ރ. ދުވާފަރުގެ ގުދަނަކުން ހަތް ހުއިފިލަނޑާ ވަގަށް ނެގި މީހަކު ހަތަރު މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ރ. ކަނދޮޅުދޫ، މަންދުއެދުރުގެ އާދިލް އަހުމަދުގެ މައްޗަށް ސާބިތުވީ މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު، ދުވާފަރުގެ "އޯޝަން ކިންގު" ގުދަނުން ހަތް ހުއިފިލަނޑާ ވަގަށް ނެގުމެވެ.

އޭނާ އަކީ ކުރިން ވެސް ވައްކަންކުރުމުގެ ކުށުގެ ރެކޯޑް އޮތް މީހެކެވެ.

އާދިލްގެ މައްޗަށް އިއްވި ހުކުމުގައި ބުނީ އޭނާ އަށް ކުރި ވައްކަމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމާއި އަވަސްނިޔާގެ އަޑުއެހުމުގައި އޭނާ އެ ކުށަށް އިއުތިރާފުވި ކަމަށެވެ. އެހެންވެ، އޭނާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކުރި އެވެ.

ނަމަވެސް، އޭނާ ބަންދުގައި ހުރި މުއްދަތު އުނިކޮށް، ޖަލުގައި ހުކުމް ތަންފީޒުކުރަން ޖެހެނީ ހަތަރު މަހާއި 22 ދުވަހަށެވެ.