ދިވެހި ގިނަ ޒުވާނުން "ޖިހާދު"ގެ ނަމުގައި ހަނގުރާމަ ކުރުމަށް ބޭރު ގައުމުތަކަށް ދަނީ އެ ގައުމުތަކުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާ ގުޅިގެން ޖަޒުބާތުގައި ޖެހިގެން ކަމަށް ގިނަ ދީނީ އިލްމުވެރިން ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން މިދިިޔަ ހަފުތާގައި ބޭއްވި އިލްމުވެރިންގެ ހަތަރު ވަނަ މަހާސިންތާގައި، ޖިހާދާ ގުޅުން ހުރި ގިނަ ކަންކަމާ މަޝްވަރާކޮށް އެކަމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު ވަނީ ވާހަކަ ދައްކަވާފަ އެވެ.
ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ބައިވެރިވެ ވަޑައިގެންނެވި އެ މަހާސިންތާ އިއްޔެ ނިންމައި، ހުށަހެޅި ލަފާތަކުގެ ތެރޭގައި، ދިވެހި ގިނަ ޒުވާނުން "ޖިހާދު" ކުރުމަށް ބޭރު ގައުމުތަކަށް ދަނީ މުސްލިމުންނަށް ކުރިމަތިވާ އަނިޔާތަކާ ގުޅިގެން ޖަޒުބާތުގައި ޖެހިގެން ކަމަށް ބަލައި، އެ ކަންކަން ހުއްޓުވުމަށް، އަނިޔާ ލިބޭ މުސްލިމުންނަށް އެހީވުމަށް ކަމާ ބެހޭ ފަރާތްތަކުން ރަސްމީކޮށް މަަސައްކަތް ކުރުމަށް ގޮވާލާފައި ވެ އެވެ.
އަދި އެކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް، ކަމާ ބެހޭ ފަރާތްތަކުން އެޅުމަށް އެ ލަފާގައި ވެ އެވެ.
"ﷲގެ އިންތައް ފަހަނަ އަޅައި ނުދާށެވެ."ގެ ޝިއާރުގެ ދަށުން ތިން ދުވަހަށް ބޭއްވި އެ މަހާސިންތާގައި އިލްމުވެރިން ފާހަގަ ކުރެއްވި ގޮތުގައި ހަރުކަށި ވިސްނުމާއި ޖިހާދުގެ ނަމުގައި ހިންގާ ނުރަނގަޅު ހަރަކާތްތަކުގައި ބައިވެރިވުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ އެކަމާ ގުޅޭ ގޮތުން ރަނގަޅު މައުލޫމާތު ނުލިބުމެވެ.
އެހެންވެ، ތައުލީމީ މަރުހަލާގެ ތެރެއިން ޖިހާދުގެ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް ވެސް މަހާސިންތާގައި ލަފާ ދީފައި ވެ އެވެ. އަދި ޖިހާދުގެ ނަމުގައި ހިންގާ އިސްލާމީ ޝަރީއަތާ ހިލާފު ކަންކަން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅައި، އެކަމާ ގުޅޭ ގޮތުން ސައްހަ މައުލޫމާތު ދިނުމަށް ވެސް ގޮވާލާފައި ވެ އެވެ.
މަހާސިންތާގައި އިލްމުވެރިން ވިދާޅުވީ ކަނޑައަޅާފައިވާ އިންތަކުން ބޭރުވުމަކީ ހައްދު ފަހަނައަޅައި ދިޔުން ކަމުގައިވާ ފަދައިން، ދީނުގައި ކަނޑައަޅާފައިވާ ވާޖިބުތަކާއި އުސޫލުތަކަށް އަމަލު ނުކުރުމަކީ ވެސް ހައްދު ފަހަނައަޅައި ދިޔުން ކަމަށެވެ. އެހެންވެ، ދީނާ ހިލާފު ކަންކަން ފަރުދީ އަދި ގައުމީ ފެންވަރުގައި ނުކުރުމަށް ގޮވާލައްވާފައި ވެ އެވެ.
އޭގެ އިތުރުން މޫނު ބުރުގާ އެޅުމާއި ތުނބުޅި ދިގު ކުރުމާއި ތަނބި ކައްޓާ ހަމަ އަށް ފަޓުލޫނުގެ ފައިކުރި ބެހެއްޓުމަކީ ދީނުގައި އޮތް ކަންކަމަށް ވާތީ، އެއީ ހައްދު ފަހަނައަޅައި ދިޔުން ނޫން ކަމަށާއި ދީނުގައި އޮންނަ ގޮތަށް އަމަލު ކުރާ މީހުންނަކީ ހައްދު ފަހަނައަޅައިފައިވާ ބައެއް ކަމަށް އެއްވެސް ފަރާތަކުން ނުދެކުމަށް ވެސް އިލްމުވެރިން އެދިވަޑައިގެންފައި ވެ އެވެ.
ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގައި ބައިވެރިވާން ރާއްޖޭގެ ބައެއް މީހުން ބޭރަށް ގޮސްފައިވާ އިރު އޭގެ ތެރެއިން ބައެއް މީހުން މަރު ވެސް ވެފައި ވެ އެވެ.