ޗާންދަނީ މަގުގައި ހުރި ކުރީގެ އަރަބިއްޔާ ސްކޫލުން ބައެއް ސްކައުޓް އެސޯސިއޭޝަނަށް ދީފި އެވެ.

ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން ސްކައުޓް އެސޯސިއޭޝަން ހިންގަމުން އައީ އެފްއޭއެމް ހުންނަ އިމާރާތުގަ އެވެ.

ސްކައުޓް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި މިހާރު ސްކައުޓްގެ ޑެޕިއުޓީ ޗީފް ކޮމިޝަން، ހުސެއިން މުހައްމަދު ހަނީޕް މިއަދު ވިދާޅުވީ ސްކައުޓް އެސޯސިއޭޝަން ހިންގަމުން އައި އެފްއޭއެމްގެ އިމާރާތް، އެތަނުގެ ބޭނުމަކަށް ނަގަން އެންގުމުން އެ އިމާރާތް ދޫކޮށްލީ ކަމަށެވެ.

އަދި މިހާރު އެޑިޔުކޭޝަން މިނިސްޓްރީން ކުރީގެ އަރަބިއްޔާގެ ދެ ކްލާސްރޫމް ސްކައުޓް އެސޯސިއޭޝަނަށް ދީފައިވާ ކަމަށާއި މިހާރު އެ ތަނަށް ބަދަލު ވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލު ހިންގަމުން އައި ހަތް ބުރީގެ އެ އިމާރާތް ހުޅުވިތާ އަށް އަހަރު ފަހުން އެ ސްކޫލުގެ ތަނބުތަކުގައި ބޮޑެތި ރެނދުތަކެއް ލައި ވަރަށް ބޮޑަށް ވަނީ ހަލާކުވެފަ އެވެ. އެ އިމާރާތް ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ނުވާތީ ދަރިވަރުން މިހާރު ވަނީ އެހެން އިމާރާތަކަށް ބަދަލުކޮށްފަ އެވެ.

ރެނދުލައި ހަލާކުވެފައިވާ އިމާރާތަކުން ބައެއް ސްކައުޓަށް ދޭން ނިންމިއިރު، ރާއްޖޭގައި ސްކައުޓް އުފެދުނުތާ 66 އަހަރަށް ވުރެ ގިނަ އަހަރު ވެފައި ވާއިރު ވެސް ސްކައުޓް ހަރަކާތްތައް ހިންގަން އިމާރާތެއް ނެތުމުގެ ކަންބޮޑުވުން އަބަދު ވެސް އޮވެ އެވެ.