މާބެއްލާ، ސްޕެއިން (މާޗް 28) - ކޮވިޑް-19 ރޯގާ ހަލުވިކަމާ އެކު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފެތުރެމުން އަންނައިރު އެކަމުން އަރައިގަންނަން ގައުމުތަކުން ކުރާ މަސައްކަތުގައި ޗައިނާ އިން ދޭ އެހީތެރިކަަމަށް ޝުކުރުއަދާކުރާ ކަމަށް ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.
މިދިޔަ ޑިސެމްބަރު މަހު ޗައިނާ އިން ފެނުނު މި ވައިރަސް އޭގެ ފަހުން މުޅި ދުނިޔެ އަށް ފެތުރިފައިވާއިރު، ޗައިނާ އިން މިހާރު ވަނީ މި ބަލި ކޮންޓްރޯލްކޮށްފަ އެވެ. ޗައިނާ އިން އަންނަނީ މިހާރު މި ވައިރަސްގެ އަސަރުކޮށްފައިވާ އެކި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޖޮކޮވިޗް އުފަން ސާބިއާ އަށް ވެސް ޗައިނާ އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ސާބިއާ އިން މިހާތަނަށް 500 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު، މި ހަފުތާތެރޭގައި އެ ގައުމުގައި މި ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ސާބިއާގެ ސިއްހީ މާހިރުން ލަފާކުރެ އެވެ. ސާބިއާ އަށް އެހީވުމުގެ ގޮތުން މެޑިކަލް ސާމާނާ އެކު ޑޮކްޓަރުންގެ ޓީމެއް ޗައިނާ އިން ވަނީ ފޮނުވައިފަ އެވެ.
"އަހަރެންގެ ހިތުގެ އެންމެ އަޑިން ޗައިނާ އަށް ޝުކުރުއަދާކުރަން. އަދި މިއީ އަހަރެންގެ ގައުމު ދުވަހަކު ވެސް ހަދާން ނެތޭނެ ކަމެއް ނޫން. ޗައިނާގެ ފަރާތުން ދުނިޔޭގެ ގައުމުތަކަށް ލިބޭ އެހީތަކަށް ޝުކުރުއަދާކުރަން ޖެހޭ،" ޖޮކޮވިޗް ބުންޏެވެ.
ޓެނިހުގެ ހުރިހާ ހަރަކާތްތަކެއް ޖޫން މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ފަސްކޮށްފައިވާއިރު، އެ މުއްދަތުގައި ވެސް ފެށޭނެ ކަމުގެ ޔަގީންކަމެއް އަދި ނެތެވެ. ޖޮކޮވިޗް މި ވަގުތު އާއިލާއާ އެކު ހުރީ ސްޕެއިނުގެ މާބެއްލާގަ އެވެ. އެއީ މީހުން މަދު ސަރަހައްދެއްގައި އާއިލާއާ އެކު ވަގުތު ހޭދަކުރުމަށްޓަކައި ޖޮކޮވިޗް ނިންމި ނިންމުމެކެވެ.
ސާބިއާ އިން ކޮވިޑް-19 އެ ގައުމުގައި ފެތުރުމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީވުމުގެ ގޮތުން ޖޮކޮވިޗް ވަނީ 1.1 މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ.