ށ. އަތޮޅު ކައުންސިލުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ ގަންނަން ނިންމައިފި އެވެ.

ށ. އަތޮޅު ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ އެ ކައުންސިލުގެ ތިން ވަނަ ދައުރުގެ 114 ވަނަ ޖަލްސާގައި ބައިވެރިވި ހަތަރު ކައުންސިލަރުންގެ އިއްތިފާގުން، އެމްއައިބީގެ ހިއްސާ ގަތުމަށް ފާސްވެފައިވާ ކަމަށެވެ.

އެ ކައުންސިލުން ގަންނަން ނިންމާފައި ވަނީ 85،720 ހިއްސާ އެވެ. އެއީ ތިން މިލިއަން ރުފިޔާގެ ހިއްސާ އެވެ. އެމްއައިބީން ގަންނަ ހިއްސާގެ ފައިދާ ޖަމާކުރާނީ ބީއެމްއެލްގައި ހުންނަ އެ ކައުންސިލްގެ އެކައުންޓަށް ކަމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

އެމްއައިބީގެ ހިއްސާ ވިއްކަން ފަށާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން އެ ބޭންކުގެ 6.9 މިލިއަން ހިއްސާ ވިއްކުމަށް އެމްއައިބީން ވަނީ ހުޅުވާލައިފަ އެވެ.

އެމްއައިބީން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ހިއްސާ ގަނެވޭނެ ލުއި ގޮތްތަކެއް ހޯދައިދީފަ އެވެ. އެގޮތުން ދުނިޔޭގެ ކޮންމެ ތާކު ހުރެގެން ވެސް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އިންފިނިޓީ ފޯޓަލް މެދުވެރިކޮށް އެ ބޭންކުގެ ހިއްސާ ގަނެވޭނެ އެވެ. މީގެ އިތުރުން އެ ބޭންކުގެ ހެޑް އޮފީހުންނާއި ކަލެކްޝަން ސެންޓަރުން ވެސް ހިއްސާ ގަނެވޭނެ އެވެ.