ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރަކަށް މައީދު މުހައްމަދު ޒާހިރު ރޭ އައްޔަންކޮށްފި އެވެ.
ހިލޭ ސާބަހަށް މަސައްކަތް ކުރުމުގައި ފާހަގަކުރެވޭ މައީދަކީ އެ މަގާމު މިހާތަނަށް އަދާކުރައްވާ އެންމެ ޒުވާން ސްކައުޓެވެ.
މައީދު "މިހާރު" އަށް މިއަދު ވިދާޅުވީ، އެއީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި ނަމަވެސް އެންމެންގެ އެހީތެރިކަމާއެކު އެ ޒިންމާ އަދާކުރެވޭނެ ކަމަށެވެ. އަމާޒަކީ މިހާރަށް ވުރެ ބޮޑަށް ސްކައުޓް ހަރަކާތް ރާއްޖޭގައި ކުރިއަރުވައި، ބަދަލުވަމުންދާ ދުނިޔޭގައި ޒުވާނުންގެ ކުރިއެރުވުން އިތުރުކޮށް، ޒުވާނުންތަކެއް އުފެއްދުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އުންމީދަކީ ސަރުކާރުގެ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުން. އެ ގޮތުން ޔޫތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ހަރަކާތްތަކެއް ހިންގުން،" މައީދު ވިދާޅުވި އެވެ.
މައީދުގެ ޝައުގުވެރިކަން އިޖުތިމާއީ ހިދުމަތުގެ ދާއިރާ އަށް އުފެދުނީ 1996 ވަނަ އަހަރު އޭނާ ގްރޭޑް 2 ގައި އުޅުއްވި ދުވަސްވަރު ސްކައުޓު ހަރަކާތާ ގުޅިވަޑައިގެން ހިސާބުންނެވެ. އޭގެ ފަހުން 2008 ވަނަ އަހަރުން ފެށިގެން މައީދު ވަނީ ސްކައުޓުގައި ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފައްޓަވައިފަ އެވެ. ސްކައުޓުގައި ލީޑަރެއްގެ ގޮތުގައި ކުރެއްވި އެންމެ ބޮޑު ކަމަކީ ސްކައުޓް އެސޯސިއޭޝަނުގެ ޔޫތު ޕްރޮގްރާމް ތަރައްގީ ކުރެއްވުމުގެ މަސައްކަތެވެ.
މައީދު ވަނީ ވޯލްޑް އޮގަނައިޒޭޝަން އޮފް ދި ސްކައުޓް މޫވްމަންޓުގެ ޔޫތު އެޑްވައިޒަރެއްގެ ހައިސިއްޔަތުން 2014 އިން 2017 އަށް ތިން އަހަރު ހިދުމަތް ކުރައްވައިފަ އެވެ. އޭގެ ކުރިން އޭނާ އުޅުއްވީ އެ މޫވްމަންޓުގެ އޭޝިއާ ސަރަހައްދުގެ ޔަންގް އެޑަލްޓްސް ގްރޫޕްގެ ޗެއާމަންގެ މަގާމުގަ އެވެ.
މައީދަށް ވަނީ ސްކައުޓް ހަރަކާތުގައި ލިބޭ އެންމެ މަތީ އެވޯޑް، ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް ބެޖު ވެސް ލިބިވަޑައިގެންފަ އެވެ. ދުނިޔޭގެ ސްކައުޓް ޖަމާއަތުގެ އޭޝިއާ ސަރަހައްދުން 2019 ގައި ހޮވި "އައުޓްސްޓޭންޑިން" ފަސް ސްކައުޓުން ތެރޭގައި ވެސް މައީދު ހިމެނެ އެވެ.
ތިމާވެށީ ތަޖުރިބާކާރު، އެންވަޔަރުމެންޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ގެ ބޭފުޅެއް ކަމަށްވާ މައީދު ގެންދަވަނީ 2013 ވަނަ އަހަރުން ފެށިގެން ދިވެހި ރެޑްކްރެސެންޓުގައި މަސައްކަތް ކުރައްވަމުންނެވެ. އޭނާއަކީ ތިމާވެއްޓަށް ހިދުމަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ "އީކޯކެއާ މޯލްޑިވްސް" ގެ ވެސް އިސް މެމްބަރެކެވެ.
އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން، ޒުވާނުންގެ ތަރައްގީއަށާއި ޒުވާނުން ބިނާކުރުމަށާއި ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން މައީދަށް 2020 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ސަރުކާރުން ވަނީ ދީފަ އެވެ.