ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް މިރޭ ނުކުންނައިރު ރެއާލް މެޑްރިޑަށް ދެ ގޮންޖެހުން އެބައޮތް ކަމަށް ސްޕެއިނުގެ ނޫސްތަކުން ބުނެ އެވެ. އެއީ އެތުލެޓިކޯ ބަލިކުރުމާ އެކު، ފައިނަލް ކުޅޭ އިޓަލީގައި މިލާނުގައި އެ ޓީމަށް ކުރިމަތިވެފައިވާ ބަދުނަސީބު ނަތީޖާތައް އަނބުރާލުމެވެ.

މިލާނުގެ ދެ ކްލަބް ކަމަށްވާ އޭސީ މިލާނާއި އިންޓައަށް ނިސްބަތްވާ ސެން ސީރޯ ސްޓޭޑިއަމުގައި ފައިނަލް ކުޅޭއިރު މި ސްޓޭޑިއަމުގައި ރެއާލް މީގެ ކުރިން ކުޅުނު 14 މެޗުން މޮޅެއް ލިބިފައެއް ނުވެ އެވެ. މިލާނަކީ ޔޫރަޕުގެ މުބާރާތްތަކުގައި ރެއާލް އެންމެ ގިނައިން މެޗު ކުޅެފައިވާ ސިޓީ އެވެ. ޗެމްޕިއަންސް ލީގާއި ޔުއެފާ ކަޕް އަދި ޔުއެފާ ކަޕްވިނާސްކަޕުގެ މެޗެއްގައި ވެސް މިލާނުގައި ރެއާލަށް މޮޅެއް ލިބިފައެއް ނުވެ އެވެ.

ޔޫރަޕުގެ ފުޓްބޯޅައިގެ ރެއާލް އެންމެ ތަފާތު ބޮޑުކޮށް ބަލިވެފައިވަނީ ވެސް މި ސްޓޭޑިއަމުގަ އެވެ. އެއީ 1989 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕުގައި އޭސީ މިލާން އަތުން 5-0 އިންނެވެ.

1989 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕުގައި އޭސީ މިލާނާއި ރެއާލް މެޑްރިޑް ކުޅެނީ.
1989 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕުގައި އޭސީ މިލާނާއި ރެއާލް މެޑްރިޑް ކުޅެނީ.

ރެއާލުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ މިހާތަނަށް މި ސްޓޭޑިއަމުގައި ތިން މެޗު ކުޅެފައިވާއިރު އެ ތިން މެޗުން ވެސް އޭނާ ކުޅުނު ޓީމު މޮޅުވެފައިނުވާއިރު ލަނޑެއް ޖެހިފައެއް ވެސް ނުވެ އެވެ. ސެން ސީރޯއަކީ ރޮނާލްޑޯ އަށް މިހާތަނަށް ލަނޑެއް ޖެހިފައިނުވާ ޔޫރަޕުގެ މަދު ސްޓޭޑިއަމްތަކުގެ ތެރެއިން ދަނޑެކެވެ.

“ވިސްނަން ޖެހޭނީ ޕޮޒިޓިވްކޮށް،” މެންޗެސްޓާ ޔުނައިޓެޑާ އެކު ދެ ފަހަރު އަދި ރެއާލާއާ އެކު އެއް ފަހަރު ސެން ސީރޯގައި ކުޅެފައިވާ ރޮނާލްޑޯ ބުންޏެވެ.

ސެން ސީރޯގެ ތައާރަފެއް:

ނަން: ސްޓޭޑިއޯ ޖިސެއްޕެ މީޒާ (ސެން ސީރޯ ސްޓޭޑިއަމް)

ޖާގަ: 80،000

ކްލަބް: އޭސީ މިލާން، އިންޓަ

ވޯލްޑް ކަޕް: 1934 އަދި 1990

ޔޫރޯ: 1980

ޔޫރަޕިއަން ކަޕް ފައިނަލް: 1965، 1970، 2001

އެކަމަކު ރެއާލުގެ ވިންގާ ގެރެތު ބޭލްގެ ވިދުން މި ސްޓޭޑިއަމުގައި ގަދަ އެވެ. އޭނާ އަށް ދުނިޔޭގެ ސަމާލުކަން ލިބުނީ 2010 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ސެން ސީރޯގައި އިންޓަ އަތުން 4-3 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިވި މެޗުގައި ޖެހި ތިން ލަނޑާ އެކު އެވެ.

“އަހަންނަކަށް ނޭގޭ މި ސްޓޭޑިއަމުގައި ރެއާލުގެ ތާރީހެއް. އެކަމަކު މި ސްޓޭޑިއަމާ އަހަންނާ ގުޅިފައިވަނީ އުފާވެރި ހަނދާންތައް،” ބޭލް ބުންޏެވެ

ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ފަސް އަހަރު އިޓަލީގެ ޔުވެންޓަސް އަށް ކުޅުނުއިރު ސެން ސީރޯގައި މޮޅުވީ އެންމެ ފަހަރަކު އެވެ. އެއީ މިލާން އަތުން 6-1 އިން ޔުވެންޓަސް މޮޅުވި މެޗެވެ.

ރަށުން ބޭރު ޓީމުގެ ހައިސިއްޔަތުން ސެންސީރޯ ސްޓޭޑިއަމުގައި އެއްވެސް ޓީމަކުން މިހާތަނަށް ހޯދި މޮޅެއްގައި ރެއާލުގެ މިހާރުގެ އެއްވެސް ކުޅުންތެރިޔަކު ހިއްސާއެއްވެސް ވެފައެއް ނެތެވެ. މިލާން އަތުން 2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި 1-0 އިން އިންގްލެންޑުގެ ޓޮޓެންހަމް މޮޅުވިއިރު ރެއާލުގެ ބޭލް އާއި ލޫކާ މޮޑްރިޗް އެ ޓީމުގައި ހިމެނުނު ނަމަވެސް އެ މެޗުގައި ނުކުޅެ އެވެ.

“ތާރީހާ މެދު ނުވިސްނަން. ބޮޑެތި ސްޓޭޑިއަމްތަކުގައި ކުޅެން އަހަރެން ޝައުގުވެރިވޭ. ސެން ސީރޯ އަކީ އަހަރެން ވަރަށް ގަޔާވާ ސްޓޭޑިއަމެއް. އެއީ އަހަރެންގެ ހީރޯ ޕައޮލޯ މަލްޑިނީ ކުޅުނު ސްޓޭޑިއަމަށްވާތީ،” ރެއާލުގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުންޏެވެ.