ރިޔާޒް (ޖެނުއަރީ 6) - ވަރިކުރިކަން ސައުދީ އަންހެނުންނަށް ޓެކްސްޓް މެސެޖަކުން އަންގަން ފަށައިފި އެވެ.
މިއަދުން ފެށިގެން އަމަލު ކުރަން ފެށި ގާނޫނުގެ ދަށުން އަންހެނަކު ވަރިކޮށްފި ނަމަ އެ އަންހެން މީހާ އަށް ކޯޓުން މެސެޖަކުން އެކަން އަންގަން ވާނެ އެވެ. މިއީ ސައުދީގައި އަނބިންނަށް ނޭނގި ވަރިކުރާ މައްސަަލަ ހައްލު ކުރުމުގެ ގޮތުން އަމަލު ކުރަން ފެށި ގާނޫނެކެވެ.
ސައުދީގައި އަންހެނުންނަށް ނޭނގި ވަރިކުރާތީ ވަރަށް ގިނަ އަންހެނުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
ސައުދީ އަންހެނުންނަށް ފަހަކަށް އައިސް ވަނީ ލުއިތައް ލިބެން ފަށައިފަ އެވެ. މި ގޮތުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ސައުދީ އަންހެނުންނަށް ވަނީ ކާރު ދުއްވުމުގެ ހުއްދަ ދީފަ އެވެ. އަދި އަންހެނުންނަށް ފުޓުބޯޅަ މެޗުތައް ބަލަން ދިއުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ. ސައުދީ އަށް ގެންނަ މި ބަދަލުތަކުގެ ފަހަތުގައި ހުންނެވީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެވެ.