ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ބައިނަލްއަގްވާމީ އިސްލާމިކް ކޮންފަރެންސް މި މަހުގެ 19 ގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.
އިސްލާމިކް ޔުނިވަސިޓީން އިންތިޒާމްކުރާ "އިސްލާމީ ހޭލުމުގެ ބައިނަލްއަގްވާމީ މަހާސިންތާ: ތަފާތު ހުރެމެ އެއްބައިވަންތަ މުޖުތަމައެއް" ނަމުގައި ކޮންފަރެންސް ބާއްވަން ހަމަޖައްސާފައިވަނީ މި މަހުގެ 19 އަދި 20 ގަ އެވެ.
އިސްލާމިކް ޔުނިވަސިޓީގައި މިއަދު ބޭއްވި ހަފްލާއެއްގައި، އެ ޔުނިވަސިޓީގެ ސެންޓާ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. ދީބާ މޫސާ ވިދާޅުވީ އިސްލާމިކް ކޮންފަރެންސްގައި ދިވެހި 29 އިލްމުވެރިއަކާއި ދުނިޔޭގެ އެކި ގައުމުތަކުގެ ޔުނިވަސިޓީތަކުން 27 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ބޭރުގެ ބޭފުޅުންގެ ތެރޭގައި ހިމެނެނީ:
- ޕްރޮފެސާ މުހައްމަދު އައްލާމުއް ޝައުކާނީ، ވައިސް ރެކްޓާ، އިމާމް މުހައްމަދު އިބްނު ސައުދު ޔުނިވަސިޓީ، ސައުދީ އަރަބިއްޔާ
- ޕްރޮފެސާ މުހައްމަދު ހުސެއިން އަހްމަދު، ޑެޕިއުޓީ ރެކްޓާ، ސުލްތޯން ޝަރީފް އަލީ އިސްލާމިކް ޔުނިވަސިޓީ، ބުރޫނާއީ ދާރުއްސަލާމް
- ޕްރެފެސާ ޔޫސުފް އަހްމަދު އަލް ޕްރަވީޝް، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ، ޕާކިސްތާން
- ޑރ. އަތާއުﷲ ސިއްދީގީ، ވިޒިޓިން ޕްރޮފެސާ، ޔުނިވަސިޓީ އޮފް ގްލްކޮޝަޔާ، އިނގިރޭސި ވިލާތް
- ޑރ. މައުރީކާ ބާޝީ، ޑިރެކްޓާ އޮފް ޕޯސްޓް ކޮލޯނިއަލް ސްޓަޑީޒް ރިސާޗް ސެންޓާ، އުސްކުދާރް ޔުނިވަސިޓީ، ތުރުކީ
- ޑރ. ޒައިނަބް އަލްވާނީ، ޕްރޮގްރާމް ޑިރެކްޓާ އެންޑް އެސޯސިއޭޓް ޕްރޮފެސާ އޮފް އިސްލާމިކް ސްޓަޑީޒް، ހާވާޑް ޔުނިވަސިޓީ، އެމެރިކާ
ދިވެހި، އިނގިރޭސި އަދި އަރަބި ބަހުން ކުރިއަށް ގެންދާ މި ކޮންފަރެންސް އަޑުއެހުމަށް ރާއްޖޭގެ އެކި ހިސާބުތަކުން 150 މީހުން ޒިޔާރަތްކުރާނެ ކަމަށް ވެސް ދީބާ ވިދާޅުވި އެވެ.
"އިސްލާމިކް ޔުނިވަސިޓީގެ ވަރަށް މުހިންމު މަގްސަދެއް އެއީ މި ދެންނެވި ކަލްޗާ ދިވެހިރާއްޖޭގައި ގާއިމްކުރަން މަސައްކަތް ކުރުމަކީ. އޭގެ އިތުރުން، އެކިއެކި މައުލޫމާތުތައް، ދިރާސާތަކާ ބެހޭ މައުލޫމާތުތައް މީހުންނަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބާރުލާފައި ކުރަމުން އަންނަ ކަމެއް ޔުނިވަސިޓީ އުފެދުނީއްސުރެ،" އޭނާ ވިދާޅުވި އެވެ.
އިސްލާމިކް ކޮންފަރެންސްގައި ދުނިޔެ އާއި ރާއްޖެ އަށް ދިމާވެފައިވާ ބޮޑެތި ދީނީ މައްސަލަތަކާ މެދު މަޝްވަރާކުރާނެ އެވެ. ދިރާސާ ކަރުދާސް ހުށަހެޅުމާއި ވޯކްޝޮޕްތައް އަދި ޕެނަލް ޑިސްކަޝަންތައް ހިމެނޭ މި ކޮންފަރެންސްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މައުލޫއުތަކުގެ ތެރޭގައި ޓެރަރިޒަމް ހުއްޓުވުމާއި އަންހެނުންނަށް ކުރާ އަނިޔާ އާއި ޖިހާދަށް ދިޔުން ފަދަ ކަންކަން ހިމެނެ އެވެ.