މި އަހަރުގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ގަތަރަށް ދިނުމަކީ ހެއްދެވުނު ގޯހެއް ކަމަށް އެ ފުރުސަތު ގަތަރަށް ދިން އިރު ފީފާގެ ރައީސްގެ މަގާމުގައި ހުންނެވި ސެޕް ބްލެޓާ ވިދާޅުވެއްޖެ އެވެ.

ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު 2010 ވަނަ އަހަރު ގަތަރަށް ލިބުނީ ފީފާގެ އެގްޒެކެޓިވް ކޮމިޓީގައި ނެގި ވޯޓުގައި އެމެރިކާއާ ވާދަކޮށް 14-8 ވޯޓުން ކުރި ލިބުމުންނެވެ.

"އެއީ ގޯހެއް،" ބްލެޓާ ވިދާޅުވި އެވެ.

"ގަތަރަށް ވޯލްޑް ކަޕް ލިބުނީ އަހަރެންގެ ރައީސްކަމުގައި ނިންމި ނިންމުމެއްގެ ސަބަބުން. އެހެންވެ އެކަމުގެ ކޮންމެވެސް ވަރެއްގެ ޒިންމާއެއް އަހަރެން ވެސް ނަގަން،" ބްލެޓާ ވިދާޅުވި އެވެ.

އޭރު ވެސް ގިނަ ބަޔަކު ވަނީ ގަތަރަށް ވޯލްޑް ކަޕް ހޯސްޓިން ރައިޓްސް ދޭން ނިންމީ ކޮރަޕްޝަނުގެ ދަށުން ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ފަހުން ފީފާ އިން ވަނީ ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައެޅުން، ފީފާގެ ކޮންގްރެސްގައި ހުރިހާ ގައުމެއްގެ މެދުގައި ނަގާ ގޮތަށް ބަދަލުކޮށްފަ އެވެ.

ބްލެޓާ ވިދާޅުވީ މި އަހަރުގެ ވޯލްޑް ކަޕް ބާއްވަން އޭނާ ވޯޓު ދެއްވީ އެމެރިކާ އަށް ކަމަށެވެ. އަދި އޭނާ ވަނީ ގަތަރު ކޮޅަށް ވޯޓުތައް އަނބުރާލެއްވީ އޭރުގެ ޔުއެފާގެ ރައީސް މިޝޭލް ޕްލެޓިނީ ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

ބްލެޓާ ވިދާޅުވީ ގަތަރަށް ވޯޓު ދޭން ޕްލެޓިނީ އަށް އެންގެވީ ފްރާންސްގެ އޭރުގެ ރައީސް ނިކޮލަސް ސާކޯޒީ ކަމަށެވެ.

އެކަމަކު ޕްލެޓިނީ ވަނީ އެ ވާހަކަތައް ކުރިން ދޮގުކުރައްވައިފަ އެވެ.

ޕްލެޓިނީ ވިދާޅުވީ ސާކޯޒީ އާއި ގަތަރުގެ އޭރުގެ ވަލީއަދުހު ޝެއިޚް ތަމިން ބިން ހަމަދު އަލް ތާނީއާ އެއްކޮށް ވޯޓުގެ ކުރިން އޮތް މެންދުރުގެ ކެއުމަކަށް ވަޑައިގެންނެވި ކަމަށާއި އެކަމަކު ވަކި ގައުމަކަށް ވޯޓު ދޭން ސާކޯޒީ ވިދާޅުނުވާ ކަމަށެވެ.

"އެކަމަކު އަހަންނަށް އިހުސާސްކުރެވުނު ސާކޯޒީ ތާއީދުކުރައްވަނީ ގަތަރަށް ކަން،" ޕްލެޓިނީ ތަހުގީގަށް ވިދާޅުވެފައިވެ އެވެ.

ބްލެޓާ އާއި ޕްލެޓިނީ އަށް ވަނީ ކޮރަޕްޝަނުގެ އެހެން މައްސަލައެއްގައި މީގެ ކުރިން ފުޓްބޯޅައިން ސަސްޕެންޑްކޮށްފަ އެވެ.

ގަތަރުގައި ވޯލްޑް ކަޕް ބާއްވާތީ ވަރަށް ގިނަ މައްސަލަތައް ވަނީ ނުކުމެފަ އެވެ. އެގޮތުން އާއްމުކޮށް ވޯލްޑް ކަޕް ބާއްވާ ހޫނު މޫސުމުގައި ގަތަރަށް އާދަޔާހިލާފާށް ހޫނުވާނެތީ މުބާރާތް ވަނީ ނޮވެމްބަރު/ ޑިސެމްބަރަށް ފަސްކޮށްފަ އެވެ. އޭގެ ސަބަބުން ޔޫރަޕުގެ ކްލަބް ފުޓްބޯޅަ ކަލަންޑަރަށް ވަނީ ބުރޫ އަރައިފަ އެވެ.

އަނެއްކޮޅުން ގަތަރުގައި، ވޯލްޑް ކަޕް ބަލަން ދާ އެންމެންނަށް ބޭނުންވާ އެކޮމަޑޭޝަން ނެތުމުން ބައެއް ސަޕޯޓަރުންނަށް ވަނީ ކައިރީ ގައުމުތަކުގައި ތިބެފައި ޝަޓްލް ފްލައިޓުގައި ގަތަރަށް ދާށެވެ.

މީގެ އިތުރުން ގަތަރުގައި ބިދޭސީ މަސައްކަތްތެރިންނާ މެދު އިހާނެތިކޮށް ކަންތައް ކުރާ ކަމަށް ބުނެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ވަނީ ގަތަރާ ދެކޮޅަށް ތެދުވެފަ އެވެ.