ސ. މަރަދޫފޭދޫގައި ރޭ ހިންގި މާރާމާރީގައި 27 އަހަރުގެ ޒުވާނާ މަރުވީ، އެއްބަނޑު އެއްބަފާ ކޮއްކޮ ދިން ހަމަލާގައިކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ އެ ދެ ފިރިހެނުން ވެސް ފުރަތަމަ މައްސަލަ ޖެހުނީ ގޭގައި ހިނގި ކަމަކުންނެވެ.
އެ މައްސަލަ ބޮޑުވެ، 25 އަހަރުގެ ފިރިހެން މީހާ، އޭނާގެ ބޭބެ އަހުމަދު ޝުއައިބަށް ހަމަލާދިނީ އެ ރަށުގެ ބޮޑުމަގުގައި ހުންނަ އެ މީހުންގެ ގެ ކައިރީގައި ކަމަށް އޭނާ ބުންޏެވެ. ބޭބެގެ ކަރަށް ހަމަލާދިނީ ކަތުރަކުން ކަމަށް ވަނީ އެނގިފަ އެވެ.
ކަތުރަކުން ހަމަލާދިނީ ޝުއައިބުގެ ކަރަށް ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖުގައި ބުނީ މަރަދޫފޭދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން ކަމުގެ ރިޕޯޓެއް ރޭ 11:38 ގައި ލިބިފައިވާ ކަމަށެވެ. އެ މީހާ މަރުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާ ދެމުން ދަނިކޮށެވެ. "ކަރުގެ މައި ނާރުތައް ހުރީ ބުރިވެފައި." މައުލޫމާތު އެނގޭ މީހާ ބުންޏެވެ.
މަރުގެ މި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.