ރިޔާޒް (ޖުލައި 4) - ސައުދީ އަރަބިއާގެ ގައުމީ އެއާލައިންގެ މަތިންދާ ބޯޓެއް އިޒްރޭލުގެ އެއާޕޯޓެއްގައި ޖައްސާފައި އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުން ދަނީ އަސްލު ފޮޓޯއެއް ނޫން ކަމަށް ސައުދީން ބުނެފި އެވެ.
ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި ސައުދީ އެއާލައިންސްގެ ބޯޓު ޕާކްކޮށްފައި އޮތީ އިޒްރޭލުގެ ބެން-ގުރިއޮން އެއާޕޯޓުގެ ކޮންޓްރޯލް ޓަވަރާ ކައިރީގަ އެވެ. ނަމަވެސް އެއީ އިޒްރޭލުގެ ގައުމީ އެއާލައިން އިލް އާލް އެއާލައިނުގެ ބޯޓެއްގެ ފޮޓޯ ސައުދީ އެއާލައިނުގެ ބޯޓަކަށް ބަދަލުކޮށްފައިވާ ފޮޓޯއެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ސައުދީ އެއާލައިންސްގެ ތަރުޖަމާނަކު ވިދާޅުވީ އެ އެއާލައިނުގެ އަގު ވައްޓާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ފޮޓޯގެ ސައްހަކަން ބެލުމެއް ނެތި ރިޓްވީޓް ކުރަމުންދާ ބަޔަކު އެބަތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައުދީގެ ބޯޓެއް އިޒްރޭލުގެ އެއާޕޯޓެއްގައި އޮތް ކަމަށް ބުނެ ފޮޓޯއެއް އާއްމުކޮށްފައި މިވަނީ ސައުދީ އާއި އިޒްރޭލުން އިގްތިސާދީ ގުޅުން ބަދަހި ކުރަމުންދާ ކަމަށް ޓައިމް އިން ރިޕޯޓްކޮށްފައި ވަނިކޮށެވެ. އަދި އިޒްރޭލް މީހުން ސައުދީގައި ވިޔަފާރި ކުރުމުގެ ހުއްދަދީ، އިޒްރޭލުގެ ގައުމީ އެއާލައިނަށް ސައުދީގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދޭން އުޅޭ ކަމަށް ވެސް ޓައިމް އިން ބުނެފައިވެ އެވެ.
ސައުދީ އާއި އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައެއް ނުވެ އެވެ. އަދި ސައުދީން އިޒްރޭލް ގަބޫލްކޮށްފައި ނުވާތީ އެ ގައުމުގެ ސަރަހައްދުގައި އިޒްރޭލުގެ ބޯޓުތައް އުދުހުމުގެ ހުއްދައެއް ވެސް ނޯވެ އެވެ.
އިޒްރޭލުގެ ތެލް އަވީވް އާއި ސައުދީގެ ވެރިރަށް ރިޔާޒާ ދެމެދު ސީދާ ފްލައިޓް ދަތުރެއް ކޮށްފައި ވަނީ ވެސް މެއި 21 ވަނަ ދުވަހު އެކަންޏެވެ. އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަށް ކުރެއްވި ދަތުރުފުޅަށް ފަހު އިޒްރޭލަށް ވަޑައިގަތުމަށެވެ.