ފަށައިގެން އުޅެނީ އެފްއޭމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބަދަލުކުރުމުގެ މަސައްކަތެއް ނޫން ކަމަށާއި، އެ ހަރަކާތަކީ ފެއިލްވެފައިވާ ފުޓްބޯޅަ ހިންގުމުގެ ނިޒާމް ބަދަލުކުރުމަށް ކުރާ މަސައްކަތެއް ކަމަށް "ސޭވް އެފްއޭއެމް" އިން ބުނެފި އެވެ.
އެ ހަރަކާތުން ބާއްވާ ފުރަތަމަ، ޕްރެސް ކޮންފަރެންސް މިއަދު އޮންނާނެކަން އިއުލާންކޮށް އެ ޕްރެސް ކޮންފަރެންސްގެ ކުރިން ޕްރެސްގެ މައިގަނޑު މައުލޫ ހުލާސާ ކުރުމަށް ރޭ ނެރުނު ބަޔާނުގައި ބުނީ ސޭވް އެފްއޭއެމް އުފެދުނީ މުޅި ރާއްޖެ ޝާމިލުވާ ޕްރޮފެޝަނަލް ލީގެއް ހިންގާނެ ނިޒާމަކަށް ފުޓްބޯޅައިގެ ހިންގުން ބަދަލު ކުރުމަށް ކަމަށެވެ.
"ސޭވް.އެފް.އޭ.އެމް ކެމްޕޭން އުފެދުނީ އެފްއޭއެމް ގެ ރައީސް ބަދަލުކުރާކަށް ނޫނެވެ. ސޭވް އެފްއޭއެމް ކެމްޕޭން އުފެދުނީ ޕްރޮފެޝަނަލް ފުޓުބޯޅަ ލީގެއް ހޯދާށެވެެ. މިފަދަ ލީގެއް ބައްޓަން ކުރެވޭނެ ނިޒާމެއް ހޯދާށެވެ. މީހާ ބަދަލު ކުރާކަށް ނޫނެވެ. މިހާރު މިއޮތް ފެއިލްވެފައިވާ ނިޒާމް ބަދަލު ކުރާށެވެ.،" ރޭ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ފުޓްބޯޅަ ހިންގުމުގެ ނިޒާމުގައި ހިފެހެއްޓި ސިއްރު ކުރެވިފައިވާ ކަންކަން ނިމުމަކަށް ގެނެސް ފާޅުގައި "ކެމްޕޭން" ކޮށް ދެފުށް ފެންނަށް އުސޫލަކުން ހިންގުމުގެ ނިޒާމް ބަދަލު ކުރުމަކީ ވެސް އެ ހަރަކާތުން ބާރުއަޅާ ކަމެއް ކަމަށް ވެސް ސޭވް އެފްއޭއެމުން ނެރުނު ބަޔާނުގައި ވެއެވެ.
އެ ހަރަކާތުން ބުނީ އެފްއޭއެމްގެ ދަށުން އަތޮޅު އަދި ސަރަހައްދީ އެސޯސިއޭޝަންތައް އުފެއްދުމަށް ބާރުއަޅައި އަތޮޅު ކްލަބްތަކަށް އެ އެސޯސިއޭޝަންގެ ކަންކަން ނިންމުމުގައި ވޯޓް ލުމުގެ ހައްގު ހޯދައި ދިނުމަކީ ވެސް ސޭވް އެފްއޭއެމްގެ އެއް މަގުސަދު ކަމަށެވެ.
"ފުޓުބޯޅަ [ހިންގުމުގެ] ނިޒާމަށް ގެންނަން ބަދަލާ އެކު އަތޮޅު ޓީމްތަކަށް ވޯޓު ލުމުގެ ހައްގު ލިބޭނެއެވެ. އަދި އަތޮޅާއި، ސަރަހައްދީ އެސޯސިއޭޝަންތައް ވުޖޫދު ވާނެއެވެ. މީގެ ސަބަބުން އެފްއޭއެމް ގެ ހިންގާ ކޮމިޓީގެ ކޮމްޕޮސިޝަން ބަދަލުވާނެއެވެ. އެއީ މާލޭ ކްލަބްތަކެކޭ އެއްފަދައިން އަތޮޅު ކްލަބްތަކަށްވެސް އެފް.އޭ.އެމް ގެ ހިންގާ ކޮމިޓީއަށް ވަދެވޭނެތީއެވެ.،" ބަޔާނުގައި ވެއެވެ.
ގައުމީ ފުޓްބޯޅަ ކޮންފަރެންސް ބާއްވަން ތައްޔާރުވާކަން އިއުލާންކޮށް، ސޭވް އެފްއޭއެމް ކެމްޕޭނުން ބުނީ، އެ ކޮންފަރެންސްގެ ބޭނުމަކީ ފުޓުބޯޅަ ލާމަރުކަޒުކޮށް ގައުމީ ޕްރޮޕެޝަނަލް ލީގެއް ބައްޓަންކުރާނެ ގޮތެއްގެ ކަޑައެޅުން ކަމަށެވެ. އަދި އެ މަގަށް އެފްއޭއެމާއި ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރުމަށް ބާރުއެޅުމަކީ ވެސް އެ ކޮންފަރެންސްގެ މަގުސަދު ކަމަށް ސޭވް އެފްއޭއެމް ކެމްޕޭނުން ބުންޏެވެ.