ށ. ފޭދޫގައި މަރާމާތު ކުރަމުން އަންނަ ޕްރީ ސްކޫލުގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" އާއި އެހެން ބައެއް ލިޔުންތަކެއް ލިޔުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، އެ ސްކޫލުގެ ބޭރުގެ ފާރުގައި ތަކުރާރުކޮށް ލިޔެ ކުރަހާފައިވާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރީ އުމުރުން 28 އަހަރާއި 31 އަހަރުގެ ދިވެހި ދެ ފިރިހެނަކު ކަމަށެވެ.
އެ ދެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފޭދޫ ކައުންސިލުން މަރާމާތުކުރާ ޕްރީސްކޫލުގެ ފާރުގައި ލިޔެފައި ހުރީ "އިންޑިއާ އައުޓް" އާއި "ބޭން އުތެމާ" އާއި "އިންޑިއާ މިލިޓަރީ އައުޓް" އަދި "ހިޖާބް އިޒް އަވާ ރައިޓް" އާއި ލޯބީގެ އެއްޗެހި ތަކެކެވެ.
އެ ފާރުގައި ހުރީ ގަދަ ރީނދޫ ކުލަ ލާފައި ކަމަށް ވާއިރު، އެއީ "ފައްޅީގައި ހުންނަ ކުލަ" ކަމަށް ވެސް ލިޔެފައި ވެ އެވެ.
ކައުންސިލްގެ ރައީސް އަހުމަދު ރައިސަން "މިހާރު" އަށް ވިދާޅުވީ ކައުންސިލުން ފާސްކޮށްފައި ވަނީ ރަން އަދި ފެހި ކުލައަކީ ކައުންސިލްގެ ރަސްމީ ކުލައިގެ ގޮތުގައި ކަމަށާއި ފާރުގައި ހުރީ އެ ކުލަ ބޭނުންކޮށްފައި ކަމަށެވެ. އަދި ތިން ފޫޓުގެ އެ ފާރުގައި ކުރިން ޕްލޭންކޮށްފައި އޮތީ ވެސް ކުޑަކުދިންނާ ގުޅޭ އެކި ކަހަލަ ކުރެހުންތައް ކުރަހާ ގޮތަށް ކަމަށް ވިދާޅުވި އެވެ.
"ކުރެހުންތައް ކުރެހީމާ އެ ކުލަ މާ ބޮޑަކަށް ނުވެސް ފެންނާނެ،" އޭނާ ވިދާޅުވި އެވެ.
ފޭދޫ ސްކޫލުގެ ފާރުގައި "އިންޑިއާ އައުޓް" އާއި އެހެން ބައެއް ލިޔުންތައް ލިޔުނުއިރު މީގެ ކުރިން ވަނީ އެ އަތޮޅު ފުނަދޫ ސްކޫލުގެ ފާރުގައި ވެސް "އިންޑިއާ އައުޓް" ލިޔުނު މައްސަލައެއް ހޫނުވެފަ އެވެ.
އިނގިރޭސި ބަހުން "ސޭ ނޯ ޓު އިންޑިއަން" އާއި "އިންޑިއާ އައުޓް" ބޮޑު އަކުރުން އެ ފާރުގައި ލިޔުނީ ގޭގޭގެ ފާރުތަކުގައި ވެސް "އިންޑިއާ އައުޓް" ލިޔަން އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔަމީން ގޮވާލައްވާފައި ވަނިކޮށެވެ.
ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ތިބުމާ ދެކޮޅަށް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ ކެމްޕެއިންގައި، އެކި ދުވަސް މަތިން މާލޭގައި މުޒާހަރާތައް ބާއްވަ އެވެ. އަދި މި ކެމްޕެއިން އިތުރަށް ފުޅާކޮށް، ޕާޓީގެ އިސް ލީޑަރުންނާ އެކު ރަށްރަށުގައި ވެސް މުޒާހަރާތައް ބާއްވާފައިވެ އެވެ.
އެކަމަކު މިކަން ފުޅާވެ ބައެއް ރަށްރަށުގައި ކިޔަވައިދެމުން އަންނަ އިންޑިއާ ޓީޗަރުންނަށް ވެސް މި ކަމުގެ އުނދަގޫ ވަނީ ބޮޑުވެފަ އެވެ. ޓީޗަރުންނާ ދިމާކޮށް ފުރައްސާރަކުރުމާއި ރަށުން ފޭބުމަށް އިންޒާރުދޭ މައްސަލަތަކުގެ ރިޕޯޓް އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ލިބެމުން އަންނަ ކަމަށާއި އެގޮތަށް ޓީޗަރުންނާ ދިމާކޮށްލާތީ އެމީހުން ތިބީ ބިރުން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.