ރާއްޖޭގައި ސައިބާ ކުށްތައް ނުވަތަ އިންޓަނެޓާއި ޓެކްނޮލޮޖީ މެދުވެރިކޮށް ހިންގާ ކުށްތައް ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާއިރު، އޭގެ ތެރެއިން ވެސް ވިޔަފާރިއާ ގުޅޭ ސްކޭމްތައް އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސައިބާ ކުށްތައް މިއަހަރުގެ ތެރޭގައި 105 ޕަސެންޓަށް ވުރެ ވަނީ އިތުރުވެފަ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރިޕޯޓުކުރީ ސައިބާ ކުށްތަކުގެ 512 މައްސަލައެވެ. އެކަމަކު މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި އެ އަދަދު ވަނީ 1،053 އަށް އަރައިފަ އެވެ. އަދި މިހާރު 884 މައްސަލައެއް ތަހުގީގު ކުރަމުން ދާއިރު، ތަހުގީގު ނިންމުމަށްފަހު 457 މައްސަލަ ފައިލްކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ފުލުހުން ބުނީ ސައިބާ ކުށްތަކުގެ ނިސްބަތް އެހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖަކަށް އިތުރުވުން ކަމަށެވެ. އަދި ތަފާސްހިސާބުތަކުގައިވާ ގޮތުން ކުށްކުރާ ފަރާތްތަކުން އާންމުންގެ އަތުން ފައިސާ ފޭރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަަލައަކީ އޮންލައިން ޝޮޕިން ސްކޭމެވެ. އެގޮތުން އެފަދަ 464 މައްސަލައެއް މިއަހަރު ހުށަހަޅާފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި ހުށަހެޅީ 86 މައްސަލަ އެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް ވެސް ވަނީ 15 މައްސަލައިން 109 މައްސަލައަށް މިއަހަރު އިތުރުވެފަ އެވެ.
ފުލުހުން ބުނީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް ވެސް 83 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިއަހަރު 103 މައްސަލައެއް ހުށަހަޅާފައިވާއިރު މިދިޔަ އަހަރު ހުށަހެޅީ އެފަދަ 56 މައްސަލައެކެވެ.
ފުލުހުން ބުނީ ސައިބާ ކުށްތަކުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގެއްލޭ ފައިސާ އަނބުރާ ހޯދައިދިނުމަށް ފުލުހުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 182 މައްސަލައެއްގައި އާންމުންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެެ.
ފުލުހުން ބުނިގޮތުގައި ހެކްކޮށްފައިވާ ވައިބާ އާއި ވަޓްސްއެފް އަދި ފޭސްބުކް ފަދަ 120 އެކައުންޓެއް އަނބުރާ ހޯދައިދީފައިވާނެ އެވެ.
އެފަދަ ކުށްތަކަށް އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ވެސް ހިންގާއިރު މިހާތަނަށް އޮފީސްތަކާއި ބެލެނިވެރިން އަދި ދަރިވަރުން ހިމެނޭ ގޮތަށް 3،000 އަށް ވުރެ ގިނަ މީހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ނާޖާއިޒް ފައިދާ ނަގައިގެން ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކުގައި އާ އުކުޅުތައް ބޭނުންކުރަމުން އަންނަ ކަމަށެވެ. އެހެންވެ އެފަދަ ކުށްތައް ހުއްޓުވައި ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅޭ ކަމަށް ޝައްކުކުރެވިއްޖެނަމަ ނުވަތަ އެފަދަ އަމަލެއްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓް ކުރުމަކީ ކުށްވެރިން ހޯދުމަށާއި ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުންޏެވެ.