ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވާސިޓީތަކުން މަތީ ތައުލީމް ހާސިލް ކުރާ ށ. އަތޮޅުގެ ދަރިވަރުންނަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު އެ އަތޮޅު ކައުންސިލުން ހުޅުވާލައިފި އެވެ.

"ކިޔެވެނި އެހީ" ގެ ނަމުގައި އެ ލޯން ދޫކުރާތާ މިހާރު ތިން އަހަރު ވެއްޖެ އެވެ. އެލޯން ނެގުމުން ޔުނިވާސިޓީ އަށް ދައްކަން ޖެހޭ ޓިއުޝަން ފީ ކައުންސިލުން ދައްކައިދެ އެވެ. އަނބުރާ ކައުންސިލަށް އެ ފައިސާ ދައްކަން ޖެހެނީ 60 މަސް ދުވަހަށް ބަހާލައިގެންނެވެ. އިންޓަރެސްޓް ރޭޓަކީ އަހަރަކު ފަސް ޕަސެންޓެވެ.

އެ ލޯނަށް އެދުމުގެ ފުރުސަތު އިއްޔެ ހުޅުވާލިއިރު މުއްދަތު ހަމަވަނީ މި މަހުގެ ނިޔަލަށެވެ.

ށ. އަތޮޅު ކައުންސިލް މެމްބަރު ސައުދުﷲ އުސްމާން ވިދާޅުވީ ލޯން ދޫކުރުމަށް ކޮންމެ އަހަރަކުވެސް 1.5 މިލިއަން ރުފިޔާ ބަޖެޓެއް ހަމަޖައްސާ ކަމަށެވެ. އޭނާ ވިދާޅުވީ އަހަރަކު 70 މީހުންނަށް އެ ލޯން ދޫކުރަމުން އަންނަ ކަމަށެވެ.

"ވިލާ ކޮލެޖުގެ ކުދިންނަށް އަޅުގަނޑުމެން ދައްކައިދެން މަހަކު 3،000ރ. އެކުދިން އަޅުގަނޑުމެންނަށް ދައްކަން ޖެހޭނީ މަހަކު 700ރ.،" ސައުދުﷲ ވިދާޅުވި އެވެ.

އެ ފައިސާއަކީ އެކިއެކި ވިޔަފާރިކޮށްގެން ކައުންސިލަށް ލިބޭ އާމްދަނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއަތޮޅު ކައުންސިލަށް އާމްދަނީ ލިބެނީ ދެ ލޯންޗާއި ކުއްޔަށް ދޫކުރާ 15 ކޮޓަރީގެ އިތުރުން ށ. ފުނަދޫ ބީއެމްއެލް ބްރާންޗް ހިންގާ އޮފީހުގެ ބިމު ކުލިންނެވެ.

ޓިއުޝަން ފީގެ އިތުރުން ފުނަދޫގައި ހުންނަ ވިލާ ކޮލެޖުގެ ކެމްޕަސްމއިން ބްލޮކް މޯޑަށް ކިޔަވާ އެ އަތޮޅު މީހުންގެ އެކޮމެޑޭޝަން ވެސް ހިލޭ އެ ކައުންސިލުން އަންނަނީ ހަމަޖައްސައި ދެމުންނެވެ.