ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި، ހުސެއިން އާދަމްގެ ބައްޕަ މިއަދު ނިޔާވެއްޖެ އެވެ.
ހދ. ކުޅުދުއްފުށި، އާދަމް މުހައްމަދު، 89، ނިޔާވީ މުސްކުޅި ބަލީގައި އުޅޭތާ ދުވަސްތަކެއް ފަހުން މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އޭނާ ނިޔާވީ ކުޅުދުއްފުށި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.
ޝަހީދު ހުސެއިން އާދަމްގެ ބައްޕަ އާދަމް މުހައްމަދާއި އަންހެނުން އައިޝަތު ހަސަން ވަނީ މީގެ ކުރިން އެކި ފަހަރު މަތިން "މިހާރު" އަށް ވެސް އިންޓަވިއު ދީފަ އެވެ. ކުޅުއްފުއްޓަށް ޒިޔާރަތްކުރާ ގިނަ ބަޔަކު އެ ދެމަފިރިންނާ އަބަދުވެސް ބައްދަލުކުރެ އެވެ.
އާދަމް ނިޔާވި އިރު، ދުނިޔޭގައި އޭނާގެ އަނބަކާއި ހަ ކުދިން އެބަ ތިއްބެވެ.
އުމުރުން އެންމެ 21 އަހަރުގައި ކުޅުދުއްފުށީ މާވާގޭ ހުސެއިން އާދަމް ޝަހީދުވީ، ނޮވެމްބަރު 3 ގައި ރާއްޖެ ހިފަން އައި ބާގީން ދިން ހަމަލާތަކެއް ދިފާއުކުރަން ސިފައިންގޭގެ ގޭޓްގައި އެކަނިމާއެކަނި ހަނގުރާމަކުރަން ހުއްޓަ އެވެ. އެ ހަމަލާތަކުގައި އޭނާގެ ގަޔަށް އެތައް ވަޒަނެއް އެރި އެވެ.
ހުސެއިން އާދަމަކީ މި ޖީލުގެ ބަތޮލެކެވެ.