ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ށ. ފުނަދޫގައި ތަރައްގީ ކުރި ޑޮމެސްޓިކް އެއާޕޯޓަށް މާދަމާ ޓެސްޓް ފްލައިޓް ޖައްސާ ގޮތަށް ހަމަޖައްސައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓެސްޓު ފްލައިޓު އެ އެއާޕޯޓަށް ޖައްސާނީ މާދަމާ ހެނދުނު 7:45 ގަ އެވެ.

މި ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން، ފުނަދޫގެ ރައްޔިތުން ތައްޔާރު ވަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. އެގޮތުން، އެ ރަށުގެ އެންމެން ގުޅިގެން މާދަމާ ބާއްވާ ސައެއް އޮންނާނެ ކަމަށް ކައުންސިލްގެ ނައިބު ރައީސް އަހުމަދު ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަލިފާން ނިއްވާ ޓަވަރު ފިޔަވައި އެހެން ހުރިހާ ތަނެއް އެއާޕޯޓުގައި ވަނީ ނިމިފަ އެވެ. އަދި އަންނަ މަހުގެ އެއްވަނަ ދުވަހު ޝެޑިއުލް ދަތުރުތައް ފެށޭނެ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.

"މިހާރު ނުނިމި ހުރީ އަލިފާން ނިއްވާ ޓަަރު އެކަނި. އެ މަސައްކަތްތައް ވެސް މިހާރު މިދަނީ ކުރިއަށް. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި އެކެއް ފެބްރުއަރީން ފެށިގެން ފްލައިޓުތައް ޖައްސަން ފަށާނެ،" އޭނާ ވިދާޅުވި އެވެ.

ފުނަދޫ އެއާޕޯޓަށް ފެބްރުއަރީ 1 ގައި ޝެޑިއުލް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ފުނަދޫ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.