ބީއެމްއެލް އިން މ. މުލީގައި ސެލްފް ސާވިސް ސެންޓަރެއް އިއްޔެ ހުޅުވައިފި އެވެ.

މި ސެންޓަރުގައި ބޭންކުން ވަނީ ދެ އޭޓީއެމް ބަހައްޓައިފަ އެވެ. މިއާ އެކު އެރަށުގެ ރައްޔިތުންނާއި ކައިރި ރަށްރަށުގައި ދިރިއުޅޭ މީހުންނަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

މީގެ އިތުރުން ޗެކު ޖަމާކުރުމާއި ބިލުތަކަށް ފައިސާ ދެއްކުމާއި ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ވެސް މި ސެންޓަރުން ލިބޭނެ އެވެ.

ބީއެމްއެލްގެ ހިދުމަތްތައް ފުޅާކުރުމަށް އެ ބޭންކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން މިދިޔަ އަހަރު 10 ރަށެއްގައި އަލަށް ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ހުޅުވި އެވެ. އަދި އިތުރު ފަސް ރަށެއްގައި ބަހައްޓާފައި ހުރި އޭޓީއެމްތަކުން ސެލްފް ސާވިސް ހިދުމަތް ލިބޭނެހެން ވަނީ އަޕްގްރޭޑް ވެސް ކޮށްފަ އެވެ.

ބީއެމްއެލުން އަންނަނީ ރާއްޖޭގެ 20 އަތޮޅުގައި 35 ބްރާންޗާއި 67 ސެލްފް ސާވިސް ސެންޓަރާއި 128 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ހިދުމަތް ދެމުންނެވެ.