ރިޔާސީ ކެމްޕެއިންގައި ށ. އަތޮޅު ނޫމަރާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމާ އެކު އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
މިއަދު މެންދުރުފަހު ރައީސް މި ރަށަށް ވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ މީހުން މަރުހަބާ ކިޔުމަށް ނުކުމެ ތިއްބެވެ. ރައީސަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ މާފަތިތައް ހިފައިގެން ތިބި ކުޑަކުދިންނެވެ. ނޫމަރާއަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީއަށް މެޖޯރިޓީ ލިބުނު ރަށެކެވެ.
އާބާދީގައި 500 އެއްހާ މީހުން އުޅޭ ނޫމަރާއަކީ ށ. އަތޮޅުގައި ވަރަށް އެކަހެރިކޮށް އޮންނަ ރަށެކެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ނޫމަރާ އޮތީ މުޅިން ބާކީކޮށްފަ އެވެ. އެކަން ބަދަލުކޮށް، ނޫމަރާގައި ވެސް މި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ފެށިކަން ރައީސް ފާހަގަކުރެއްވި އެވެ.
ނޫމަރާގައި އޮތް އެންމެ ބޮޑު ތަކުލީފަކީ ލަފާފުރުމެވެ. އެކަން ހައްލުކުރުމުގެ ގޮތުން މި ރަށުގެ ބަނދަރު ބަދަލުކޮށް ތަރައްގީ ކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތް ނިމުމުން އެ ބަނދަރު ވެގެންދާނީ ލަފާފުރުމަށް ފަސޭހަ ބަނދަރަކަށް ކަމަށެވެ.
ނޫމަރާ ކައިރީގައި އޮތް ފަޅު ރަށެއް ކަމަށްވާ ނެޔޮ، މި ރަށުގެ ރައްޔިތުންނަށް ލިބުމަކީ އެމީހުން އެދެމުންދާ ކަމެކެވެ. އެހެންވެ، ވަރުވާއަށް ދޫކޮށްފައިވާ އެ ރަށް، ނޫމަރާ ކައުންސިލަށް ދޫކޮށް އެ ތަނުން ހިދުމަތް ހޯދުމުގެ މަގު ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ނޫމަރާގެ ގިރާ ސަރަަހައްދު ރައްކާތެރިކޮށް ފުލުހުންގެ ހިދުމަތާއި އޭޓީއެމް ތައާރަފްކޮށް، ބޮޑު މިސްކިތެއް ބިނާކުރައްވާނެ އެވެ. އާބާދީ ކިތަންމެ މަދަސް، ރައީސް ވިދާޅުވި ގޮތުގައި، ނޫމަރާ ބާކީއެއް ނުކުރާނެ އެވެ.
"ތަފާތު ކުރުމެއް ނެތި، އާބާދީގެ ބޮޑު ކުޑަމިނަށް ބެލުމެއް ނެތި، ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިޔާސީ ހަލަބޮލިކަމާއި އަނިޔާވެރިކަން ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ނޫމަރާގެ ރައްޔިތުންނަށް ވެސް ވަނީ ތަޖުރިބާ ކުރެވިފައި ކަމަށާއި މި ސަރުކާރުން ކުރި މަސައްކަތުން ހަމަޖެހޭ މުޖުތަމައުއެއް ހޯދައިދެވިއްޖެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކަމާ މެދު ވިސްނައި، ދެން ވެސް ނޫމަރާގެ މެޖޯރިޓީ މި ސަރުކާރަށް ދޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.