ލަވަކިޔުންތެރިޔާ ސެލީނާ ގޮމެޒް ފަލަވާތީ މީހުން ދައްކާ ވާހަކައަށް ރައްދު ދީ، އޭނާ ތަހަންމަލްކުރާ "ލޫޕަސް" ބައްޔަށް ހޭލުންތެރިކަން އިތުރު ކުރުމަށް ވާހަކަ ދައްކާތީ ގިނަ ބައެއްގެ ތައުރީފް ލިބިއްޖެ އެވެ.
ލޫޕަސް ބައްޔަކީ ހަށިގަނޑުގެ ދިފާއީ ބާރު ހައިޕާއެކްޓިވްވެ، ހަށިގަނޑުގައި ހުންނަ ޓިޝޫތަކަށް ހަމަލާދޭ އޮޓޯއިމިއުން ބައްޔެކެވެ. އެ ބައްޔަށް، އަދި މިހާތަނަކަށް އެއްވެސް ފަރުވާ ނުހޯދެ އެވެ. އެކަމަކު، ބަލީގެ އަސަރު، ބޭހުން ކުޑަކޮށްދެ އެވެ.
ޑިޒްނީން ވިދާލި ސެލީނާ އަކީ ވެސް، ދުނިޔޭގެ އެކިކަންކޮޅުތަކުގައި، ގިނަ ބަޔަކު ތަހަންމަލު ކުރަންޖެހިފައިވާ މި ބަލީގެ ޝިކާރައަކަށް ވެފައިވާ މީހެކެވެ. މީގެ އަހަރުތަކެއް ކުރިން، ލޫޕަސް ބަލީގައި ސެލީނާ ވަނީ ކިޑްނީ ވެސް ބަދަލުކުރަންޖެހިފަ އެވެ.
އުމުރުން 30 އަހަރުގެ ސެލީނާ އަށް، ފަހަކަށް އައިސް ސޯޝަލް މީޑިއާގައި އަންނަނީ އޭނާގެ ސިފައަށް ގިނަ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އެކަމަށް ރައްދުދެމުން، ޓިކްޓޮކް ލައިވްއެއްގައި ސެލީނާ ބުނީ، އޭނާ ފަލަވަނީ ލޫޕަސް ބައްޔަށް ބޭނުންކުރާ ބޭހެއްގެ ސަބަބުން ކަމަށެވެ.
"އަމިއްލަ ހަށިގަނޑު ރަނގަޅަށް ބަލަހައްޓައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުން އަހަންނަށް މާ މުހިންމު. އަހަރެން ރަނގަޅު ސިއްހަތެއްގައި ހުރުމަށް އެހީވަނީ އެ ބޭސް ކެއުމުން. އެހެންވެ، އެ ބޭހަކީ އަހަންނަށް ވަރަށް މުހިންމު އެއްޗެއް،" ރީތިކަމަށް ވުރެ ސިއްހަތު ރަނގަޅަށް ހުރުން މުހިންމުކަން ފާހަގަކޮށް، ސެލީނާ ބުންޏެވެ.
އޭނާ މިގޮތަށް ވާހަކަ ދެއްކުން ވެފައިވަނީ، އެކި ކަންކޮޅުގައި ތިބި ލޫޕަސް ބަލީގެ މީހުންނަށް ލިބުނު ހިތްހަމަޖެހުމަކަށެވެ. އެ ބައްޔާ ގުޅިގެން ހަށިގަނޑަށް އަންނަ ބަދަލުތަކާ އެކު، ފާޑުކިއުން އަމާޒުވާ ގިނަ ބަޔަކު އުޅެ އެވެ. އެ މީހުންނަށް، ސެލީނާ ފަދަ މީހަކު، ބޮޑެތި ޕްލެޓްފޯމުތަކުގައި ލޫޕަސް އަށް ހޭލުންތެރިކޮށްދިނުން ވެފައި ވަނީ ވަރަށް މުހިންމު ކަމަށެވެ.
ލޫޕަސް ބަލީގެ ސަބަބުން ހަށިގަނޑަށް ވަރަށް ބޮޑެތި ގެއްލުންތައްވެ އެވެ. ހަންގަނޑާއި، ހުޅުތަކުގެ އިތުރުން އެތެރޭގެ ގުނަވަންތަކަށް ވެސް ގެއްލުންވެ އެވެ. ލޫޕަސް އަކީ އޭގެ އަސަރު ކިރިޔާ ވެސް ހުންނަ މީހުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ބައްޔެކެވެ.