ސިއްހީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް އެހީތެރިވުމުގެ ބޭނުމުގައި، ނާސިން ސްކޮލަޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ޓްރީ ޓޮޕް ހޮސްޕިޓަލުން ހުޅުވާލައިފި އެވެ.
އެ ފުރުސަތު ލިބޭނީ، މިއަހަރުގެ ސެޕްޓެމްބަރު އިންޓޭކަށް ކުރިމަތިލަން ބޭނުންވާ ފަރާތްތަކަށެވެ.
އެ ޕްރޮގްރާމް 2021 ވަނަ އަހަރު ތައާރަފުކުރި ފަހުން، މިހާތަނަށް ޖުމްލަ 23 ފަރާތަކަށް ވަނީ ނާސިން ސްކޮލަޝިޕް ފޯރުކޮށްދީފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެ ޕްރޮގްރާމުގެ ދަށުން ތައުލީމާއި ތަމްރީނު ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން 12 ނަރުހުން މިހާރު ވެސް އެ ހޮސްޕިޓަލުގައި ހިދުމަތް ދެމުން އަންނަ ކަމަށެވެ. މިއީ މި ޕްރޮގްރާމުގެ ސަބަބުން ގާބިލު ދިވެހި ނަރުހުން ބިނާކުރުމަށް ލިބިފައިވާ ބޮޑު ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ސްކޮލަޝިޕްގެ ދާއިރާތަކާއި ޝަރުތުތައް:
މިއަހަރުގެ ސްކޮލަޝިޕް ފުރުސަތު ހުޅުވާލާފައިވަނީ ވިލާ ކޮލެޖުގައި ހިންގާ ދެ ޕްރޮގްރާމަކަށެވެ. އެއީ ބީއެސްސީ (އޮނާސް) ނާސިން (އިންޓަނޭޝަނަލް) ޓޮޕް-އަޕް އަދި ތިން އަހަރުގެ ޑިޕްލޮމާ އިން ނާސިން ކޯހަށެވެ. އެ ފުރުސަތަށް އެދި ހުށަހެޅޭނީ ދިވެހި ރައްޔިތުންނަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މިއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށް ޓްރީ ޓޮޕުން ބުންޏެވެ. ސްކޮލަޝިޕް އެދޭ ފަރާތަކީ އެހެން އެއްވެސް މުއައްސަސާއަކުން ތައުލީމީ ސްކޮލަޝިޕެއް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެ އެވެ.
އެ ހޮސްޕިޓަލްގެ ސީއީއޯ ޑރ ސްރީވަޓްސަން ސްރިދާރް ޖީ ވިދާޅުވީ، ސިއްހީ ދާއިރާގައި ނަރުހުންގެ ދައުރު ވަރަށް މުހިއްމު ކަމަށާއި އެ ހޮސްޕިޓަލުގެ އެ ސްކޮލަޝިޕްގެ ތެރެއިން ބޭނުންވަނީ ހުނަރުވެރި ނަރުހުންނަށް ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށެވެ.
"ވިލާ ކޮލެޖާ ގުޅިގެން ހިންގާ މި ސްކޮލަޝިޕް ޕްރޮގްރާމަކީ ހުނަރުވެރިކަން ތަރައްގީކުރުމަށާއި ކިޔެވުމުގެ ތެރެއިން ދަރިވަރުންނަށް އެއްބާރުލުން ދިނުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެ ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ މުއްދަތަކީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ. ޝައުގުވެރިވާ ފަރާތްތަކުން، [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.