ޒިކްރާ މިސްކިތުގައި ވަގުތީ ގޮތުން ނަމާދުކުރެވޭނެ ގޮތް އަމިއްލަ ހަރަދުގައި ހަދައިދޭން ނިންމަވައި، އެކަމުގެ ހުއްދައަށް މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު އެދިވަޑައިގެންފި އެވެ.

މައްޗަންގޮޅި އުތުރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އާދަމް މަނިކު، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެއީ މިހާރު ވެސް މިސްކިތްތައް މަދު ދާއިރާއެއް ކަމަށެވެ.

އޮފީސް އިމާރާތަކާ އެކު ޒިކްރާ މިސްކިތް 10 ބުރިއަށް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށް ކުރީގެ އިސްލާމިކް މިނިސްޓްރީން، އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ ޖުލައި 9، 2018 ގަ އެވެ. އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ބާގިރު ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ރޯދަމަހަށް ވާ އިރަށް މިސްކިތަށް ހާއްސަ ތިން ބުރީގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް މިސްކިތް އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް އަދި ނުފަށަ އެވެ.

އޭރު އިސްލާމިކް މިނިސްޓްރީން ބުނެފައި އޮތީ މުޅި މަޝްރޫއުއަށް 130 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ. އޭގެ ތެރެއިން 30 މިލިއަން ދޭން އޮތީ ސަރުކާރުންނެވެ. އެ ފައިސާ އޭރުގެ ސަރުކާރުން ދިން ކަމެއް ނުވަތަ ނުދޭކަމެއް ނޭނގެ އެވެ. މަޝްރޫއުގެ އަނެއް ބައި ހޭދަކުރަން ޖެހެނީ އެސްޖޭ ކޮންސްޓްރަކްޝަނުންނެވެ.

މައްޗަށްގޮޅީ އުތުރު ދާއިރާގައި ހުރި މާވެޔޮ މިސްކިތް ތަޅާލައި އެތަނުގައި އާ މިސްކިތެއް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. ރޯދަމަހުގެ ކުރިން އެ މިސްކިތް ނިންމުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް، އެނގިފައަިވެ އެވެ.

އާދަމް މަނިކުގެ ސިޓީގައި ވިދާޅުވީ ކުރިއަށް އޮތީ ރަމަޟާން މަހަށް ވުމުން، ޒިކުރާ މިސްކިތުގައި ވަގުތީ ގޮތުން ނަމާދުކުރެވޭނެ ގޮތް ހަދައިދޭން އެދި ގިނަ ބަޔަކު އޭނާއާ ބައްދަލުކުރާ ކަމަށެވެ.

"މިކަމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވުމާ އެކު އަޅުގަނޑު ގަސްތުކުރަނީ އަޅުގަނޑުގެ އަމިއްލަ ހަރަދުގައި ނަމަވެސް މިކަން ކޮށްލުމަށެވެ. ވީމާ މިކަން ކުރުމުގެ ހުއްދަ ދެއްވުން އެދެމެވެ،" ސިޓީގައި އޭނާ ލިއުއްވާފައިވެ އެވެ.

ޒިކުރާ މިސްކިތަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބައްޕާފުޅު އަބްދުލްގައްޔޫމް ސީދީގެ ހަނދާނުގައި 1980 ގެ އަހަރުތަކުގެ ކުރީކޮޅު ހެދި މިސްކިތެކެވެ.