ލަންޑަން (ނޮވެމްބަރު 13) - ފްރާންސްގެ މިޑްފީލްޑަރު ސާމިރު ނަސްރީ މަނާބޭހަށް ޕޮޒިޓިވްވުމުން އޭނާ އަށް ދީފައިވާ ސަސްޕެންޝަނުގެ މައްސަލައެއް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ބަލަމުންދަނިކޮށް އޭނާ އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑަށް ސޮއިކުރަން ނިންމައިފި އެވެ.

އުމުރުން 31 އަހަރުގެ ނަސްރީ 18 މަސް ދުވަހަށް ސަސްޕެންޑްކުރަން ނިންމީ ލޯން އެއްބަސްވުމެއްގެ ދަށުން 2016/2017 ވަނަ އަހަރު ސެވިއްޔާ އަށް ކުޅުނުއިރު، ވޯލްޑް އެންޓިޑޯޕިން އެޖެންސީ (ވާޑާ) އިން މަނާބޭހެއްގެ ގޮތުގައި ލިސްޓުކޮށްފައިވާ ބޭހެއް މަލްޓި ވިޓަމިން ތެރެއަށް އަޅައިގެން ބޭނުން ކުރުމުންނެވެ.

މިދިޔަ އަހަރު އޮގަސްޓް މަހު ނަސްރީ އަށް ދީފައިވާ ސަސްޕެންޝަން ދަމަހައްޓަން ސީއޭއެސް އިން ނިންމިއިރު، އެއަށް އަމަލުކުރަން ފެށީ 2017 ވަނަ އަހަރު ޖުލައި 1 ވަނަ ދުވަހު އެވެ. އެއާ އެކު ނަސްރީ އަށް އެންމެ އަވަހަށް ކުޅެން ނުކުމެވޭނީ އަންނަ ޖެނުއަރީ މަހު އެއް ވަނަ ދުވަހު އެވެ.

ރިޕޯޓްތައް ބުނާގޮތުން ނަސްރީ ރޭ ވަނީ ވެސްޓް ހޭމްގެ މެޑިކަލް ފުރިހަމަކޮށްފަ އެވެ. ނަސްރީ ވަނީ މީގެ ދެ މަސް ކުރިން ސީއޭއެސް އަށް އިތުރު މައްސަލައެއް ހުށަހަޅައިފަ އެވެ. އެއީ އޭނާ އަށް ދީފައިވާ ސަސްޕެންޝަނުން ލުޔެއްދީ އަވަހަށް ކުޅުމުގެ ފުރުސަތު ދިނުމަށް އެދި އެވެ. އެ މައްސަލައިގައި އަދި ސީއޭއެސް އިން ގޮތެއް ނުނިންމަ އެވެ.

ސީއޭއެސް އިން ނަސްރީ ފަހު ހުށަހެޅި މައްސަލައިގައި ވަކި ގޮތެއް ނުނިންމަނިސް އޭނާ ވެސްޓް ހޭމް އަށް ބަދަލުވާން ނިންމި އެންމެ ބޮޑު ސަބަބަކީ އެ ޓީމުގެ ކޯޗު ޗިލީގެ މެނުއަލް ޕެލްގްރީނީ އެވެ. ޕެލެގްރީނީ އަކީ ނަސްރީ އަށް މެންޗެސްޓާ ސިޓީގައި އިރުޝާދުދިން ކޯޗެވެ.

ފްރާންސްގެ މާސޭ އިން ކެރިއަރު ފެށި ނަސްރީގެ ވިދުން އެންމެ ގަދަވީ 2008 ވަނަ އަހަރު އާސެނަލާ ގުޅުނު ހިސާބުންނެވެ. އާސެނަލްގައި ތިން އަހަރު ހޭދަކުރުމަށް ފަހު ނަސްރީ ވަނީ 2011 ވަަނަ އަހަރު ސިޓީ އަށް ބަދަލުވެފަ އެވެ. ލޯން އެއްބަސްވުމެއްގެ ދަށުން ސެވިއްޔާ އަށް ވެސް ކުޅުނު ނަސްރީ އެންމެ ފަހުން ފެނުނީ ތުރުކީގެ އަންތަލިޔަސްޕޯ އިންނެވެ. އޭނާ އެންމެ ފަހުން މެޗެއް ކުޅުނީ މި އަހަރު ޖެނުއަރީ މަހުގަ އެވެ.