ޒިއުރިކް، ސްވިޒަލެންޑް (މާޗް 25) - ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާއާ ގުޅޭ އިތުރު މައްސަލަތަކެއް ބަލައި އޭނާ ހަ އަހަރާއި އަށް މަހަށް ފުޓްބޯޅަ ހަރަކާތްތަކުން ސަސްޕެންޑްކުރަން ނިންމައިފި އެވެ.
އިއްޔެ ބްލެޓާގެ އިތުރުން ފީފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭ ވެސް ވަނީ އެ މުއްދަތަށް ސަސްޕެންޑްކުރަން ނިންމައިފަ އެވެ. އުމުރުން 85 އަހަރުގެ ބްލެޓާ މި ވަގުތު ވެސް ހުރީ ސަސްޕެންޝަނެއްގަ އެވެ. އެ ސަސްޕެންޝަނުގެ މުއްދަތު ހަމަވާނީ މި އަހަރު އޮކްޓޫބަރު މަހު އެވެ. އޭގެ ފަހުން އިއްޔެ ދިން ސަސްޕެންޝަނަށް އަމަލުކުރަން ފަށާއިރު، މިހާރު އޮތްގޮތުން އޭނާ އެއްކޮށް މިނިވަން ވާނީ 2028 ވަނަ އަހަރު އެވެ.
ބްލެޓާ ވަނީ 17 އަހަރު ފީފާ ރައީސްގެ މަގާމު ފުރުއްވައިފަ އެވެ. އެއީ 1998 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2015 ވަނަ އަހަރުގެ ޑިސެމްބަރާ ހަމައަށެވެ. ފީފާއިން 2015 ވަނަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހު ބެލްޓާ އާއި ޔޫއޭފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓިނީ ފުރަތަމަ ސަސްޕެންޑްކުރީ އަށް އަހަރަށެވެ. އެހެން ނަމަވެސް ފީފާ އެތިކްސް ކޮމިޓީން ވަނީ އެ ސަސްޕެންޝަން ހަ އަހަރަށް ކުޑަކޮށްދީފަ އެވެ. އެއީ އިންސާފުވެރިގޮތަކަށް ދީފައިވާ އަދަބެއް ނޫން ކަމަށް ވިދާޅުވެ، ޕްލެޓިނީ އާއި ބްލެޓާ ވަނީ އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅައިފަ އެވެ. އެކަމަކު ސީއޭއެސް އިން އެ މައްސަލަ ބޭރުކޮށްލީ އެވެ.
އުމުރުން 60 އަހަރުގެ ވަލްކޭ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ސަބަބުން 2016 ވަނަ އަހަރު ވަނީ ފުޓްބޯޅައިގެ ހަރަކާތްތަކުން 12 އަހަރަށް ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު ފަހުން އެ އަދަބަށް ލުއިދީ 10 އަހަރަށް ބަދަލުކުރިއިރު، ފަހުން އިތުރު ލުއިތަކެއް ހޯދަން ސީއޭއެސް އަށް ހުށަހަޅައިގެން ވެސް ވަލްކޭ އަށް ކާމިޔާބެއް ނުވި އެވެ. އެ އަދަބު ތަންފީޒުކޮށް ހަމަވާނީ 2025 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އިއްޔެ ދިން ސަސްޕެންޝަނަށް ވަލްކޭ އަމަލުކުރަން ފަށާނީ އެ އަށް ފަހު އެވެ.
ފީފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބްލެޓާ އާއި ވަލްކޭ އަށް މި އަދަބު ދޭން ނިންމީ ފީފާގެ މުބާރާތްތަކަކާ ގުޅޭ ބޯނަސް ތަކެއްގެ ސިފައިގައި ރިޝްވަތުގެ ފައިސާ ދައުރުކުރި މައްސަލައިގަ އެވެ. ތަހުގީގަށް ސާބިތުވި ގޮތުގައި ބްލެޓާ އަށް ވަނީ ބޯނަސްތަކެއްގެ ގޮތުގައި 18 މިލިއަން ޕައުންޑް (24 މިލިއަން ޑޮލަރު) ލިބިފަ އެވެ. އޭނާ ވަނީ 2010 އިން 2014 ވަނަ އަހަރުގެ މުއްދަތުގެ ތެރޭގައި ފީފާގެ އިސް އޮފިޝަލުންތަކަކަށް ބޯނަސްގެ ގޮތުގައި ވަކި މަންފާތަކެއް ހާސިލްކުރަން ގިނަ އަދަދެއްގެ ފައިސާދީފަ އެވެ.
އެކަމުގައި ބައިވެރިވުމުގެ އިތުރުން ވަލްކޭ އާއި އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ހޫލިއޯ ގްރޮޑޮންނާ އަދި ފީފާގެ ކުރީގެ ފިނޭންސް ޑިރެކްޓަރު މާކަސް ކެޓްނާ ގުޅިގެން ވަނީ ސްކީމެއް ތައާރަފްކޮށް މިގޮތަށް ލިބޭ ފައިސާތައް ދައުރުކުރަން ގޮތްތަކެއް ކަނޑައަޅައިފަ އެވެ. މި ފައިސާތައް ދައުރު ކުރުމުގައި އިސް މޭސްތިރިއަކީ ކެޓްނާ އެވެ. އޭނާ ވަނީ ފީފާގެ މާލީ ތަފާސްހިސާބުތަކުން މި ބޯނަސްތަކާ ބެހޭ މައުލޫމާތުތައް އުނިކޮށްފަ އެވެ. އަދި އަހަރަކު އެއް ފަހަރު ފީފާ އޮޑިޓްކުރާއިރު، އެ މީހުންނަށް ވެސް ފައިސާ ދީގެން އެކަންކަން ނުބަލަން އަންގައިފަ އެވެ.