އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ވެސް، ޗައިނާގައި އުފައްދާފައިވާ، މަތިންދާބޯޓަށް ހަމަލާ ދޭ މިސައިލް ނިޒާމުތަކެއް ސާބިއާ އަށް ގަނެ، އާންމުކޮށް އެ ހަތިޔާރުތައް ދައްކާލައިފި އެވެ.
ރަޝިޔާ އާއި ޗައިނާއާ އެކުގައި ގުޅުން ބަދަހިކުރާތީ ހުޅަނގުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުން އަޔަސް، ސާބިއާ އިން އިސްކަން ދެނީ ނޭޓޯ އާއި ވިލާތުގެ ގައުމުތަކާ އެކުގައި އޮތް ފަދަ ގުޅުމެއް، ޗައިނާ އާއި ރަޝިޔާއާ އެކުގައި ވެސް ބޭއްވުމަށެވެ. ވަކިން ޚާއްސަކޮށް ދީނީ ގޮތުންނާއި ނަސްލީ ގޮތުން ރަޝިޔާ ދަރިކޮޅުގެ މީހުންނާ އެކުގައި އޮތް ޒަމާންވީ ގުޅުން އެ ގޮތުގައި ދަމަހައްޓަން ސާބިއާ ބޭނުންވެ އެވެ.
ޗައިނާ އިން ގަނެފައިވާ، މަތިންދާބޯޓަށް ހަމަލާ ދޭ މިސައިލް ނިޒާމުތައް އިއްޔެ އާންމުކޮށް ދައްކައިލުމާ ގުޅިގެން، ހުޅަނގުގެ ބައެއް ގައުމުތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސާބިއާގެ އަވައްޓެރި ބައެއް ގައުމުތަކުން ބުނި ގޮތުގައި ރަޝިޔާ އާއި ޗައިނާގެ ޒަމާނީ ހަތިޔާރުތައް ސާބިއާ އަށް ގަނެ އަސްކަރީ ބާރު ގަދަކުރުމަކީ ބަލްކަން ސަރަހައްދުގެ ސުލްހައަށް އެޅޭނެ ހުރަހަކަށް ވާނެ އެވެ.
ވެރިރަށް ބެލްގްރޭޑާ ކައިރީގައި އޮންނަ އަސްކަރީ މަރުކަޒެއްގައި އިއްޔެ އާންމުންނަށް ދައްކައިލި ހަތިޔާރުތަކުގެ ތެރޭގައި، ޗައިނާގައި އުފައްދާފައިވާ މިސައިލް ނިޒާމުތަކުގެ އިތުރުން، ފަރަންސޭސި ވިލާތުގައި އުފައްދާފައިވާ މިސައިލް ނިޒާމުތައް ވެސް ހުއްޓެވެ. އޭގެ އިތުރުން ޗައިނާގައި އުފައްދާފައިވާ އަސްކަރީ ޑްރޯންތަކާއި ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ހިމެނެ އެވެ.
އަސްކަރީ ހަތިޔާރުތައް ދައްކައިލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސާބިއާގެ ރައީސް އެލެގްޒެންޑްރާ ވޫޗިޗް ވިދާޅުވީ ސާބިއާގެ އަސްކަރިއްޔާއާ މެދު އޭނާ ފަޚުރުވެރިވާ ކަމަށެވެ. އަދި އަސްކަރިއްޔާ އިން ހޯދަމުން އަންނަ ކުރިއެރުމާ މެދު ވެސް ފަޚުރުވެރިވާ ކަމަށް ވިދާޅުވި އެވެ.
މި ދައްކައިލުމުގައި، 2017 ވަނަ އަހަރު ރަޝިޔާ އިން ސާބިއާ އަށް ހަދިޔާކޮށްފައިވާ މިގް-29 މަރުކާގެ ހަނގުރާމަތީ މަތިންދާބޯޓުތަކުގެ ހުނަރު ދައްކައިލުމުގެ އުދުހުންތަކެއް ވެސް އޮތެވެ. ރައީސް ވޫޗިޗް ވިދާޅުވީ އަސްކަރީ ގޮތުން ބާރު ގަދަ ކުރުމަކީ އެއްވެސް ބަޔަކަށް ކުރިމަތިވާނެ ނުރައްކަލެއް ނޫން ކަމަށާއި، އެއީ ގައުމާ ދެކޮޅަށް ބަޔަކު ދީފާނެ އުދުވާނަކުން ދިފާއުވުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
ސާބިއާ އިން ވަނީ ވިލާތުގެ އިއްތިހާދުގެ މެންބަރުކަން ހޯދުމަށް އެދި ރަސްމީކޮށް ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް އެ ގައުމަށް އާންމުކޮށް ގަންނަނީ ރަޝިޔާ އާއި ޗައިނާގައި އުފައްދާފައިވާ ހަތިޔާރުތަކެވެ. އޭގެ ތެރޭގައި، ރަޝިޔާގެ ޓީ-72 މަރުކާގެ ޓޭންކުތަކާއި މިގް-29 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި މީ-35 މަރުކާގެ ހެލިކޮޕްޓަރާއި، ޗައިނާގެ ޑްރޯން މަތިންދާބޯޓުތައް ހިމެނެ އެވެ