ސ. ހިތަދޫ ސްކޫލަށް އިންޑިއާ ހައި ކޮމިޝަން މެދުވެރިކޮށް، އެފްކޮން ކުންފުނިން 25 ކޮމްޕިއުޓަރު ހަދިޔާކޮށްފި އެވެ.
އެ ސްކޫލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެ ކޮމްޕިއުޓަރު ސިސްޓަމްތައް ހަދިޔާކޮށްދެއްވީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ އިސް ބޭފުޅުންނެވެ.
ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދު ދީދީ ވިދާޅުވީ، އިންޑިއާގެ ސަފީރު މުނު މަހަވަރު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އައްޑު އަށް ކުރެއްވި ދަތުރުގައި އޭނާއާ ބައްދަލުކުރައްވައި ކޮމްޕިއުޓަރު ލެބޯޓްރީގެ ޕްރޮޕޯސަލް ހުށަހެޅި ކަމަށެވެ.
އޭގެ ތިން މަސް ފަހުން، އައްޑޫގައި މަގު ހަދާ އިންޑިއާގެ ކުންފުނި އެފްކޮން މެދުވެރިކޮށް ދިން ކޮމްޕިއުޓަރުތަކުގެ ސަބަބުން ދަރިވަރުންނަށް އެތައް ފައިދާތަކެއް ކުރާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ލެބްގައި މިހާރު މި ހުރީ 15 ކޮމްޕިއުޓަރު ސިސްޓަމް. އެކަމަކު އަޕްގްރޭޑް ނުކުރެވި މި ދިޔައީ،" ޑރ. އާސިޔަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އާ ކޮމްޕިއުޓަރުތައް ލެބްގައި ބެހެއްޓުމަށްފަހު، ކުރީގެ ސިސްޓަމް އެކި ހިސާބުތަކަށް ބަހާލުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
"ވީހާ ވެސް ގިނަ ކުދިންނަށް ބޭނުން ކުރެވޭ ވަރަށް ކޮމްޕިއުޓާ ސިސްޓަމްތައް ބަހައްޓާނީ،" އާސިޔަތު ވިދާޅުވި އެވެ.