އާބާދީގައި 500 ހަމަވާ ރަށްރަށުގައި އޭޓީއެމް ބަހައްޓަން ސަރުކާރުން 90 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި، އެމްޑީޕީގެ ކެންޑިޑޭޓް ފޭދޫގައި ވިދާޅުވީ މި ރަށުގައި އޭޓީއެމް ބެހެއްޓުމަށް އެކި ރަށްރަށުން އެދިފައިވާތީ، ބީއެމްއެލްއާ އެކު އެ މަޝްވަރާކުރި ކަމަށެވެ.

ނަމަވެސް، ކޭޝްލެސްގެ ސިޔާސަތާ އެކު އެ ކުންފުނީގެ ވިސްނުމަކީ އޭޓީއެމްތައް ހުއްޓާލުން ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި 500 މީހުން ހަމަވާ ރަށްރަށުގައި ސަރުކާރުގެ ބަޖެޓުން 90 މިލިއަން ރުފިޔާ ހަރަދުކޮށްގެން އޭޓީއެމް ބަހައްޓައިދޭނެ އެވެ.

އެ ސިޔާސަތުގެ ދަށުން، 1،298 މީހުން ދިރިއުޅޭ މި ރަށުގައި ވެސް އޭޓީއެމް ބަހައްޓައިދޭނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި 2018 ގައި ވެރިކަމާ ހަވާލުވިއިރު ލަފާފުރުމުގެ ހަމަޖެހޭ ސިޔާސަތެއް އޮތީ 36 ރަށެއްގައި ކަމަށެވެ. ސުނާމީގެ ފަހުން ޒަމާނީ ފެންވަރުގެ ނަރުދަމާ އެޅިފައި ހުރީ 66 ރަށުގަ އެވެ. އަސާސީ އެ ހިދުމަތްތަކަކީ ވެރިކަމުގައި ހުންނަ ބޭފުޅެއްގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމަކަށް ވާތީ، ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު އެ ހުރިހާ ކަމެއް ޖެހުނީ ފަށަން ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވެ، 151 ރަށުގައި އިންޖީނުގެ ބަދަލުކޮށް، ކަރަންޓު ބަދަލުކުރުމަށް ކޭބަލް އަޅަން ފެށިކަމަށާއި ބަނދަރުގެ ދަތިކަން ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.

މި ދައުރު ނިމޭއިރު ފެނާއި ނަރުދަމާ ނޭޅޭ އެއްވެސް ރަށެއް ނޯންނާނެ ކަމަށާއި ހުރިހާ ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ ކަމަށް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ އިންޖީނުގެތައް އަޅަމުން ދަނީ ކުރިއަށް އޮތް 50 އަހަރަށް ޕްލޭން ކޮށްގެން ކަމަށެވެ. މިހާރު ކުރަނީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކަމަށާއި އެ މަނިކުފާނުގެ އަމާޒަކީ ދެ ވަނަ ދައުރު ނިމޭއިރު، ރާއްޖެއަށް ތެޔޮ އެތެރެކުރަން ހަރަދުކުރާ 800 މިލިއަން ޑޮލަރުގެ ދެބައިކުޅަ އެއްބައި ކުޑަކުރަން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން ފޮރިން ރިޒާވް އިތުރުވެ، ކަރަންޓަށް ބިލް ދައްކަންޖެހޭ ވަރު ކުޑަވުމުގެ އިހުސާސް ޖީބަށް ކުރާނެ ކަމަށެވެ.

"ޕްލޭންތަކާ އެކު މި މަސައްކަތްކުރަނީ ކުރަނީ. ނަތީޖާ ރަނގަޅު." ބަނދަރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް ރައްދު ދެމުން ރައީސް ވިދާޅުވީ ވެރިކަން ބޭނުންވަންޏާ ރައްޔިތުން ކައިރިއަށް އަންނަން ޖެހޭ ކަމަށެވެ. އެނޫން ގޮތަކަށް ހަދާ މެނިފެސްޓޯއަކުން ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތް ހަދައިގެން ނޫނީ މިކަން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.