ކުއްޖާ ދުނިޔެ އަށް އުފަންވާ ދުވަހުން ފެށިގެން އެ ކުއްޖާގެ ދިރިއުޅުން ކާމިޔާބުކޮށް، އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމުގެ ނިޔަތުގައި މަސައްކަތް ފަށައިގަނެވެ އެވެ. އުފާކުރަން ޖެހޭ ހަގީގަތަކީ ރާއްޖޭގެ ގައުމީ މަންހަޖު ވެސް މި ގޮތަށް ބައްޓަންކުރެވިފައިވާ ކަމެވެ. "ކޮންމެ ކުއްޖަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުއްޖެއްގެ ގޮތުގައި" ހެދުމަށްޓަކައި ގައުމީ މަންހަޖުގެ ތަސައްވުރު އަމާޒުކުރެވިފައިވާ ކަމެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން ކޮންމެ ބެލެނިވެރިޔަކު ވެސް އަދި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ކޮންމެ މީހަކު ވެސް ވިސްނާލަން ޖެހެނީ މި ފަށާފައިވާ ދަތުރުގެ މަންޒިލާ މެދު އެވެ.
ތައުލީމީ ދާއިރާގައި ފާއިތުވި 20 އަހަރު މަސައްކަތްކުރެވުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ފެންނަ މަންޒަރު ތަފާތެވެ. "އިންކުލޫސިވު އެޑިއުކޭޝަން" ނުވަތަ ހުރިހާ ކުދިން ޝާމިލުކޮށްގެން އުނގަންނައިދިނުމަށް އޮންނަ ފުރުސަތަކީ ހަމައެކަނި ޕޮލިސީ ފެންވަރުން ޖާގަ ހޯދާފައިވާ އެއްޗަކަށްވެ، އަމަލީ މައިދާނުގައި މިކަން މިސްރާބު ހިފާފައި ވަނީ ދެއްކުންތެރިކަމާ ދިމާއަށެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ކާމިޔާބު ސްކޫލެއްގެ ގޮތުގައި މުޖުތަމައު ބަލައިގަންނަ ހަމައެކަނި މިންގަނޑަކީ އަދި ގައުމީ ފެންވަރުގައި ފާހަގަ ކުރެވޭ ހަމައެކަނި ކާމިޔާބީއަކަށް ވެފައިވަނީ ސްކޫލް ނިންމާ 100 އަށްވުރެ ގިނަ ކުދިންގެ ތެރެއިން ހަމައެކަނި ގަދަ 10 ކުދިންގެ ގޮތުގައި ހޮވާލެވޭ ވިއްސަކަށް ކުދިންގެ ކާމިޔާބީ ކަމަށްވެފައި މި ކާމިޔާބީގައި ނުހިމެނޭ ކުދިންގެ ވާހަކަ ދައްކާނެ ބަޔަކު ނެތެވެ.
މުޅި ރާއްޖެއިން ހޮވާލެވޭ މި މަދު އަދަދުތަކާ އެކު ސްކޫލްތަކުގައި ކިޔަވަމުންދާ ތަފާތު ގާބިލިއްޔަތުގެ ކުދިން އަދި ތަފާތު ހުނަރުގެ ކުދިން ބާކީވެ، އެ ކުދިންގެ ހުވަފެންތަކަށް ހުރަސް އެޅިގެންދެ އެވެ. ހަމަމިއާ އެކު ސްކޫލުތަކުގެ ކާމިޔާބީ އަދި ޕްރިންސިޕަލުންނާ ޓީޗަރުންގެ ކާމިޔާބީ ވެސް މިނެ ކިރިގެންދަނީ މި މަދު އަދަދުތަކުގެ މައްޗަށް ކަމީ މިއަދު ފެންނަން އޮތް ހަގީގަތެކެވެ. ކަން މިހެން އޮތްއިރު، މިއީ ހުރިހާ ކުދިން ޝާމިލުކުރުން ކަމުގައި ބެލެވިދާނެތޯ އެވެ.
ތައުލީމީ މަރުހަލާތައް ނިންމާ ދަރިވަރުންގެ ތެރޭގައި ހުނަރުވެރި، ގާބިލު ކުދިންތައް ހިމެނިގެންދާއިރު، ގަދަ 10ގައި ހިމެނޭ މަދު ކުދިންތަކެއްގެ އަޑު ގަދަވެ، ގިނަ ކުދިންތަކެއް ބާކީކޮށްލެވެ އެވެ. މިއީ މީގެ ސަބަބުން އެފަދަ ކުދިންގެ ނަފްސަށް އޮންނަ އިތުބާރު ގެއްލި، ތިމާއަކީ ބޭކާރު މީހެއްގެ ގޮތުގައި ދެކި، ގޯސް މަގަށް އެނބުރުމަށް ދެވޭ ހިތްވަރަކަށް ވެގެންދެ އެވެ. މުޖުތަމައުން ފެންނަމުންދާ ގިނަ މައްސަލަތަކުގައި މި ފަދަ ކުދިން ބައިވެރިވެ، އެ ކުދިންގެ މުސްތަގުބަލު އަމިއްލަ އަތުން ހަލާކުކޮށްލަ އެވެ. އެހެންކަމުން މިއީ މިއަދު ވިސްނާލަންވެއްޖެ ކަމެކެވެ. އެހެންނޫނީ މާދަމާގެ ޒުވާން ޖީލުގެ މުސްތަގުބަލު ބަނަވެ، މުޖުތަމައު ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިގެންދާނެކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ.
ސްކޫލެއްގެ ކާމިޔާބީ ނުވަތަ ކުދިން ހޯދާ ކާމިޔާބީ މިނެކިރުމުގައި ދެވަނަ ވިސްނުމަކަށް ދިއުމަކީ މިއަދު ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އަޅުގަނޑުގެ ނަޒަރުގައި މިފަދަ ކާމިޔާބީތައް ފާހަގަކުރުމުގައި އަޅުގަނޑުމެން ކޮންމެހެން ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.
ސްކޫލެއްގެ ހަތަރު ފާރުތެރޭގައި ކުރެވޭ އެންމެ މުހިއްމު ކަމަކީ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުން ކަމުގައިވިއަސް ރީތި އަހުލާގެއްގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުން އެއީ ސްކޫލުން އެންމެ އިސްކަންދޭ އެއް ކަމަކަށް ހަދަންޖެހެ އެވެ.
ދަރިވަރުންނަށް ދެވޭ ތަރުބިއްޔަތު
ވަށައިޖެހޭ ތައުލީމީ ފަލްސަފާއެއްގެ ތެރެއިން، އިސްލާމި ރިވެތި އަދަބުތަކާ އެކު ތަރުބިއްޔަތު ކުރެވޭ ކޮންމެ ކުއްޖަކީ ވެސް އެ ކުއްޖެއްގެ އަމަލީ ދިރިއުޅުމުގައި ކާމިޔާބުވާނެ ކުއްޖެއްކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ސްކޫލެއްގެ ހަތަރު ފާރުތެރޭގައި ކުރެވޭ އެންމެ މުހިއްމު ކަމަކީ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުން ކަމުގައިވިއަސް ރީތި އަހުލާގެއްގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުން އެއީ ސްކޫލުން އެންމެ އިސްކަންދޭ އެއް ކަމަކަށް ހަދަންޖެހެ އެވެ. އެގޮތުން ބެލެނިވެރިންނާ ގުޅިގެން މިކަން އެދެވޭ ގޮތެއްގައި ކުރެވިއްޖެނަމަ ދިރިއުޅުމަށް ތައްޔާރު ކުއްޖަކު ބިނާކުރުމުގެ ފުރަތަމަ ހަރުފަތް ގިރާކުރެވުނީކަން ކަށަވަރެވެ.
ކާމިޔަބީ މިންކުރާ ގޮތަށް ބަދަލު ގެނައުން
ސްކޫލްތަކުގެ ކާމިޔާބީ މިންކުރުމުގައި ހަމައެކަނި ބަލާ މިންގަނޑެއްގެ ގޮތުގައި މިހާރު މި އޮންނަނީ ސްކޫލުން "ޓޮޕް 10" ނުވަތަ ގަދަ 10ގައި ހިމެނޭ ދަރިވަރުންގެ އަދަދެވެ. އެގޮތުން 100 ކުދިން ކިޔަވާ ސްކޫލަކުން 15 ކުދިން ގަދަ 10ގައި ހިމެނިގެން ކާމިޔާބީ ފާހަގަ ކުރާއިރު 50 ކުދިން ތިބި ސްކޫލަކުން 10 ކުދިން ގަދަ 10ގައި ހިމެނުނު ނަމަވެސް ކާމިޔާބީގެ ގޮތުގައި ފެންނަނީ އަދަދުގެ ގޮތުން 15 އެވެ. މިއީ ޕަސެންޓޭޖުން ބަލާނަމަ 10 ކުދިން ހިމެނުނު ސްކޫލުން ހޯދާފައިވާ އެވަރެޖު ނަތީޖާ އަށް ވުރެ މަތީ ކާމިޔާބީއެއްކަން އެނގިގެންދަނީ މަދުބަޔަކަށެވެ. މިހެން މިކަން އޮތުމުގެ ސަބަބުން ސްކޫލްތަކުން މި އަދަދު މަތިކުރަން ކުރެވޭ މަސައްކަތް އިތުރުވެ ބާކީ ކޮށްލެވޭ ކުދިންގެ އަދަދު ދަނީ ދުވަހުން ދުވަހަކަށް އިތުރުވަމުންނެވެ. މީގެ ނަތީޖާ މިއަދުގެ މުޖުތަމައުން ފެންނަނީ ވަރަށް ހިތިކޮށެވެ.
ފަސް މާއްދާ ނުވަތަ ތިން މާއްދާއިން ފާސްކުރެވޭ ޕަސެންޓަށް ރިއާޔަތްކުރުން
އިންސާނީ ތަބީއަތުގައި ވާގޮތުން ކުރެވޭ މަސައްކަތުގެ ނަތީޖާއިން ލިބޭ އިނާމަކަށް ނުވަތަ ޝަރަފު ހޯދުމަށް މަސައްކަތްކުރެވެ އެވެ. އެކަމާ ގުޅިގެން ގަދަ 10ގައި ހިމެނޭ ކުދިންގެ ކާމިޔާބީ ފާހަގަ ކުރުމަކީ އެ ހަރުފަތަށް ދެވޭނެ ފެންވަރުގެ ކުދިން އެ ހިސާބަށް ދިއުމަށް ލިބިގެންދާ ހިތްވަރެކެވެ. ނަމަވެސް ސްކޫލްގެ ކާމިޔާބީ މިންކުރުމުގައި ހަމައެކަނި ގަދަ 10ގައި ކުދިން ކޮޅެއް ހިމަނާލުމަށް ފަހު ދެންބާކީ ތިބޭ 80 ޕަސެންޓް ކުދިންގެ މަތިން ހަނދާން ނައްތާލާ އުސޫލަކުން އެކަންކުރެވޭ ނަމަ އެއީ ވަރަށް ނުރައްކާތެރި ފިޔަވަޅެއްކަން ކަށަވަރެވެ. މި މުޖުތަމައުން މިހާރު ފެންނަ ގިނަކަންކަމުގެ އަސްލަކީ ދިގު މުއްދަތަކަށް މިކަން މިގޮތުގައި ކުރެވުމުގެ އަސްލު ކަމުގައި ވެސް ވެދާނެ އެވެ. އެއްވެސް ޝައްކެތްނެތް ގޮތުގައި މިއަދު ބަލަންޖެހިފައި ވަނީ ހުރިހާ ކުދިން ޝާމިލްކޮށްގެން ހުރިހާ ދަރިވަރުންނަށް އިންސާފުވެރި އަދި ފައިދާހުރި ގޮތެއްގައި އެއްވެސް ކުއްޖަކު ބާކީކުރުމުގެ ފުރުސަތު ނެތި ސްކޫލްތަކުގެ ކާމިޔާބީ މިނެކިރާނެ ގޮތެކެވެ.
ސްކޫލްތަކުގެ ކާމިޔާބީ މިންކުރުމުގައި ބަލަންވީ 100 ކުދިންގެ ތެރެއިން 20 ކުދިން ސްޓޭޖު މަތިން ފެނިގެންދާއިރު ބާކީތިބި 80 ކުދިން ތިބި ހިސާބެވެ. އެ ކުދިން ވީ ތަނެކެވެ. އަދި އެ 80 ކުދިންގެ މުސްތަގުބަލަށްޓަކައި ބިންގާ އަޅައިދެވުނުތޯ އެވެ.
ސްކޫލްތަކުގެ ކާމިޔާބީ މިންކުރުމުގައި ބަލަންވީ 100 ކުދިންގެ ތެރެއިން 20 ކުދިން ސްޓޭޖު މަތިން ފެނިގެންދާއިރު ބާކީތިބި 80 ކުދިން ތިބި ހިސާބެވެ. އެ ކުދިން ވީ ތަނެކެވެ. އަދި އެ 80 ކުދިންގެ މުސްތަގުބަލަށްޓަކައި ބިންގާ އަޅައިދެވުނުތޯ އެވެ. އެ ކުދިންގެ ތެރެއިން ކިޔެވުމުން އެންމެ މަތީ ހަރުފަތާ ހަމައަށް ފޯރާފައި ނުވާ ކުދިންގެ ކިބައިގައިވާ ހުނަރުތަކާއި ގާބިލްކަން ދެނެގަނެ، އެކަންކަން ތަރައްގީކުރުމުގެ ފުރުސަތު ހޯދައިދެވުނީ ކިތައް ކުދިންނަށްތޯ އެވެ. މިއާއެކު ތައުލީމީ މަންހަޖުގެ ތަސައްވަރުގައިވާ ފަދައިން ދިރިއުޅުމަށް ތައްޔާރުކުރެވިފައިވާ ކުދިންތަކެއް ތައްޔާރުކުރެވިފައިވޭތޯ އެވެ.
މިއީ ސްކޫލެއްގެ ކާމިޔާބީ ފާހަގަ ކުރުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަމުގެ ގޮތުގައި އަޅުގަނޑަށް ގަބޫލުކުރެވެއެވެ.
ބެލެނިވެރިއެއް އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހެއްކަމުގައި ވިޔަސް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަމުން މި އަންނަނީ އެއް މިސްރާބަކަށް ކަމަށްވީހިނދު ހުރިހާ ކުދިން ޝާމިލްކޮށްގެން ދެވޭ ވަށައިޖެހޭ ތައުލީމްގެ ތެރެއިން ދިރިއުޅުމަށް ތައްޔާރުކުރެވިފައިވާ ކުއްޖަކު އުފެއްދުމަށް މަސައްކަތްކުރުން އެއީ އަޅުގަނޑުމެންގެ އަމާޒުކަމުގައި ހަދަންޖެހެ އެވެ. މިއަދު މިކަން ނުކުރެވިއްޖެ ނަމަ ގައުމުގެ ކުރިމަގު އޮންނާނެ ގޮތް މިއަދު މިދަނީ ވަރަށް ގާތުން ފެންނަމުންނެވެ. ކޮންމެދިމާލަކުން ވެސް ފެންނަނީ މާޔޫސްކަންމަތީ ގޮތްހުސްވެފައިވާ ޒުވާނުންތަކެވެ. އިވިގެންދަނީ ޒުވާނުންގެ ހާލަތާ ގުޅުން ހުރި އަޑުތަކެވެ. އެ ކުދިން ހާލުގެ ދުލުން އެދި ގޮވަނީ އެހީތެރިކަމުގެ އަތްތަކަށެވެ. އަޅާލުން ދޭނެ ހިތްތަކަކަށެވެ. މިކަން ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވެން އޮތީ ތައުލީމީ ދާއިރާއަށް ކަމަށްވީހިނދު، މިކަމުގައި ގެންނަންޖެހޭ ބަދަލުތަކާއެކު އަމަލީ ގޮތުން މަސައްކަތް ފަށައިގަންނަންވީ ވަގުތު މިއޮތީ ޖެހިފަ އެވެ.
އަޅުގަނޑުގެ ދުއާއަކީ މި ގައުމުގެ ކަންކަން ރަނގަޅުކުރުމުގެ ނިޔަތުގައި މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް އެކަމުގެ ހެޔޮވިސްނުން ދެއްވައި ކާމިޔާބީ މިންވަރުކުރެއްވުމެވެ.
އެޑިޓަރުގެ ނޯޓް: ތައުލީމީ ދާއިރާ އިން ޕީއެޗްޑީ ހައްދަވާފައިވާ ޑރ. އާސިޔަތު މުހައްމަދު ދީދީ އަކީ އައްޑޫ ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް އެވެ.