ސެމްސަންގް ގެލަކްސީ އެސް8ގެ ސިފަ ބަދަލުކޮށްލި އެއްޗަކަށް "އިންފިނިޓީ ޑިސްޕްލޭ" ވާނެ އެވެ. ފޯނުގެ ދެ އަރިމަތިން ދާރަ ގެއްލޭ ގޮތަށް ޑިސްޕްލޭ ލަންބާލުމުން، ގެލަކްސީ އެސް8ގެ ފަރިކަން އިތުވި އެވެ. އެކަމަކު އިންފިނިޓީ ޑިސްޕްލޭ އަކީ ހަމައެކަނި "ގެލަކްސީ އެސް" މަރުކާގެ ފޯނުތަކަށް ޚާއްސަ ސިފައަކަށް ހަދަން ސެމްސަންގް މިހާރު ބޭނުމެއް ނުވެ އެވެ.
ސެމްސަންގާ ހަވާލާދީ ސައުތު ކޮރެއާ ޚަބަރު ސައިޓްތަކުން ބުނާ ގޮތުގައި، ސެމްސަންގް މިޑްރޭންޖް ފޯނުތަކަށް ވެސް އިންފިނިޓީ ޑިސްޕްލޭ އެބަ އާދެ އެވެ. ގެލަކްސީ އެސް8ގެ ސިފަ އަދި ޝަރަފު ނުގެއްލޭ ގޮތަށެވެ.
އިންޓަނެޓް ޚަބަރުތައް ބުނާ ގޮތުގައި، ފޭކް ފޯނުތައް ދެކެ ސެމްސަންގް ރުޅި އާދެ އެވެ. ސެމްސަންގް ފޯނުތަކާ ދާދި އެއް ގޮތަށް، އެއް ސިފައަކަށް ފޭކް ފޯނުތައް މާކެޓްކުރުން ވެފައި ވަނީ ސެމްސަންގަށް ގެއްލުމަކަށެވެ. އަދި އެއީ އެ ކުންފުންޏަށް ހުއްޓުވޭ ވަރުގެ ކަމެއް ވެސް ނޫނެވެ.
ސެމްސަންގް މިޑްރޭޖް ފޯނުތަކަށް އިންފިނިޓީ ޑިސްޕްލޭ ގެނައުމުން، ފޭކް ފޯނުތައް އެ ސިފަ އަށް އުފެއްދުން ފަސޭހަކަމަކަށް ނުވާނެ ކަމަށް އެ ކުންފުނިން ދެކެ އެވެ. ސަބަބަކީ އޯލެޑް ޑިސްޕްލޭ ލަންބާލައި، އޮޅާލުމަށް ބޭނުންވާ ޓެކްނޮލޮޖީ އާންމު އެއްޗަކަށް ނުވުމެވެ. މި ބަދަލާ އެކު ސެމްސަންގް އުންމީދުކުރަނީ އެ ކުންފުނިން އުފައްދާ ފޯނުތައް ނަކަލުކުރަން އުނދަގޫވާނެ ކަމަށެވެ.
މިޑްރޭންޖް ފޯނުތަކަށް އިންފިނިޓީ ޑިސްޕްލޭ ތައާރުފުކުރުމުން، ބުނެވޭ ގޮތުގައި ގެލަކްސީ އެސް8 ދަރަހަކުރެވޭނީ މިޑްރޭންޖް ފޯނެއް ގޮތުގަ އެވެ. އެހެން ނަމަވެސް އެއީ މިޑްރޭންޖްގެ ވެސް އެންމެ މަތީ ފެންވަރުގެ ފޯނަކަށް ވާނެ ކަމަށް ބުނެވެ އެވެ.