ށ. ފުނަދޫ އެއާޕޯޓް އަންނަ މަހުގެ އެއް ވަނަ ދުވަހު ހުޅުވަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެމްޓީސީސީން ތަރައްގީކޮށްފައިވާ އެ އެއާޕޯޓް މިދިޔަ އަހަރު ހުޅުވަން މަސައްކަތްކުރި އެވެ. ފަހުން ވަނީ މިމަހުގެ ތެރޭގައި އެއާޕޯޓް ހުޅުވަން ނިންމައިފަ އެވެ. އަދި އިއްޔެ އެ އެއާޕޯޓަށް ޓެސްޓް ފުލައިޓް ޖައްސަން ވެސް ނިންމި އެވެ.
ޓްރާންސްޕޯޓް އެންޑް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަ އަހުމަދު ޒުހެއިރު ވިދާޅުވީ އެ އެއާޕޯޓް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހު އިންސްޕެންޝަންތައް ފަށައި ވަރަށް އަވަހަށް ޓެސްޓް ފްލައިޓް ޖައްސާނެ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް ދަތުރުތައް ފަށަން. އިރާދަކުރެއްވިއްޔާ އަންނަ މަހު އެކެއްގައި ހުޅުވޭނެ،" އައިލެންޑް އޭވިއޭޝަންގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި ޒުހައިރު ވިދާޅުވި އެވެ.
އެއާޕޯޓް ހުޅުވުމާއެކު އެތަނަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށަން ވަނީ ނިންމައިފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ފުނަދޫ އެއާޕޯޓުގެ އިތުރުން ހއ. ހޯރަފުށި، ޅ. މަޑިވަރު އަދި ގދ. މާވާރުލު އެއާޕޯޓް މި އަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށެވެ. އެއަށްފަހު މި އަހަރުގެ ތެރޭގައި އެ އެއާޕޯޓްތަކަށް އާއްމު ދަތުރުތައް ފަށާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި އަހަރު ހުޅުވާނެ ކަމަށް މިނިސްޓްރީން ބުނި އެއާޕޯޓްތަކުގެ ތެރެއިން ފުނަދޫ، މާވާރުލު އަދި މަަޑިވަރު އެއާޕޯޓްގެ މަަަސަައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރު އެވެ. ހޯރަފުށީ އެއާޕޯޓުގެ މަސަައްކަތް ފެެށީ މިދިޔަ އަހަރު އެވެ.