ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ނިސްބަތްވާ ރަށްރަށަށް ތަށި ގެންދިއުމުގެ ދަތުރުގައި، މުހައްމަދު އާރިފް (ބަކާ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ނިސްބަތްވާ އައްޑޫ ސިޓީ އަށް މާދަމާ ތަށި ގެންދާނެ އެވެ.

މީގެ 10 އަހަރު ކުރިން 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ސަރަހައްދުގެ ތަށި ރާއްޖޭން ކާމިޔާބުކުރި އިރު އައްޑޫ ތިން ކުޅުންތެރިޔަކު ހިމެނުނެވެ. އެއީ ބަކާގެ އިތުރުން އަހުމަދު ސައީދު (އައްމަޓީ) އާއި ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. އެ ފަހަރު އައްމަޓީ ހުރިހާ މެޗެއްގައި ފުލްކޮށް ކުޅުނުއިރު ބޮންޑާ އަށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ފުރުސަތު ލިބުނެވެ. އެ ފަހަރު ފުރުސަތު ނުލިބުނު ބަކާ އަކީ މި ފަހަރު ޓީމުގައި ހިމެނުނު އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. އަދި އުމުރުން 33 އަހަރުގެ ބަކާ ހިމެނެނީ ދެ ފަހަރު ތަށި ހޯދި ދެ ކުޅުންތެރިންގެ ތެރެއިން އެކަކަށެވެ. އަނެއް ކުޅުންތެރިޔަކީ ކެޕްޓަން އަކްރަމް އަބްދުލްގަނީ އެވެ.

ބަކާ ސާފް ސުޒުކީ ކަޕްގެ ތަށްޓައް ބޮސްދެނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ
ބަކާ ސާފް ސުޒުކީ ކަޕްގެ ތަށްޓައް ބޮސްދެނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ

ފުރަތަމަ އެގާރައިގައި އެންމެ ފުރަތަމަ ނުހިމެނުނު ނަމަވެސް މުބާރާތް ނިމިގެން ދިޔައިރު އެންމެ ތަފާތު ދެއްކި އެކަކަކީ ފޭދޫ އިއްބެ އެވެ. މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅެން ފަށައި ގައުމީ ޓީމުން ޖާހަ ހޯދި ފޭދޫ އިއްބެގެ ހަލުވިކަމާއި އުފެއްދުންތެރި ކުޅުން ވެގެންދިޔައީ މުބާރާތުގެ ފަހު ބައިގައި ރާއްޖެ އަށް ނަތީޖާ ނެރެން ލިބުނު އެންމެ ބޮޑު އެހީއަށެވެ.

މީގެ ތިން އަހަރު ކުރިން 2015 ވަނަ އަހަރު ސ. ފޭދޫ ޓީމަށް ރާއްޖޭގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދިނީ ވެސް ގދ. ފަރެސްމާތޮޑާ ކޮޅަށް ފޭދޫ އިއްބެ ޖެހި މޮޅު ގޯލުންނެވެ.

ސާފް ސުޒުކީ ކަޕްގެ ތަށި ރަށްރަށަށް ގެންދިއުމަށް އެފްއޭއެމުން ނިންމި އެންމެ ބޮޑު ސަަބަބަކީ ކުޅުންތެރިންގެ މި ކާމިޔާބީ ޝަރަފްވެރި ގޮތެއްގައި ފާހަގަކުރުމެވެ. މާދަމާ ހެނދުނު އައްޑޫ އަށް ތަށި ގެންދާއިރު، މުޅި އައްޑޫ މި ކާމިޔާބީގެ އުފާފާޅުކުރުމުގައި ބައިވެރިވުމަކީ މި ދެ ކުޅުންތެރިންގެ ވެސް އެދުމެކެވެ.

"ވަރަށް ބޮޑަށް އެދެން ވީހާވެސް ގިނަ ބަޔަކު މި އުފާފާޅުކުރުމުގައި ބައިވެރިވުމަށް. ރަތް ކުލައިގައި މުޅި އައްޑޫ އޮންނަން ވަރަށް ބޮޑަށް އެދެން. މިއީ އެންމެނަށް ހޯދައިދިން ކާމިޔާބީއެއް،" ފޭދޫ އިއްބެ "މިހާރަ"ށް ބުންޏެވެ.

ފައިނަލް މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފޭދޫ އިއްބެ. -- ފޮޓޯ: އިމޭޖަސް.އެމްވީ
ފައިނަލް މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފޭދޫ އިއްބެ. -- ފޮޓޯ: އިމޭޖަސް.އެމްވީ

އައްޑޫގައި ކުލަގަދަކޮށް މި އުފާފާޅުކުރުން ގެންދިއުމަށާއި އެކަމުގައި ބައިވެރިވުމަށް އެންމެ އިސްކޮށް އުޅޭ އަނެއް ފަރާތަކީ އައްޑޫ އަށް އުފަން ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު އަދި ކުރީގެ ކުޅުންތެރިއާ މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ފޭދޫ އިއްބެ ފަދަ ކުޅުންތެރިން ދަނޑަށް ނެރެދީ އެ ލެވެލަށް ގެންދިއުމުގައި ނިޒާމްބެ ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ. މި ފަހަރުގެ ސާފްގައި ރާއްޖޭގެ ޓީމަށް ހިތްވަރުދޭން ނިޒާމްބެ ވަނީ ފައިނަލު މެޗަށް ބަންގްލަދޭޝަށް ވެސް ގޮސްފަ އެވެ. މާދަމާ ބޮޑު ކުލަގަދަ އުފާފާޅުކުރުމެއް އައްޑޫގައި ބޭއްވުމަކީ ނިޒާމްބެގެ ވަރަށް ބޮޑު އެދުމެކެވެ.