ގައުމެއް އާރާސްތުކުރުމުގައި ޖޯޝާއި ވިންދު ކަމުގައިވާ އަންހެނުން ބާރުވެރިކުރުމަކީ އާއިލާތަކާއި މުޖުތަމައުގެ އުފާވެރިކަމުގެ އަސްލު ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ކުރިއަށް ގެންދާ "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވިދާޅުވީ އަންހެނުންނަކީ ގައުމެއްގެ އިޖުތިމާއީ ހަށިގަނޑާއި ތަރުބަވީ މަދަރުސާގެ މުހިންމު ބަހާއެއް ކަމަށެވެ.
ގައުމު ބިނާކުރުމުގައި ތަރައްގީގެ ބިންގަލަކީ ވެސް އަންހެނުން ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ފަސްޓްލޭޑީ ވިދާޅުވި ގޮތުގައި ގައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ އެވެ.
އެކަމަނާ ވިދާޅުވީ ވިލުންތެރިކަމަކީ ނުވަތަ ދިމާވާ ކަންކަމުން އަރައިގަނެ ހިތްވަރާއެކު ކުރިއށް ދިއުމަކީ ދިރިއުޅުމުގެ މައިދާނުގައި ކޮންމެ މީހަކަށް ވެސް ދަސްކޮށްދޭން ޖެހޭ ވަރަށް މުހިންމު ހުނަރެއް ކަމަށެވެ.
އޭގެ ސަބަބުން އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް ގައުމަށް ފައިދާ ކުރާނެ ކަމަށް އެކަމަަނާ ވިދާޅުވި އެވެ.
އިސްލާމީ ތާރީހުގައި ވެސް އަންހެނުންނަށް ގޮވާލަނީ އުންމަތް ބާރުވެރިކުރުވައި މުޖުތަމައު ގަދަރުވެރިކުރުވައި މުރާލި ހީވާގި، ހުނަރުވެރި ހުލްގުހެޔޮ ބަޔަކަށްވުމަށް ކަން ހަނދާންކޮށްދެއްވަމުން ސާޖިދާ ވިދާޅުވީ ދިވެހި އަންހެނުންގެ ވިސްނުންތެރިކަމާއި މަސައްކަތްތެރިކަން އަބަދުވެސް ގައުމަށް ބޭނުންވާ ކަމަށެވެ.
އިސްލާމްދީން ވަނީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި އަދުލު ގާއިމުކޮށްދެއްވާފައި ކަމަށާއި އިސްލާމީ ތާރީހް ވަނީ އަންހެނާގެ ދައުރު ދިރިއުޅުމުގެ އެތައް މައިދާނަކުން ތަމްސީލުކޮށްދީފައިކަން ވެސް ހަނދާންކޮށްދެއްވި އެވެ.
އެ ރަސްމިއްޔާތުގައި "ވިލުންތެރި ކަނބަލުން" ޕްރޮގްރާމުން ދަސްވެނިވި އަށް ބެޗުގެ 175އަންހެނުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވައިފަ އެވެ. "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް ކުރިއަށް ގެންދަނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެންނެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އަންހެނުންނަކީ ކޮންމެ ކަމެއްގައި ވެސް އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން ބާރުވެރިކަމާއެކު ކުރިއެރޭނެ ބަޔަކަށް ހެދުމެވެ.