަން ނިންމާފަ ވަނީ. އަދި އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމުން ނޫނީ ދެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ޝަރީއަތުގެ މަޖިލީހުގައި ބައިވެރިއެއް ނުވެވޭނެ،" ފަނޑިޔާރު ވިދާޅުވި އެވެ.

ޕީޖީ އޮފީސް ގަޑި ޖެހުނަސް މިއަދުގެ ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދަން ނިންމަވައި، މިއަދު ވަނީ ދެ ފަރާތުން ހުލާސާ ބަޔާން އިއްވަން ފުރުސަތު ދެއްވައިފަ އެވެ.

މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ، މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.