ދަ ސްކައުޓް އެސޯސިއޭޝަން މޯލްޑިވްސް އާއި ވޯލްޑް ސްކައުޓް ބިއުރޯ އޭޝިއާ ޕެސިފިކް ސަޕޯޓް ސެންޓަރު ގުޅިގެން ބާއްވާ އޭޝިއާ ޕެސިފިކް ރީޖަނަލް ވޯކްޝޮޕް ފަށައިފި އެވެ.
އެ ވޯކްޝޮޕަކީ 2022 އިން 2025 އަށް އެކުލަވާލާފައިވާ އޭޝިއާ ޕެސިފިކް ރީޖަނަލް ޕްލޭންގައި ހިމެނޭ ނެޝެނަލް ސްކައުޓް އޮގަނައިޒޭޝަންގެ ކެޕޭސިޓީ އިތުރުކޮށް ކޮމިއުނިކޭޓުކުރުން ހަރުދަނާ ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑީގެ ދަށުން ހިންގާ ވޯކްޝޮޕެކެވެ. ވޯކްޝޮޕުގައި ބައިވެރިންނަށް ތަމްރީނު ދޭނީ ކާރިސާތަކުގައި މުއާމަލާތް ކުރުމަށާއި ރެޕިއުޓޭޝަން މެނޭޖުކުރުމާ ގުޅޭގޮތުންނެވެ.
ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ނަޒީފް ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގެ ދައުރު ބޮޑުވެ، މުއާމަލާތްތައް ފަސޭހައިން ކުރެވެން އޮތް ޒަމާނެއްގައި ކާރިސާގެ ދަނޑިވަޅުގައި އެކަން މެނޭޖުކުރުމަށް އެ ފަދަ ޕްލެޓްފޯމުތަކުގެ ބޭނުން ހިފައި މުއާމަލާތްތައް ކުރަންވީ ގޮތްތައް ދަސްކުރުމަކީ މުހިންމު ކަމެކެވެ. އަދި ކާރިސާއަކުން އަރައިގަތުމަށް ވެސް މުއާމަލާތްތައް ކުރުމުގެ ދައުރު މުހިންމު ކަމަށާއި ސްކައުޓް ފަދަ އޮގަނައިޒޭޝަނެއް އެ ތަމްރީނުތައް ލިބިފައި ހުރި މީހުން ތިބެން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ރީޖަނަލް ޑިރެކްޓަ ވޯލްޑް ސްކައުޓް ބިއުރޯ އޭޕީއާރު، ޖޭއާރް ޕަންގްލިނިން ވެސް ވަނީ އެ ފަދަ ވޯކްޝޮޕެއްގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ.
"އެންއެސްއޯތަކަކީ ނިސްބަތްވާ ތަނުގެ އެތެރޭގެ ގިނަ ކާރިސާތަކެއް މެނޭޖުކުރުމަށް ހަރަކާތްތެރިވާ ބައެއް. އަދި ދުނިޔެއަށް ދިމާވާ ގިނަ ކަރިސާތަކެއްގައި ވެސް އަޅުގަނޑުމެންނަކީ މުހިންމު ދައުރެއް އަދާކުރުމަށް ނުކުންނަ ބައެއް. މި ފަދަ ޓްރެއިނިން މުހިންމު ވަނީ އެހެންވެ. މި ތަނުން އެކަކު އަނެކަކުގެ ކިބައިން ވެސް މުހިންމު ކަންތައްތައްތަކެއް ދަސްވާނެ." އޭނާ ވިދާޅުވި އެވެ.
ސްކައުޓުންގެ އޭޝިއާ ޕެސިފިކް ރީޖަނަލް ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިދިޔަ އަހަރު ބޭއްވި ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގައި ސްކައުޓިން ކުރިއަރުވައި ތަރައްގީކުރުމަށް މަސައްކަތްކުރި ސްކައުޓް ފާހަގަކޮށް، އެ މަސައްކަތްތައް އަގުވަޒަން ކުރުމުގެ ގޮތުން ދޭން ނިންމާފައިވާ ސެޓްފިކެޓް ލިބުނު ސްކައުޓަށް އެ ސެޓްފިކެޓު ވަނީ ހަވާލުކޮށްފަ އެވެ.
"ސެޓްފިކެޓް އޮފް ގުޑް ސާވިސް ޓު ދަ އޭޝިއާ ޕެސިފިކް ރީޖަން" ސެޓްފިކެޓް ލިބިފައި ވަނީ ހުސެއިން މުހައްމަދު ހަނީފަށެވެ. އޭނާ ވަނީ 2018 އިން 2021 އަށް ޕްރެޒިޑެންޓް އޮފް ސޭމްގެ މަގާމުގައި ހުންނަވައިގެން ސްކައުޓިން ކުރިއެރުވުމަށް މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ފާއިތުވި އަހަރުތަކުގައި ގައުމީ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސްކައުޓިން ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެ، އެ ހަރަކާތްތައް އިންތިޒާމުކޮށް ހިންގުމުގައި ވެސް މުހިންމު ދައުރެއް އަދާ ކުރައްވާފައިވެ އެވެ.
އޭޝިއާ ޕެސިފިކް ރީޖަނަލް ވޯކްޝޮޕްގައި ވޯކްޝޮޕުގައި ސްކައުޓްގެ ބްރޭންޑާއި އަގު ހިފަހައްޓާނެ ގޮތާއި ނެޝަނަލް ސްކައުޓް އޮގަނައިޒޭޝަނުން ކްރައިސިސް މެނޭޖުކޮށްފައިވާ އެންމެ ރަނގަޅުގޮތްތައް ދަސްކޮށްދޭނެ އެވެ. އަދި ކާރިސާގެ ހާލަތްތަކުގައި ވޯލްޑް ސްކައުޓް ބިއުރޯ އޭޝިއާ ޕެސިފިކް ސަޕޯޓް ސެންޓަރުން ސަޕޯޓް ހޯދާނެ ގޮތާއި ސަޕޯޓް ދޭންވީ ގޮތްތަކާއި ނެޝަނަލް ސްކައުޓް އޮގަނައިޒޭޝަނުން ކާރިސާތަކުގައި މުއާމަލާތް ކުރަންވީ ގޮތުގެ ކޮމިއުނިކޭޝަން ޕްލޭނެއް ވެސް އެކުލަވާލާނެ އެވެ.
ވޯކްޝޮޕް ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.