މާލީ ބޮޑު އަޑިގަނޑަކަށް ވެއްޓިފައިވާ އެފްއޭއެމުން، އެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ، ފީފާ އާއި އޭއެފްސީ އަށް ގެންދަން ސޭވް އެފްއޭއެމުން މަސައްކަތް ފަށައިފި އެވެ.

ސޭވް އެފްއޭއެމް ކޭމްޕޭނުގައި އުޅުއްވާ، އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމެންޓްގެ ކުރީގެ ހެޑް މުހައްމަދު އަމީޒު، ސޭވް އެފްއޭއެމް ގުރޫޕުގައި އެދިފައި ވަނީ އެ އެސޯސިއޭޝަނުން މުސާރަ ނުލިބި ތިބި މުވައްޒަފުންގެ މައުލޫމާތު އެއްކުރުމުގައި އެހީވުމަށެވެ.

މުސާރަ ނުލިބޭ މުވައްޒަފުންގެ ތެރެއިން މިހާރު އަދި ކުރީގެ މުވައްޒަފުންގެ މައުލޫމާތު އެއް ކުރުމަށް ފޯމެއް އެ ގުރޫޕްގައި ހިއްސާކޮށްފަ އެވެ.

އެފްއޭއެމް ރެފްރީސް ޑިޕާޓްމެންޓްގެ ކުރީގެ ހެޑް އަދި މިހާރު ސޭވް އެފްއޭއެމް ކެމްޕޭނުގައި އުޅުއްވާ މުހައްމަދު އަމީޒު: އެފްއޭއެމުން މުސާރަ ނުދޭ މުވައްޒަފުންގެ މައުލޫމާތު ފީފާ އާއި އޭއެފްސީ އަށް ގެންދަން އޭނާ ވަނީ މަސައްކަތް ފަށާފަ
އެފްއޭއެމް ރެފްރީސް ޑިޕާޓްމެންޓްގެ ކުރީގެ ހެޑް އަދި މިހާރު ސޭވް އެފްއޭއެމް ކެމްޕޭނުގައި އުޅުއްވާ މުހައްމަދު އަމީޒު: އެފްއޭއެމުން މުސާރަ ނުދޭ މުވައްޒަފުންގެ މައުލޫމާތު ފީފާ އާއި އޭއެފްސީ އަށް ގެންދަން އޭނާ ވަނީ މަސައްކަތް ފަށާފަ

"އަޅުގަނޑު މަސައްކަތް މި ކުރަނީ ވީހާވެސް ބޮޑަށް އެފްއޭއެމްގެ ސްޓާފުންގެ މައުލޫމާތު އެއްކޮށް ފީފާ އަށް ހުށަހަޅަން، އެއީ ފީފާ އާއި އޭއެފްސީގެ އެއްބާރުލުމާ އެކު އެފްއޭއެމްގެ ސްޓާފުންނަށް މުސާރަ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް،" ކުރިން އޭއެފްސީގެ މަރުކަޒީ އޮފީހުގައި ވެސް ރެފްރީންގެ އިސް މަގާމެއް އަދާކުރި އަމީޒު ގުރޫޕަށް ފޮނުވި މެސެޖުގައި ވެއެވެ.

އެ ގުރޫޕްގައި އެފްއޭއެމްގައި މިފަހުން މަސައްކަތް ކުރި ބައެއް މުވައްޒަފުން ވެސް ތިބެ އެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުން ވަނީ އެކަން މަޑުނުޖެހި ކުރިއަށް ގެންގޮސް ދިނުމަށް އޭނާގެ ކައިރިން އެދިފަ އެވެ.

"އެފްއޭއެމްގައި މަސައްކަތް (ކުރި) އަދި ކުރަމުންދާ، ތިބޭފުޅުންގެ ރަހުމަތްތެރިންނަށް މި ފޯމް ފޯވާޑްކޮށް ފޯމް ފުރުމަށް އެހީވެ ހިތްވަރުދީ،" އަމީޒު އިތުރަށް ލިޔެފައި ވެއެވެ.

އަމީޒު އެދިފައި ވަނީ ފޯމް ފުރައި ސޮއި ކުރުމަށް ފަހު [[email protected]] އަށް އީމެއިލްކޮށް ދިނުމަށެވެ. ފޯމް ފުރުމުގައި އިތުރު މައުލޫމާތު ބޭނުންވާނަމަ 7282827 އަށް ގުޅުއްވުމަށެވެ.

އެފްއޭއެމްގެ އިދާރީ އަދި ޓެކްނިކަލް މުވައްޒަފުންނަށް ގަވާއިދުން މުސާރަ ނުދޭތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.

މުހިންމު މަސައްކަތް ކުރިން ކުރި ބައެއް މުވައްޒަފުން ވަނީ މުސާރަ ނުދޭތީ ވަޒީފާއިން ވަކިވެ ދާއިމީކޮށް މުސާރަ ލިބޭ އެހެން ވަޒީފާ އަކަށް ބަދަލުވެފަ އެވެ. އެހެން ބައެއް މުވައްޒަފުން ވަނީ މުސާރަ ނުދޭ މައްސަލަ ވަޒީފާއާ ބެގޭ ޓްރިބިއަނަލް އަށް މައްސަލަ ހުށަހަޅައިފަ އެވެ.

ގައުމީ ޓީމުތަކުގެ ކޯޗިން ސްޓާފުންނަށް މުސާރަ ނުދޭ އަށެއްކަ މަސް މިހާރު ވެސް ޕެންޑިންގައި އެބައޮތް ކަމަށް އެފްއޭއެމްގެ މައުލޫމާތު އެނގޭ އޮފިޝަލަކު ބުންޏެވެ. ގައުމީ ޓީމުގެ ކުރީގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އަށް މުސާރައެއް ނުދެ އެވެ. އޭނާ އަށް ބަހާލައިގެން މުސާރަ ދިނުމަށް އޭނާ އާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެފްއޭއެމުން މިދިޔަ ބުރާސްފަތި ދުވަހު ބުންޏެވެ.